Roadha Mihaaru
ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު ލާން ޕޯޓަލްއެއް

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު ހުށަހަޅަން ޕޯޓަލްއެއް، 10 އަހަރު ވަންދެން ފޯމު ބާއްވަންޖެހޭނެ

13 މާޗް 2023

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ހުށަހަޅާގޮތަށް ހަމަޖައްސައި ހުށަހަޅާ ފޯމުތައް އެ ޕާޓީއަކުން 10 އަހަރު ވަންދެން ރައްކާކުރަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ހުށަހަޅާގޮތަށް ހަމަޖައްސައި ހުށަހަޅާ ފޯމުތައް އެ ޕާޓީއަކުން 10 އަހަރު ވަންދެން ރައްކާކުރަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހަމަޖައްސައިފި އެވެ.

އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ގެނައި ފަސް ވަނަ އިސްލާހުގައި ބުނީ ސިޔާސީ ޕާޓީގައި ދަފްތަރުކުރުމަށް ފޯމު ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްގެން ހެދި "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް، އޮންލައިންކޮށް ހުށަނޭޅޭ ހާލަތްތަކުގައި އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެ ކަމަށް ބުންޏެވެ.

ޕާޓީތަކަށް ވަނުމަށް މީގެ ކުރިން ހުށަހަޅަން ޖެހެނީ ކަރުދާސް ފޯމު ހުށަހަޅާށެވެ. އެހެންވެ، އެ ފޯމުތައް ރައްކާކުރަން އީސީއަށް ބޮޑު ޖާގައެއް ބޭނުންވެ އެވެ.

ނަމަވެސް، އަލަށް ގެނައި އިސްލާހާ އެކު ޕާޓީތަކަށް ވަންނަ ފޯމު ރައްކާކުރަން ޖެހޭނީ އެ ޕާޓީއަކުންނެވެ. އެގޮތަށް 10 އަހަރުވަންދެން އެ ފޯމު ރައްކާކުރަންޖެހެ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާޓީތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލުމުން އެ ކޮމިޝަން އަދި ޕާޓީތަކަށް ވެސް ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"މިހާތަނަށް ވެސް ރަސްމީ ގަޑީގައި ފޯމު ހުށަހަޅަމުން ދިޔައީ. އެ ފޯމުތައް ގުނުމަށް ވެސް އެތައް ވަގުތެއް ހޭދަވޭ. އެކަމަކު، މިހާރު ބޭނުން ވަގުތެއްގައި ހުށަހަޅަންވީ." ހަބީބު ވިދާޅުވި އެވެ.

ވަކި މުއްދަތެއް ވަންދެން ފޯމުތައް ރައްކާކުރުމަށް އީސީން ސިޔާސީ ޕާޓީތަކާ އެކު ވަކި އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. މިހާރު އަންނަނީ އެއްބަސްވުން ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހަބީބު ވިދާޅުވީ މީހުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާއި ދަފްތަރުގެ ޝަކުވާއެއް ހުށަހަޅައިފި ނަމަ އެ ޕާޓީއަށް ވަތްކަމުގެ ފޯމުގެ ކޮޕީ ދެން ފޯރުކޮށްދޭން ޖެހޭނީ އެ ޕާޓީއަކުން ކަމަށެވެ.

ޕާޓީތަކުގައި ދަފްތަރުގައި ރަޖިސްޓްރީވާން ޕޯޓަލް އެއް ހެދިއަސް ފޯމު ހުށަހަޅަންޖެހޭނީ ރަސްމީ ފޯމު ފުރިހަމަކޮށް، އެ ސްކޭންކުރުމަށްފަހުގަ އެވެ.