27 މާޗް 2023
"އަޅުގަނޑަކީ ވަރަށް ފިޓް މީހެއް،" އޭނާ ވާހަކަ ފެށި އެވެ.
"އަޅުގަނޑަކީ ވަރަށް ފިޓް މީހެއް،" އޭނާ ވާހަކަ ފެށި އެވެ.
އެކަން އަބްދުﷲ ނާސިރުގެ ހަރަކާތްތަކުން ވެސް އެނގެ އެވެ؛ ހެނދުނު 4:30 ގައި ހޭލާ ގޮތަށް، ފުރަތަމަ ކަމަކީ މި ރަށް، ފ. ފީއަލި ވަށައި އެތައް އިރަކު ދުވުމެވެ. އެއަށް ފަހު އޭނާ ދެން ނުކުންނަނީ ކައުންސިލްގެ ވަޒީފާ އަށެވެ. އޭނާގެ މަސްއޫލިއްޔަތަކީ މި ރަށުގައި ދަނޑުވެރިކަން ފުޅާކުރުމާއި ސިއްހީ ކަސްރަތުތައް މީހުންނަށް ދަސްކޮށްދީ، އަމަލީ ގޮތުން އެކަން މީހުން ލައްވައި ކުރުވުމެވެ.
"އަޅުގަނޑު ބަލަހައްޓާ 15 ދަނޑު މި ރަށުގައި އޮންނާނެ،" 45 އަހަރުގެ ނާސިރު ބުންޏެވެ.
ނާސިރު: އޭނާ އަކީ ފީއަލީގައި ފުޅާ ދާއިރާއެއްގައި ދަނޑުހައްދާ މީހެއް -- ފޮޓޯ: މިޙާރު
މި ރޯދަ މަހަށް ފީއަލީގައި އޭނާ ހައްދަ ދަނޑުތަކުގައި އެއްޗެހި އަޅާނެ އެވެ. ދެ ކުދިންގެ ބައްޕަ ބުނި ގޮތުގައި، 800އެއްހާ މީހުންގެ އާބާދީއެއް އޮތް މި ރަށަށް މި ރޯދަ މަހު ކަރާ އާއި ކިޔުކަންބާ އާއި ލެޓިއުސް އަދި ސްވީޓް މެލަން ކަހަލަ އެއްޗެހި ބޭރުން ގެންނާކަށް ނުޖެހޭނެ އެވެ.
"މި ރަށަށް ބޭނުންވާ ވަރަށް އެ އެއްޗެހި މި ރަށުގައި ހެއްދޭނެ ކަން ޔަގީން، މި ބަލަނީ މި ރޯދަމަހު ހަމަ އެކަނި ކަރާ ވެސް ފަސް ޓަނު ކެނޑޭނެ ކަމަށް،" އޭނާ ބުންޏެވެ.
މި ރަށު ކައުންސިލުން އިސް ނަގައިގެން ދަނޑުވެރިކަން ފުޅާ ކުރެވޭތޯ ބަލަން އޭގެ އެހީތެރިކަން އެންމެ ބޮޑަށް ހޯދަނީ ނާސިރުގެ ކިބައިންނެވެ. ނާސިރަކީ، ދަނޑުވެރިކަމުގެ ހުނަރު ހުރި، މަސައްކަތްތެރި މީހެކެވެ.
"އަޅުގަނޑު ކުރިން އުޅުނީ ސިފައިންގޭގައި. ސިފައިންގެ އިން 1997ގައި އަޅުގަނޑަށް ވަޒީފާ ލިބިގެން ދެން އެތާނގައި އުޅުނިން 2003 ގެ ނިޔަލަށް. ދެން އެތަނުން ކެނޑިގެން އަޅުގަނޑު ދިޔައީ ތޮއްޑު އަށް،" އޭނާ ކިޔައިދިނެވެ.
