Roadha Mihaaru
ވެރިކަން ދޫކޮށްލެއްވުމަށް ގެމްބިއާގެ ރައީސް އެއްބަސްވެއްޖެ

ވެރިކަން ދޫކޮށްލެއްވުމަށް ގެމްބިއާގެ ރައީސް އެއްބަސްވެއްޖެ

21 ޖެނުއަރީ 2017

އިންތިޚާބުން ބަލިވީމާ ވެސް ވެރިކަން ދޫކޮށްލެއްވުމަށް ދެކޮޅު ހައްދަވަމުން ގެންދެވި ގެމްބިއާގެ ރައީސް ޔަހްޔާ ޖާމީ، މަގާމު ދޫކޮށްލައްވައި އައު ރައީސް އާދަމާ ބާރޯއާ ވެރިކަން ހަވާލު ކުރެއްވުމަށް އެއްބަސްވެވަޑައިގެންފި އެވެ.

އިންތިޚާބުން ބަލިވީމާ ވެސް ވެރިކަން ދޫކޮށްލެއްވުމަށް ދެކޮޅު ހައްދަވަމުން ގެންދެވި ގެމްބިއާގެ ރައީސް ޔަހްޔާ ޖާމީ، މަގާމު ދޫކޮށްލައްވައި އައު ރައީސް އާދަމާ ބާރޯއާ ވެރިކަން ހަވާލު ކުރެއްވުމަށް އެއްބަސްވެވަޑައިގެންފި އެވެ.

ވެރިކަން ދޫކޮށްލެއްވުމަށް ޔަހްޔާ މި އެއްބަސްވެވަޑައިގަތީ، އަވައްޓެރި ގައުމުތަކުގެ ވެރިން އެތައް ދުވަހެއް ވަންދެން ވާހަކަ ދައްކަވައި އެންމެ ފަހުން އަސްކަރީ ގޮތުން ފިޔަވަޅު އަޅާ ހިސާބަށް ކަންތައް ދިޔަ ފަހުންނެވެ. ގެމްބިއާގެ ވެރިކަމުގައި ޔަހްޔާ ހުންނަވާތާ މިހާރު 23 އަހަރު ވެއްޖެ އެވެ.

މިދިޔަ މަހު ބޭއްވި ރިއާސީ އިންތިހާބުގައި އާދަމާ އާ ވާދަ ކުރައްވައި އިންތިހާބުން ބަލިވުމުން، ނަތީޖާ ގަބޫލު ކުރެއްވި އެވެ. ނަމަވެސް ފަހުން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ އަލުން އިންތިހާބު ބާއްވައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ.

މޮރިޓޭނިއާ އާއި ގިނީގެ ރައީސުން ގެމްބިއާ އަށް ވަޑައިގެން ރައީސް ޔަހްޔާއާ އެކު އިއްޔެ ވެސް އެތައް ގަޑިއިރެއް ވަންދެން މަޝްވަރާ ކުރެއްވި އެވެ. އޭރު އެފްރިކާގެ ބައެއް ގައުމުތައް ގުޅިގެން އެކުލަވައިލި ލަޝްކަރުގެ ސިފައިން ތިބީ، ޔަހްޔާ މަގާމު ދޫކޮށްނުލައްވައިފި ނަމަ ގެމްބިއާ އަށް އަރައި ބާރުގެ ބޭނުންކޮށްގެން ވެސް އޭނާ މަގާމުން ދުރު ކުރުމަށް ތައްޔާރުގަ އެވެ.

ޔަހްޔާ މަގާމު ދޫކޮށްލެއްވުމަށް އެފްރިކާގެ ގައުމުތަކުން ދިން މުހުލަތު ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހަމަވުމާ އެކު، އިންތިޚާބުވެފައިވާ ރައީސް އާދަމާ ބާރޯ ވަނީ ސެނެގޯލްގައި ހުންނަ ގެމްބިއާގެ އެމްބަސީގައި މަގާމުގެ ހުވާ ކުރައްވައިފަ އެވެ.

މުހުލަތު ހަމަވި އިރު ވެސް މަގާމު ދޫކޮށްނުލެއްވުމުން، ޔަހްޔާގެ ސަރުކާރުގެ އިސް ވެރިންނާއި ސިފައިންގެ ބައެއް ވެރިން ވަނީ އެ ބޭފުޅުންގެ މަގާމުތަކުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންކަމުން މަގާމުގައި ދެމި ހުންނެވޭނެ އިތުރު ގޮތެއް ނެތް ކަން ކަށަވަރުވުމުން މަގާމުން ވަކިވުމަށް ނިންމެވީ ކަމަށް ސިޔާސީ ފަރާތްތަކުން ދެކެ އެވެ.

މަގާމު ދޫކޮށްލުމާ ބެހޭ ގޮތުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ޔަހްޔާ ވަނީ ވެރިކަމުގައި ހުންނަވައިގެން އޭނާ އަށް ކުރެވިފައިވާ ކުށްތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސްގެ ޗެއާމަން މާކެލް އެލައިން ޑިސޫޒާ ވިދާޅުވީ ޔަހްޔާގެ އެ ހުށަހެޅުން ގަބޫލުނުކުރައްވާ ކަމަށެވެ.

ޔަހްޔާ ކުރިން ވިދާޅުވެފައިވަނީ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް ދިރިއުޅުއްވާނީ ގެމްބިއާގައި ކަމަށެވެ. ނަމަވެސް މިހާރު ކަންތައް ގޮސްފައިވާ ހިސާބަށް ބަލާއިރު، އަމިއްލަ ގައުމުގައި ހުންނަވާނެ ކަމަކަށް ނުބެލެވެ އެވެ. ނައިޖީރިއާ އާއި މޮރޮކޯ އިން އޭނާ އަށް ހިމާޔަތް އަރުވާފައިވާ އިރު، ވަޑައިގަންނަވާނީ ކޮން ގައުމަކަށް ކަމެއް ޔަހްޔާ އަދި ނުނިންމަވަ އެވެ.