01 ޖޫން 2022
އިދިކޮޅު ޕީޕީއެމްގެ 5،000 މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވަގަށް ވައްދާފައިވާ މައްސަލަ މާކުރިން ހުށަހަޅާފައިވަނިކޮށް، އެ މައްސަލައާ ގުޅިގެން ފިޔަވަޅު ނާޅައި އޭގެ ފަހުން ހުށަހަޅާ އެފަދަ މައްސަލަތައް ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބަލައިނުގަނެވޭ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމްގެ 5،000 މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވަގަށް ވައްދާފައިވާ މައްސަލަ މާކުރިން ހުށަހަޅާފައިވަނިކޮށް، އެ މައްސަލައާ ގުޅިގެން ފިޔަވަޅު ނާޅައި އޭގެ ފަހުން ހުށަހަޅާ އެފަދަ މައްސަލަތައް ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބަލައިނުގަނެވޭ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމުން އެ ގޮތަށް ބުނީ، މި އަހަރުގެ އޭޕްރީލް 1 އިން ފެށިގެން ޕާޓީއަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ޕާޓީއެއް 10،000ރ. އަށް ޖޫރިމަނާކުރާ ގޮތަށް އީސީން މިއަދު ނިންމާފައިވާތީ އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީސީ އަށް ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ޕާޓީއެއް 10،000ރ. އިން ޖޫރިމަނާ ކުރާއިރު، ރަޖިސްޓްރާ ވެސް ފުރަތަމަ ފަހަރު 5،000 އަދި ދެވަނަ ފަހަރު 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޕީޕީއެމުން ކަންބޮޑުވުން ފާޅުކުރީ އޭޕްރީލް އެކެއްގެ މާކުރިން ވެސް އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމުގެ ތުހުމަތު ކުރެވޭތީ އެވެ.
އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "މިހާރު" އަށް ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީން ގިނަ ބަޔަކު އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށެވެ. އެކަމަކު ޕީޕީއެމުން އެ މައްސަަލަ އީސީ އަށް ހުށަހަޅާފައިވަނިކޮށް، އެ ކަމާ އަޅާނުލައި، އެހެން މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުން ބަލައި ނުގަނެވޭ ކަމަށް ތޮލާލް ވިދާޅުވި އެވެ.
"އޮކްޓޫބަރު އެކަކުން ފެށިގެން ޑިސެމްބަރާ ހަމައަށް ވެސް 5000 އަށް ވުރެ މާގިނަ މެމްބަރުން އެބަވޭ އެހެން ޕާޓީތަކަށް ގެންގޮސްފައި. ދެން އެ ޕާޓީތަކުގެ ނަން ހާމަކުރާކަށް ނެތިން އަޅުގަނޑު. އެކަމަކު އެ މުއްދަތުގައި ހިނގި ކަމަކަށް ރިއާޔަތް ނުކޮށް އޭޕްރީލް އެކަކުން ހުށަހަޅާ ފޯމުތައް ޖޫރިމަނާކުރަން ނިންމީ އެއީ ބަލައިގަންނާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
2021 އޮކްޓޯބަރ އިން ޑިސެމްބަރ އަށް ފާޅުކަން ބޮޑުކޮށް ޕާޓީތަކުގެ މެންބަރުން ވަގަށް ނަގާ، އެހެން ޕާޓީތަކަށް ބަދަލުކޮށް ހިންގާފައިވާ ވައްކަންތައް ނުބަލާ، އެޕްރީލް 1 އިން ފެށިގެން ފިޔަވަޅު އަޅަން @ElectionsMv ނިންމި ނިންމުން @ProgressPartyMV އިން ބަލައެއް ނުގަންނާނެ. https://t.co/kZHcXv0fZo
— Mohamed Tholal (@Tholal) June 1, 2022
ތޮލާލްގެ އަނެއް ކަންބޮޑުވުމަކީ ވަގަށް ގެންދާ މެމްބަރުން އަލުން އަނބުރާ އެ ޕާޓީ އަށް ގެންދިއުމަށް ފޯމު ފުރަން ޖެހޭ މައްސަލަ އެވެ. ފޯމެއް ފުރުމެއް ނެތި ފަސޭހައިން އަނބުރާ ޕާޓީ އަށް ވަދެވޭ ގޮތް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން 5،000 މެމްބަރުން އެހެން ޕާޓީތަކަށް ވަގަށް ވެއްދި ކަމުގެ ތުހުމަތު އެ ޕާޓީން ފެންމަތިކުރީ މި އަހަރުގެ އޭޕްރީލް 15 ގަ އެވެ.