ނާސިރު ބަލަހައްޓާ ދަނޑެއްގައި: މި ރޯދަ މަހު ގިނަ އަދަދަކަށް ނަރާ ލިބޭނެ -- ފޮޓޯ: މިހާރު
"ތޮއްޑު އަކީ އަޅުގަނޑުގެ މާމަމެންގެ އާއިލާ އުޅޭ ރަށް. އެ ރަށަށް ދަތުރުވަރެއްގައި ގޮސް އުޅެނިކޮށް އެ ރަށުން ކުއްޖަކާ ދިމާވެ އަހަރެއްހާ ދުވަސް ތެރޭގައި އޭނާއާ ކައިވެނިކޮށްގެން ދެން އެ ރަށުގައި އުޅުނީ. އޭރު އަޅުގަނޑު ދަސްކުރި ކަމެއް ކަމެއް މިއީ ދަނޑުވެރިކަމަކީ،" ނާސިރު ބުންޏެވެ.
"މިއީ އަޅުގަނޑު ވަރަށް ކުރާ ހިތުން ކުރާ ކަމެއް. ދަނޑުވެރިކަމުގައި އަޅުގަނޑު ނޯންނާނެ ނުދަންނަ އެއްވެސް ކަމެއް، ހައްދަން ނޭނގޭ އެއްވެސް އެއްޗެއް،" އޭނާ ބުންޏެވެ.
ތޮއްޑޫގެ 18 އަހަރުގެ ޒުވާނާއާ ކުރި ކައިވެނި ދިޔައީ ވަރަށް ދެރަކޮށެވެ. އެ ކުއްޖާ އަކީ، ނާސިރު ބުނި ގޮތުގައި ވިހޭއިރު ވެސް ކެންސަރު ޖެހިފައި ހުރި ކުއްޖެކެވެ. އެކަން އޭނާ އަށް އެނގުނީ ކައިވެނި ކުރި ފަހުންނެވެ.
"އިންޑިއާ އަށް ގޮސް 10 މަސްވަންދެން އޭނާ އެޑްމިޓް ކޮށްގެން ވެސް ތިބިން. މެދުކެނޑި އެއް އަހަރު ވަންދެން އިންޑިއާގައި ތިބިން. އެ ބަލިން ހަމަ އެއްގޮތަކަށް ވެސް ރަނގަޅު ނުވެ އަންހެނުން ނިޔާވީ. އެއީ ވަރަށް ހިތްދަތި ދުވަސްތަކެއް. ދެން އެހިސާބުން އެނބުރި މި ރަށަށް ދިރިއުޅުން ބަދަލުކުރަން އަޅުގަނޑަށް މަޖުބޫރުވެއްޖެ،" އޭނާ އެ ވާހަކަތަކުގެ ތަފުސީލަށް ނުގޮސް، ކުރުކޮށްލި އެވެ.
މި ރޯދަ އަށް ނާސިރު (ކ) ފަޅޯ ގަސްތަކެއް އިންދަނީ -- ފޮޓޯ: މިހާރު
ބިން ފުރިފައި އޮތް މި ރަށުގައި އާންމުން ހައްދާ ގިނަ ދަނޑުތައް ވެސް ބަލަހައްޓަނީ ނާސިރެވެ. އޭނާ ބުނި ގޮތުގައި އެ ދަނޑުތައް ބަލަހައްޓަނީ އާމްދަނީގެ 50 ޕަސެންޓް ލިބޭ ގޮތަށެވެ.
"ހުރިހާ ހަރަދެއް ކުރާނީ ދަނޑުގެ ވެރިޔާ. އެކަމަކު ހުރިހާ މަސައްކަތެއް ކުރާނީ އަޅުގަނޑު. ދަނޑުގައި ހުރިހާ ކަމެއް, އޮށް އިންދުމާއި ފަސްގަނޑު ޖެހުމާއި ކާނާ އެޅުމާއި ފެން ޖެހުމާއި މޭވާ ކެނޑުން ވެސް އެއީ ހަމަ އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ދަނޑުތަކުގައި ކުރަން ޖެހޭ މަސައްކަތް،" އޭނާ ބުންޏެވެ.
މި ރަށުގައި އޭނާ ކުރާ ހަމައެކަނި ކަމަކީ ދަނޑު ހެއްދުމެއް ނޫނެވެ. ދަނޑުވެރިކަން މީހުންނަށް ދަސް ވެސް ކޮށްދެ އެވެ. ކައުންސިލުން ދަނޑު ހައްދާ ތިން ބިމުގައި އޭނާ ބޮޑަށް ކުރަނީ އެކަމެވެ. އެކަމަކު، އޭނާ ބުނާ ގޮތުން މައްސަލައަކީ ދަނޑުވެރިކަމަށް ހިތް އޮތް ޒުވާނުންތަކެއް ނެތުމެވެ.
