Roadha Mihaaru
އަރިދަފުސް ރޯގާއި އާއި ބޭރަށް ހިންގުން އިތުރުވެއްޖެ

އަރިދަފުސް ރޯގާއި އާއި ބޭރަށް ހިންގުން އިތުރުވެއްޖެ

16 މާޗް 2023

މިދިޔަ މަހު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ މަހު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިދިޔަ މަހު އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 30،628 މީހަކު ޑޮކްޓަރަށް ދައްކާފައިވާއިރު، ޖެނުއަރީ މަހު އެ އަދަދު ހުރީ 29،307 ގަ އެވެ. ރޯގާ އެންމެ ގިނައީ މާލެ، ހއ، ށ، ނ، ރ، ބ ޅ، އދ، ލ، ގދ، ފުވައްމުލަކު އަދި އައްޑޫގަ އެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

● ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުން.

● އަތް ދޮވެ ސާފުކޮށްފައި ބެހެއްޓުން.

● ރޯގާ ޖެހިއްޖެ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުން.

● މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެެއްކުމާއި އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގައި މިދިޔަ މަހު ޑޮކްޓަރަށް ދެއްކީ 4،357 މީހުންނެވެ. ޖެނުއަރީ މަހު 3،502 މީހަކު ޑޮކްޓަރަށް ދެއްކި އެވެ. މި ބަލި އެންމެ ގިނައީ މާލެ، ހއ، ޅ، އއ، އދ އަދި ދ. އަތޮޅުގަ އެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

● ކެއުމުގެ ކުރިންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުން.

● ފާހަނާކުރުމަށް ފަހު ރަނގަޅަށް އަތްދޮވުން.

● ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން.

● ސާފު ބޯފެން ބުއިން.

● ގިނަގިނައިން ލޮނުޕެކެޓް ބުއިމާއި ފެނާއި ސޫޕާއި އަދި ކުރުނބާ ފަދަ އެއްޗެހި ބުއިން.

● މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެއްކުން.

މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގެ ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރުނެވެ. ނަމަވެސް، މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިދިޔަ މަހު ވައިރަލް ހުމާއި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މަދެވެ.