Roadha Mihaaru
ތުރުކީ އާއި ސީރިއާ އަށް ރޮނާލްޑޯ އެހީ ފޮނުވައިފި

ބިންހެލުން އައި ތުރުކީ އާއި ސީރިއާ އަށް ރޮނާލްޑޯ އެހީ ފޮނުވައިފި

06 މާޗް 2023

ސީރިއާ އާއި ތުރުކީ އަށް ކުރިމަތިވި ބިންހެލުމުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓުބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ކާގޯ މަތިންދާ ބޯޓެއްގައި އެހީގެ ޝިޕްމެންޓެއް ފޮނުވައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސީރިއާ އާއި ތުރުކީ އަށް ކުރިމަތިވި ބިންހެލުމުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓުބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ކާގޯ މަތިންދާ ބޯޓެއްގައި އެހީގެ ޝިޕްމެންޓެއް ފޮނުވައިފި އެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ ޑެއިލީމެއިލް އިން ރިޕޯޓް ކުރާގޮތުގައި އެހީގެ ގޮތުގައި މަތިންދާ ބޯޓުގައި ރޮނާލްޑޯ ފޮނުވި ސާމާނުތަކުގެ ތެރޭގައި ޓެންޓާއި ކާ ތަކެތީގެ ޕެކޭޖް ތަކާއި ބާލީހާއި ބްލޭންކެތްގެ އިތުރުން އެނދާއި ކުޑަކުދިންގެ ކާ ތަކެއްޗާއި ބޯ ކިރު އަދި އަވަސް ފަރުވާއަށް ބޭނުންވާ ސާމާނު ހިމެނެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ރެކްޓަ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމާ ގުޅިގެން ތުރުކީގެ ދެކުނާއި ސީރިއާގެ އެތައް ހާސް ބައެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. ސްޕެއިންގެ މާކާ އިން ރިޕޯޓް ކުރާ ގޮތުގައި ރޮނާލްޑޯ އެހީގެ ގޮތުގައި ފޮނުވި ތަކެތީގެ އަގު 350،000 އެމެރިކާ ޑޮލަރަށް އަރައެވެ.

ރޮނާލްޑޯ އާއެކު ޔުވެންޓަސް އަށް ކުޅުނު ތުރުކީގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ މެރީހް ޑެމިރާލް ވަނީ މިދިޔަ މަހު އޭނާގެ ޖޯޒީ ކަލެކްޝަނުން ރޮނާލްޑޯ ޔުވެންޓަސް ގައި ބޭނުން ކޮށް، ސޮއި ކޮށްފައިވާ ޖޯޒީ އެއް ރޮނާލްޑޯގެ ހުއްދަ އާއެކު ނީލަން ކިޔަން ނިންމާފައި ވާކަން ހާމަ ކޯށްފަ އެވެ. އަދި ޖޯޒީ ވިއްކާލައިގެން ލިބޭ ފައިސާ ބޭނުން ކުރާނި ބިންހެލުމުގައި ގެއްލުންވި ފަރާތްތަކަށް އެހީ ވާން ކަމަށް ވެސް އޭނާ ހާމަ ކުރި އެވެ.

މިއީ ހާލުގައި ޖެހޭ ފަރާތްތަކަށް ރޮނާލްޑޯގެ ދީލަތި އެހީ ފޯރު ކޮށްދޭ ފުރަތަމަ ފަހަރެއް ނޫނެވެ. ރޮނާލްޑޯ ވަނީ މީގެ ކުރިން ކުޑަ ކުއްޖެއްގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން 83،000 އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފަ އެވެ. އަދި ޕޯޗުގަލްގެ ކެންސަރު ސެންޓަރެއްގެ ފަންޑަކަށް އޭނާ ވަނީ 165،000 ޑޮލަރު ހަދިޔާ ކޮށްފަ އެވެ.

ހަމަ އެއާ އެކު މިހާރު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅޭ ރޮނާލްޑޯ ވަނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި ޕޯޗުގަލްގެ ހޮސްޕިޓަލުތަކަށް އެއް މިލިއަން ޑޮލަރުގެ އެހީއެއް ފޯރު ކޮށްދީފަ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު، ތުރުކީ އާއި ސިރިއާގެ ބޯޑަރު ސަރަހައްދަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމުގައި 45،000 ވުރެ ގިނަ މީހުން މަރުވި އެވެ. އަދި 530,000 މީހުން ހާލުގައި ޖެހުނެވެ. ތުރުކީން ވެއްޓުނު އިމާރާތްތަކުގެ އަދަދު 173,000 އަށް އަރަ އެވެ.