Roadha Mihaaru
މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދެނީ

މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދެނީ

18 މާޗް 2022

ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ 3،000 މެމްބަރުން ހަމަވާނަމަ އެވެ. ނަމަވެސް ޕާޓީން މެމްބަރުން ވަކިވުމުން، ހަތަރު ޕާޓީއެއްގެ މެމްބަރުން ވަނީ އެއަށް ވުރެ މަދުވެފަ އެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން 3،000 އަށްވުރެ މެމްބަރުން މަދުކޮށް އުޅެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަދި ޑީއާރުޕީ އެވެ.

އެހެންވެ، އެ ކޮމިޝަނުން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ވަނީ 3،000 މެމްބަރުން ހަމަކުރަން އެ ޕާޓީތަކަށް ނޯޓިސް ދޭން ނިންމައިފަ އެވެ. ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުކުރެވިއްޖެނަމަ އީސީން ދެން ފަށާނީ ޕާޓީ އުވާލުމުގެ މަސައްކަތެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެ ޕާޓީތަކުގެ މެމްބަރުން 3،000 އަށްވުރެ މަދުން ތިބި ނަމަވެސް، މީގެ ކުރިން ނޯޓިސް ނުފޮނުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުންނެވެ. އެ ހާލަތު އިއުލާންކޮށްފައި އޮތުމުން ވަކި މުއްދަތުގެ ތެރޭގައި ކުރަންޖެހޭ ކަންކަމަށް ސަސްޕެންޝަނެއް އަންނާނެ އެވެ.

"ކުއްލި ނުރައްކާ އުވާލުމާ އެކު ކޮމިޝަނުން ނިންމީ ޕާޓީތަކަށް ނޯޓިސް ދިނުމަށް،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވަނީ މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރާއިރު ވެސް ސައްހަ ފޯމް ހުށަހެޅުމަށް އިލްތިމާސްކުރައްވައިފަ އެވެ.

ޕާޓީއެއް ރަޖިސްޓްރީކޮށްދެނީ 3،000 މެމްބަރުން ހަމަވެގެންނެވެ. އެކަމަކު ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ 10،000 މެމްބަރުން ހަމަވާނަމަ އެވެ.