Roadha Mihaaru

ޝަމްވީލްގެ "ލަވް މެޝަޕް 5" ގެ ވީޑިއޯއަށް ބޮޑު ތަރުހީބެއް

16 މާޗް 2023

މޯލްޑިވިއަން އައިޑަލް އިން ވިދާލި ރާއްޖޭގެ ލަވަކިޔުންތެރިޔާ މުހައްމަދު ޝަމްވީލް (ބެރޯ) ގެ ފަސް ވަނަ "ލަވް މެޝަޕް" ލަވައިގެ ވީޑިއޯއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މޯލްޑިވިއަން އައިޑަލް އިން ވިދާލި ރާއްޖޭގެ ލަވަކިޔުންތެރިޔާ މުހައްމަދު ޝަމްވީލް (ބެރޯ) ގެ ފަސް ވަނަ "ލަވް މެޝަޕް" ލަވައިގެ ވީޑިއޯއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ޔޫޓިއުބްގައި ޕްރިމިއާ ކުރި އެ ވީޑިއޯއަށް، އެއް ދުވަސްތެރޭ ވަނީ 6،000 ގާތްކުރާ އަދަދަކަށް ވިއުސް ލިބިފަ އެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 2 އަށް ފަހު ޝަމްވީލްގެ ގިނަ ލަވަތަކެއް އަންނަނީ ނެރެމުންނެވެ. އޭގެ ތެރެއިން، އޭނާ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައި ވަނީ "ލަވް މެޝަޕް"ގެ ނަމުގައި ކުރީގެ އެކި ލަވަތައް އެއްކޮށްލައިގެން އެއް ޓްރެކެއްގައި އެ ލަވަތައް ކިޔައިގެން، ކޮންމެ އަހަރަކުވެސް ނެރޭ މެޝަޕްތަކުންނެވެ.

ލަވައިގެ ކަވާ އާޓް: ލަވަކިޔުންތެރިޔާ ޝަމްވީލް (ބަރޯ) އަދި އޭނާގެ ފަހު މެޝަޕްގައި ފީޗާ ކުރި އައިޝަތު އިބްނާ ނާސިރު

ލަވައިގެ ކަވާ އާޓް: ލަވަކިޔުންތެރިޔާ ޝަމްވީލް (ބަރޯ) އަދި އޭނާގެ ފަހު މެޝަޕްގައި ފީޗާ ކުރި އައިޝަތު އިބްނާ ނާސިރު

"ލަވް މެޝަޕް 5" ކިޔާފައި ވަނީ ޝަމްވީލާއި އައިޝަތު އިބްނާ ނާސިރެވެ. މިއީ އޭނާގެ މޭޝަޕެއްގައި އިތުރު އާޓިސްޓަކު ފީޗާކުރި ފުރަތަމަ ފަހަރެވެ. މި ލަވައިގެ ވީޑިއޯ ގެނެސްދީފައި ވަނީ މީގެ ކުރިން އޭނާގެ މެޝަޕްތަކުގެ ވީޑިއޯތަކާއި ވަރަށް ތަފާތުކޮށެވެ.

"ވަރަށް މަސައްކަތުން، ވަރަށް ގިނަބައެއްގެ އެހީއާ އެކު މި ލަވައިގެ ވީޑިއޯ ހެދީ. ލަވަޔަށް ލިބޭ ތަރުހީބާ މެދު ވަރަށް ހިތްހަމަޖެހޭ" ޝަމްވީލު "މިހާރު" އަށް ކިޔައިދިނެވެ.

އެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓުކޮށްފައިވާ އެ ލަވައިގެ ވީޑިއޯގެ ސިނަމަޓޯގްރަފީގެ މަސައްކަތް ކުރީ އަރަމުން އަންނަ ސިނަމަޓޯގްރާފަރު އިބްރާހިމް ޝުޖާއު (ޖަންކީ) އެވެ. ރީތި ނެށުމެއް ފެންނަ އެ ލަވައިގެ ކޮރިއޮގްރަފީ ހެދީ "ވަން ޝޮޓްސް އިވެންޓްސް" ގެ ކުޑަ ރިޗާޑް (ޝަރަފް) އެވެ.

"މި ލަވައިގެ ވީޑިއޯ ހެދުމަށް އެހީވި އެންމެނަށް ޝުކުރު ދަންނަވަން. ހާއްސަކޮށް، އިބްނާ، މުންނި، ޝާބިން، ލުބޫ، ފައިސަލް، ކިންްގް ރިޗީ، ނަރީޝް، ފުބޫ، ވަން ޝޮޓްސްގެ ޓީމް އަދި ރިފާޝްގެ ނަން ފާހަގަކޮށްލާނަން" ޝަމްވީލް ބުންޏެވެ.

އޭގެ އިތުރުން، ލަވަ ސްޕޯންސާ ކުރި ކަމަށްޓަކައި، "ޕްރޯ ސަޕްލަޔާސް" އަށް ވެސް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ޝަމްވީލު ބުންޏެވެ.