ތޮލާލް ވިދާޅުވި ގޮތުގައި އެހެން ޕާޓީއަކަށް މެމްބަރުން ގެންދިޔަކަން އެނގުނީ ޕާޓީގެ މެމްބަރުން މަދުވާތީ އެ މީހުންނަށް ގުޅައިގެން ބެލުމުންނެވެ. އެއީ މެމްބަރުންނަށް ވެސް ވަގަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ޕީޕީއެމުން މެމްބަރުން ވަގަށް އެހެން ޕާޓީތަކަށް ވެއްދި މައްސަލައާ ގުޅިގެން އީސީން ކުރިން ބުނެފައި ވަނީ އެ ކޮމިޝަންގެ ޕާޓީތަކުގެ ރަޖިސްޓްރޭޝަން ބަލަހައްޓާ ސެކްޝަންގެ އޮޑިޓެއް ހަދާނެ ކަމަށާއި މުވައްޒަފުންގެ އިހުމާލެއް އުޅޭ ނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން ފިޔަވަޅެއް އެޅި ކަމެއް ސާފެއް ނުވެ އެވެ.
މީގެ ކުރިން ވެސް މީހުންނަށް ނޭނގި އެކި ޕާޓީތަކަށް ވައްދާފައިވާ ކަމުގެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވި އެވެ. އެ މައްސަލަ ބޮޑުވެ، މި ފަހުން އީސީން ވަނީ މި މަހުން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތުތައް އެ ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކޮށް، ޕާޓީއަކަށް ވަންނަން އެދޭ މީހާ އަށް މެސެޖަކުން އެކަން އަންގަން ވެސް ނިންމައިފަ އެވެ. އެ ވަރުން ވެސް މައްސަލަ ހައްލު ނުވެެގެން ވަގަށް މީހުން ވައްދާ ޕާޓީތައް ޖޫރިމަނާކުރަން ނިންމިއިރު އެ ގޮތަށް ހައްލު ނުވެއްޖެ ނަމަ، ފޯމުގައި ސޮއިކުރާ ކޮންމެ ހެކިވެރިއަކު ވެސް 5،000ރ. އިން ޖޫރިމަނާކުރަން ވަނީ ނިންމައިފަ އެވެ. ހެކިވެރިން ޖޫރިމަނާކުރަން ފަށާނީ މި އަހަރުގެ އޮކްޓޫބަރު އެކަކުން ފެށިގެންނެވެ.
ރިޔާސީ އިންތިހާބަށް އަޑީ ވިސްނުމެއް އޮވެދާނެ: އިދިކޮޅު
ނޭނގި އެންމެ ގިނަ މީހުން ވެއްދީ ޕީޕީއެމަށް: އީސީ
"ފޯމު ހުށަހަޅަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން"
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން
ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟
ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން ޖޫރިމަނާ
"ގާނޫނާ ޚިލާފްވާ ޕާޓީތަކާ މެދު ފިޔަވަޅު އަޅާނެ"
ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އެދުނީ މިއަދު: ފިނޭންސް
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ފައިސާ ލިބިއްޖެ، ޕީޕީއެމް ދަރަނިން ސަލާމަތްވަނީ