Roadha Mihaaru
ބިންހެލުމުގެ އަސަރުކުރި ކުއްޖަކާ ރޮނާލްޑޯ ބައްދަލުކޮށްފި

ރޮނާލްޑޯ އާ ބައްދަލުވެ، ބިންހެލުމުގައި ހާލުގައިޖެހުނު ކުއްޖެގެ ހުވަފެނެއް ހަގީގަތަކަށް

07 މާޗް 2023

ރިޔާދު (މާޗު 7) - އެންމެ ސަޕޯޓް ކުރާ ކުޅިވަރު އެތުލީޓުންނާ ބައްދަލު ކޮށްލާ ވާހަކަ ދައްކަލުމަކީ ކޮންމެ ކުޑަކުއްޖެއް ވެސް ދެކޭނެ ހުވަފެނެކެވެ. ހާއްސަކޮށް ސީރިއާ ފަދަ ގައުމުތަކުގައި އުޅޭ ނިކަމެތި ކުދިންނަށް އެފަދަ ފުރުސަތެއް ލިބުމަކީ ބޮޑު އުފަލެކެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (މާޗު 7) - އެންމެ ސަޕޯޓް ކުރާ ކުޅިވަރު އެތުލީޓުންނާ ބައްދަލު ކޮށްލާ ވާހަކަ ދައްކަލުމަކީ ކޮންމެ ކުޑަކުއްޖެއް ވެސް ދެކޭނެ ހުވަފެނެކެވެ. ހާއްސަކޮށް ސީރިއާ ފަދަ ގައުމުތަކުގައި އުޅޭ ނިކަމެތި ކުދިންނަށް އެފަދަ ފުރުސަތެއް ލިބުމަކީ ބޮޑު އުފަލެކެވެ.

އެގޮތުން މިދިޔަ މަހު ސީރިއާ އަށް ކުރިމަތިވި ބިންހެލުމުގެ އަސަރު ކޮށްފައިވާ އުމުރުން 10 އަހަރުގެ ނާބިލް ސައީދު މިވަނީ އޭނާ އެންމެ ސަޕޯޓު ކުރާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާ ބައްދަލު ކޮށް، އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިފަ އެވެ.

ސީރިއާ އާއި ތުރުކީ އަށް ވެސް އައި ބިންހެލުންތަކާ ގުޅިގެން ސައުދީ އަރަބިއްޔާ އިން އަންނަނީ ދެ ގައުމަށް ވެސް އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. މީގެ އިތުރުން ރޮނާލްޑޯ ވެސް ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް ދީލަތި އެހީއެއް ވެދީފަ އެވެ.

ރޮނާލްޑޯއާ ބައްދަލު ކުރަން ބޭނުންވާކަން ނާބިލް ހާމަކުރީ މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ސީރިއާގެ ބިންހެލުމުގައި ތާށިވެފައިވާ ފަރާތްތައް ސަލާމަތް ކޮށްދޭން އުޅުނު ސައުދީ އަރަބިއްޔާގެ އެހީ ޓީމެއް ކައިރީގަ އެވެ. އަދި އޭނާ ރޮނާލްޑޯއާ ބައްދަލު ކުރަން ބޭނުންވާކަން ހާމަކުރާ ވީޑިއޯ އެއް ވެސް ޓްވިޓާގައި އާއްމު ވިއެވެ.

ވީޑިއޯ ގައި އޭނާ ރޮނާލްޑޯ އާ ބައްދަލކު ކުރަން ދާއިރު އެކުގައި ގެންދާނީ ކާކުތޯ އެހުމުން ކުޑަކުޑަ ނާބިލް ބުނީ އޭނާގެ މަންމަ އާއި ބައްޕަ ގެންދަން ބޭނުން ވާ ކަމަށެވެ. އެކަމަކު އޭނާގެ ބައްޕަ މަރުވެފައި ވާކަމަށާއި، ދިރިއުޅެނީ މަންމަ އާއެކު ސީރިއާގެ ލަޓަކިއާ ގައި ކަން އޭނާ ހާމަ ކުރި އެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް ޝެއިޚް ގެ ސަމާލުކަން ނާބިލް ގެ ވީޑިއޯ އަށް ލިބުމާ އެކު، ތުރުކީ އަލް ޝެއިޚް ވަނީ ނާބިލް އާ ގުޅޭ މައުލޫމާތު ހޯދަން އޭނާގެ ޓްވިޓާ އެކައުންޓުން އެ ވީޑިއޯ ހިއްސާ ކުރައްވައިފަ އެވެ.

