Roadha Mihaaru
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ބުދަ ދުވަހު

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ބުދަ ދުވަހު އޮންނާނެ: އީސީ

04 އޯގަސްޓް 2023

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ހަފުތާގެ ބުދަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ހަފުތާގެ ބުދަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރަން ބުދަ ދުވަހު ގުރުއަތުލުން އޮންނާނެ ކަމަށެވެ.

އެ ބައްދަލުވުން އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 އިން 5:30 އަށް ދަރުބާރުގޭގަ އެވެ. އެ ރަސްމިއްޔާތުގައި އިންތިހާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވާނެ އެވެ.

ހަބީބް ވިދާޅުވި ގޮތުގައި، ކެންޑިޑޭޓަށް ބައިވެރި ނުވެވޭ ހާލަތެއްގައި ކެންޑިޑޭޓުންގެ މަންދޫބަކަށް ބައިވެރިވެވޭނެ އެވެ.

ރިޔާސީ އިންތިހާބަށް 36 ދުވަހަށް ވެފައިވާ އިރު މިހާތަނަށް އެ އިންތިހާބުގައި ވާދަ ކުރަން ނިންމަވާފައި ވަނީ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިމަތިލައްވާފައިވީ ނަމަވެސް އެ މަނިކުފާނުގެ ކެންޑިޑެސީ އީސީން ބަލައިނުގަތުމުން މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ނަމަވެސް ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި އިދިކޮޅު ތަމްސީލް ކުރުމަށް ޕީއެންސީގެ ފަރާތުން އިއްޔެ ވަނީ މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓު ދޭން ނިންމައިފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ އަންނަ ހޯމަ ދުވަހު އެވެ. މިހާތަނަށް އައިއިރު ކެންޑިޑެސީ ފޯމު ހުށަޙެޅުއްވީ ޔާމީންގެ ފަރާތުން އެކަންޏެވެ. ނަމަވެސް ޔާމީންގެ ގާނޫނީ ޝަރުތެއް އުނިވެފައިވާތީ ފޯމު އަނބުރާ ފޮނުވައިލީ އެވެ.