Roadha Mihaaru
އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުން މެއި ފަހެއްގައި

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމްއާ ހަވާލުކުރުން އޮތީ މެއި ފަހެއްގައި

21 މާޗް 2023

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާ ހަވާލުކުރުމުގެ ޖަލްސާ އަންނަ މެއި މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާ ހަވާލުކުރުމުގެ ޖަލްސާ އަންނަ މެއި މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްއެންޕީން މިއަދު ބުނީ އެ ތާރީހު ކަނޑައެޅީ ރޭ ބޭއްވި އެ ޕާޓީ ހިންގާ ގައުމީ ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގައި ކަމަށެވެ. އަދި ރިޔާސީ ކެނޑިޑޭޓަށް ޕާޓީގެ ޓިކެޓް ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ ޕާޓީގެ ނާއިބު ރައީސް ހުސެއިން އިސްމާއިލް ކަމަށް ވެސް އެމްއެންޕީން ބުންޏެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި އެމްއެންޕީގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ވެސް ނާޒިމް އެކަންޏެވެ. އެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެ އެވެ. އެހެންވެ، ނާޒިމަށް ރިޔާސީ ޓިކެޓް ކަށަވަރުވީ އެވެ.

މި އިންތިހާބުގައި އަލަށް ވާދަކުރާ އެމްއެންޕީގެ މެންބަރުންގެ އަދަދު އިތުރުކޮށް، މުޅި ރާއްޖެއަށް އެ ޕާޓީ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން، އެމްއެންޕީގައި މިހާރު 10،424 މެންބަރުން އެބަތިއްބެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ދީފަ އެވެ. ޖުމްހޫރީ ޕާޓީން ވެސް ވަނީ މި އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ. އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމާފައިވެ އެވެ.