"މަގޭ ދަރިފުޅާ، މަންމަ އާއި [ނާބިލް] ދެމީހުންނަށް އަހަރެމެން މަރުހަބާ ކިޔަން. މި ކުއްޖާ ހޯދަން އަހަރެންނަށް އެހީވެދޭނީ ކާކު؟" ވީޑިއޯ ހިއްސާ ކުރައްވަމުން ތުރުކީ އަލް ޝެއިޚް ލިޔުއްވާފައި ވެއެވެ.

ތުރުކީ ވަނީ ނާބިލްގެ ހުވަފެން ހަގީގަތަކަށް ހަދައިދޭން އޭނާ ސައުދީ އަރަބިއްޔާ އަށް ގެނެސްފަ އެވެ. ސައުދީ އެއާޕޯޓުގައި ނާބިލް އާއެކު ހިއްސާކުރި ވީޑިއޯ އެއްގައި ނާބިލް ބުނީ އޭނާ ހުރީ ސައުދީ އަރަބިއްޔާ ގައި ކަން ގަބޫލު ކުރަން ވެސް ދަތި ކަމަށެވެ. ހަމަ އެއާ އެކު އޭނާ ވަނީ އަލް ތުރުކީގެ ހާއްސަ ދައުވަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

އަލް ތުރުކީ އާއެކު ނާބިލް ސައުދީ އެއާޕޯޓުގައި ހުރި ވީޑިއޯގެ ސަމާލުކަން ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރު ގެ ރައީސް މުސައްލީ އަލް މުއަންމާރު އަށް ލިބުމާ އެކު އޭނާ ވަނީ ނާބިލް އާއި އޭނާގެ އާއިލާ އަށް މަރުހަބާ ކިޔައި، ނަސްރުގެ މެޗެއް ބަލައިލާން ދައުވަތު ދީފަ އެވެ.

ނާބިލް ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ނަސްރުން ސައުދީ ޕްރޯ ލީގުގައި ކުޅުނު މެޗުގެ ކުރިން ރޮނާލްޑޯއާ ބައްދަލު ކޮށްފަ އެވެ. ރޮނާލްޑޯ އާއެކު ޓަޗެއް ޖަހާލައި ބައްދާލަމުން އޭނާ ވަނީ ރޮނާލްޑޯ އަށް އޮތް ލޯބި ދައްކާލައިފަ އެވެ.

"އަހަރެންގެ ހުވަފެނަކީ ރޮނާލްޑޯ ދެކިލުން، މިއަދު އެ ހުވަފެން ހަގީގަތަކަށް ވެއްޖެ. އަހަރެން ކްރިސްޓިއާނޯ ރޮނާލްޑޯ ދެކެ ވަރަށް ލޯބިވޭ އެއީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެން ހިތަށް އަރާ އަހަރެންނަށް ވެސް އޭނާ ކުޅޭހެން ކުޅެވޭނެ ނަމައޭ، އަދި އޭނާ އާއެކު ސައުދީ އައް ނަސްރުގައި ފަރިތަކުރުމުގެ ފުރުސަތު ލިބޭނެ ނަމައޭ،" އުފަލުން ފޮޅިފައި ހުރި ނާބިލް ބުންޏެވެ.

"އަހަރެންނަށް ރޮނާލްޑޯ ފެނުމުން ހީވީ ހުވަފެނެއް ހެން. ނަފްސަށް ގަބޫލު ވެސް ނުކުރެވުނު. ހުވަފެން ނިމޭނެ އިރެއް ވެސް ނޭނގިފަ ހުރެވުނީ. އަހަރެން ދުއާ ކުރަން މިއީ ހުވަފެނަކަށް ނުވާނެ ކަމަށް. އަހަރެން އުންމީދު ކުރަނީ އެންމެނަށް ވެސް ރޮނާލްޑޯ ފެންނާނެ ކަމަށް. އެއީ ވަރަށް ރަނގަޅު އިންސާނެއް."

ނަސްރުގެ ރައީސްގެ ދައުވަތާ އެއްގޮތަށް ނާބިލް ވަނީ ރޮނާލްޑޯއާ ބައްދަލު ކުރުމަށް ފަހު ހުކުރު ދުވަހުގެ ރޭ ނަސްރުން އަމިއްލަ ދަނޑުގައި 3-1 އިން އަލް ބަތީން ބަލިކުރި މެޗު، ދަނޑުގައި އިނދެގެން ބަލައިފަ އެވެ.