Roadha Mihaaru
ނޭނގި އެންމެ ގިނަ މީހުން ވެއްދީ ޕީޕީއެމަށް: އީސީ

ނޭނގި އެންމެ ގިނަ މީހުން ވެއްދީ ޕީޕީއެމަށް: އީސީ

09 ޖޫން 2022

އާންމުންނަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން އެންމެ ގިނަ މީހުން ޕާޓީ އަށް ވައްދާފައި ވަނީ ޕީޕީއެމަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާންމުންނަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން އެންމެ ގިނަ މީހުން ޕާޓީ އަށް ވައްދާފައި ވަނީ ޕީޕީއެމަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާފައި އޮތުމާ ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބު އީސީން ވަނީ އާންމުކޮށްފަ އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި ޕީޕީއެމްގައި ރަޖިސްޓްރީ އޮވެގެން 391 މީހަކު ވަނީ އީސީ އަށް ޝަކުވާ ހުށަހަޅައިފަ އެވެ. އަދި އެމްޑީޕީގައި ރަޖިސްޓާ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވާ އިރު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ނަން އޮވެގެން 145 މީހަކު ވަނީ ޝަކުވާކޮށްފަ އެވެ.

ސައްހަ ނޫން ފޯމް ހުށަހަޅައިގެން އީސީ އަށް ޖުމުލަ 1،208 ޝަކުވާއެއް ވަނީ ހުށަހަޅައިފަ އެވެ. އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ 2019 ވަނަ އަހަރާއި މި އަހަރު ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ސައްހަ ނޫން ފޯމުތަކާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާ

◉ ޕީޕީއެމް - 391

◉ އެމްޑީޕީ - 213

◉ ޖުމްހޫރީ ޕާޓީ - 144

◉ އެމްޑީއޭ - 74

◉ އަދާލަތު ޕާޓީ - 66

◉ އެމްޓީޑީ - 63

◉ އެމްއެންޕީ - 57

◉ އެމްއާރްއެމް - 30

◉ ޑީއާރްޕީ - 13

◉ ޕީއެންސީ 12

އެކަމާ ގުޅިގެން ސުވާލު ކުރުމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވީ ޕީޕީއެމް އަކީ ވަގު ފޯމްގެ މައްސަލާގައި އެންމެ ގަދައަށް ވަކާލާތުކޮށް އީސީއާ ވެސް ބައްދަލުކޮށްފައިވާ ހަމައެކަނި ޕާޓީ ކަމަށެވެ.

އީސީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަކީ އެންމެ ރަނގަޅު މައުލޫމާތު ލިބިގެން ނެރެފައިވާ އަދަދުތަކެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހީނާ ވިދާޅުވި އެވެ.

އޮޅުވާލައިގެން ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކޮށްފައި ވަނީ ކިހާ ވަރަކަށްތޯ އެ ޕާޓީން ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ބެލިއިރު 5،000 އަށް ވުރެ ގިނައިން އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތުގައި އެބަހުރި ހެއްކާއި ގަރީނާ ސާބިތުވާ ވަރަށް އޮޅުވާލައިގެން ވަގު ފޯމް ހުށަހަޅާފައިވާ ކަން. މި މައްސަލަތައް އަޅުގަނޑުމެން ހާމަ ކުރާނަން،" ހީނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން ޕާޓިތަކަށް ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި ރަޖިސްޓާވެފައިވާ މެމްބަރުންގެ އަދަދަށް ބަލައިފަ އެވެ.

ޕާޓީތަކަށް މީހުން ނޭނގި ވަައްދާ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ޕާޓީތަކާ އަލަށް ގުޅޭ މެމްބަރުންގެ ނަންތައް އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމަށެވެ. އަދި އިތުރަށް ކަށަވަރު ކުރުމަށް މިދިޔަ އޭޕްރިލް މަހުން ފެށިގެން ޕާޓީއާ ގުޅުނު ކަމުގެ މެސެޖު އެ މީހެއްގެ ފޯނަށް ފޮނުވަން ވެސް ވަނީ ފަށައިފަ އެވެ.