"މިކަން ދަސްކުރަން ބޭނުންވާ ޒުވާނުން ވަރަށް މަދު،" އޭނާ ބުންޏެވެ.
އެކަމަކު މިއީ، ރަށުގައި ތިބެގެން ކުރަން ހަމަ އެންމެ ރަނގަޅު އެއް މަސައްކަތް ކަމަށް އޭނާ ބުނެ އެވެ. އޭގެ ސަބަބުތައް ވެސް އޭނާ ކިޔައިދިނެވެ.
ނާސިރު، ދަނޑަކަށް ފެން ޖަހަނީ: އޭނާގެ ދުވަސް ހޭދަވަނީ މިކަމުގައި -- ފޮޓޯ: މިހާރު
"ރަނގަޅަށް ދަނޑު ހައްދާލައިފިއްޔާ މަހެއްގެ މައްޗަށް ލިބޭނެ 18-20 ހާސް ވަރު. އެއީ ރަށަކަށް ބަލާއިރު ކުޑައެއްޗެއް ނޫން. ރޯދަ މަސް ނޫނަސް އެވަރު ނެގޭނެ،" އޭނާ ބުންޏެވެ.
އޭނާގެ ލިސްޓަށް އަދި އިތުރު ކުރަން ޖެހޭ އެހެން ދެ ކަމެއް ވެސް އެބައޮތެވެ. އެއް ކަމަކީ ކަސްރަތެވެ. އޭނާ އަކީ، ސިފައިންގޭގައި އުޅުނު އިރު، އެއް އަހަރު އެންމެ ފިޓް މީހާގެ މަގާމު ވެސް ހޯދާފައިވާ މީހެކެވެ.
"އަޅުގަނޑަކީ ކަސްރަތު ކުރާ ހިތްވާ އެކަމަށް ވަރަށް ލޯބިކުރާ މީހެއް. އެހެންވެ މި ރަށުގައި ކަސްރަތު ކުލާސްތަކެއް ވެސް ރޭގަނޑު ހިންގަން ކައުންސިލާއި ޕޮލިހާ ގުޅިގެން. ވަރަށް ގިނަ މީހުން އަންނާނެ. އޭގައި އޮންނާނެ އެކި ކަހަލަ ކަސްރަތު. މިލިޓަރީ ކަސްރަތުތައް ވެސް އޮންނާނެ،" ނާސިރު ބުންޏެވެ.
ނާސިރު ދޭ ޔަގީން ކަމަކީ މި އެވެ؛ އޭނާ މި ގޮތަށް ދަނޑު ހައްދާހާ ދުވަހަކު މި ރަށު މީހުން ހާސްވާނެ ކަމެއް ނެތެވެ. ރަށު މީހުންނަށް ބޭނުންވާ ވަރަށް ވުރެ ވެސް ގިނައިން ދަނޑުތަކުން އެއްޗެހި ލިބޭނެ އެވެ.
ބަށީގެ ރާނީ: "އެ ފޯރި އާއި ދިރުން ގެއްލުވާލައިފި"!
ނަޒްމާގެ ހަޔާތް: ދިރިއުޅުން ކަރުނައިގެ ތެރޭގައި!
ސަމާސާއެއް ނޫން، އިދުރީސް އަކީ ބްރޭންޑެއް
ސްކޫލް ނިންމާފައި މަހަށް، މިހާރު އެހެން ދިމާއަކަށް!
"ޑެއިޒީ" ފަރިކުރި ތިން ބެއިން!
ސުޖުއާން: ޑިސްކަވަރީ ތެރެއަށް ގެއްލި ބޭރުގެ ރާޑަރަށް
ހިޔާލުތަކާ ދުރަށް ދަނީ މި ދޯނިތަކުގައި
މުހައްމަދު: އެންމެ އަލިގަދަ ތަރިއަކީ މިއީ!
އެތައް ކުއްޖަކަށް "އަގުބޮޑު" މަންމަން ކޯޗު
މުސްކުޅިވީ ދުވަހު ހަތަރު ކުދިންގެ "މަންމަ"އަކަށް!