Roadha Mihaaru
ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން ޖޫރިމަނާ

ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި

31 އޯގަސްޓް 2020

ކޮވިޑް-19 ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް މިދިޔަ ހުކުރު ދުވަހު މުޒާހަރާކުރި މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް މިދިޔަ ހުކުރު ދުވަހު މުޒާހަރާކުރި މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮންމެ ޕާޓީއެއް 75،000ރ. އިން ޖޫރިމަނާކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާއްމު ސިއްހަތު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ތަކުރާރުކޮށް ޚިލާފުވުމުން ކަމަށެވެ. ދެ ޕާޓީ ޖޫރިމަނާ ކުރިއިރު، އާއްމުންގެ ސިއްހަތަށް ނުރައްކާވާ ގޮތަށް މުޒާހަރާ ނުކުރަން އިލެކްޝަންސް ކޮމިޝަނުން ވެސް ސިޔާސީ ޕާޓީތަކަށް އިލްތިމާސްކުރި އެވެ.

މާލެ އާއި ރަށްރަށުގައި މިދިޔަ ހުކުރުދުވަހު އިދިކޮޅުން މުޒާހަރާކުރީ، ޚާރިޖީ ގުޅުމުގައި އެެހެން ގައުމުތަކަށް ވުރެ އިންޑިއާ ގާތްކޮށް އެ ގައުމުން ދޭ ލޯނާއި އެހީތައް ސަރުކާރުން ގަބޫލުކުރުމަކީ "ރާއްޖެ ވިއްކާލުން" ކަމަށް ތުހުމަތު ކޮށެވެ. މިކަމާ ދެކޮޅަށް އަދިވެސް ސިލްސިލާ މުޒާހަރާތައް ބާއްވާނެ ކަމަށް އެ ދެ ޕާޓީން ބުނެ އެވެ.

މާލޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދަނިކޮށް، އާއްމުންގެ ސިއްހަތަށް ނުރައްކާވާ ގޮތަށް މުޒާހަރާ ކުރި މައްސަލައިގައި ޕީޕީއެމާއި ޕީއެންސީގެ އިސްވެރިން ފުލުސް އޮފީހަށް ހާޒިރުކޮށް 1،000ރ. އިން ޖޫރިމަނާ ވެސް ވަނީ ކޮށްފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ހިމެނިވަޑައިގަންނަވަ އެވެ.

މުޒާހަރާއާ ގުޅުވައި ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ބިރު ދެއްކުމެއްގެ ގޮތުގައި ސިފަކޮށް، މި ބޭފުޅުން ވިދާޅުވެފައި ވަނީ ރާއްޖޭގެ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމާ ދެކޮޅަށް ސަރުކާރުން ހިންގާ ކަންކަމާ ދެކޮޅަށް އަޑުއުފުލަން އަދިވެސް ނުކުންނާނެ ކަމަށެވެ. ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް އަބްދުއްރަހީމާއި ޝިޔާމް މިއަދު ވިދާޅުވި އެވެ.

މުޒާހަރާކޮށްގެން އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕަށް ފިޔަވަޅު އެޅިއިރު، އެޗްޕީއޭގެ މިންގަނޑާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހަރަކާތްތައް ބާއްވަވާ ކަމަށާއި އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ އިދިކޮޅުން ޝަކުވާ ކުރި އެވެ. އިދިކޮޅާ މެދު ފިޔަވަޅު އެޅީ ކޮވިޑާ ގުޅުވައިގެން ނޫން ކަމަށާއި ރައްޔިތުން ތިބި ގޮތް ހާމަވެދާނެތީ އެކަން ހުއްޓުވަން ކަމަށް ވެސް ދެ ޕާޓީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވަ އެވެ.