Roadha Mihaaru

އެމްޓީޑީ ޕާޓީ އުވާލައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިލެކްޝަންސް ކޮމިޝަނުން މިއަދު އުވާލައިފި އެވެ.

އެމްޓީޑީ ޕާޓީ އުވާލައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

02 ސެޕްޓެމްބަރ 2025

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިލެކްޝަންސް ކޮމިޝަނުން މިއަދު އުވާލައިފި އެވެ.

އީސީން އެ ޕާޓީ އުވާލީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުންނެވެ. އެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ އެވެ.

އީސީން މިރޭ ބުނީ މިއަދުން ފެށިގެން އެމްޓީޑީ އުވާލައި އެ ޕާޓީ، ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

މީގެކުރިން ވެސް 3،000 މެންބަރުން ހަމަނުވާތީ، އެ ޕާޓީއަށް ފުރުސަތު ދިނެވެ. އެ ފުރުސަތުގައި އެ ޕާޓީން އެ އަދަދަށް މެންބަރުން ހަމަ ވެސް ކުރި އެވެ.

ނަމަވެސް އީސީން މިފަހަރު އެ ޕާޓީ އުވާލަން ނިންމީ އެ އަދަދަށް އަނެއްކާވެސް މެމްބަރުން ހަމަނުވުމުންނެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އޮތް ކުރީގެ ނައިބު ރައީސް އަދީބު އިސްކޮށް ހުރެ އުފެއްދި އެމްޓީޑީ މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، މި ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނެތެވެ.

ކުރީގެ ސަރުކާރުން އަދީބުގެ އަދަބު ލުއިކޮށްދީ، ޖަލުން މިނިވަންކުރުމުން، އޭނާ މިހާރު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ.