Roadha Mihaaru
އިޒްރޭލުގެ ހަމަލާތަކެއް ދިމިޝްގަށް، 5 މަރު

އިޒްރޭލުގެ ހަމަލާތަކެއް ދިމިޝްގަށް، 5 މަރު

19 ފެބުރުއަރީ 2023

އިޒްރޭލުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތައް ސީރިޔާގެ ވައިގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ރޭ ދަންވަރު ވަދެ، ވެރިރަށް ދިމިޝްގަށް ދިން މިސައިލް ހަމަލާތަކެއްގައި ފަސް މީހަކު މަރާލައި އިތުރު 15 މީހަކު ޒަޚަމްކޮށްލައިފި އެވެ.

އިޒްރޭލުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތައް ސީރިޔާގެ ވައިގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ރޭ ދަންވަރު ވަދެ، ވެރިރަށް ދިމިޝްގަށް ދިން މިސައިލް ހަމަލާތަކެއްގައި ފަސް މީހަކު މަރާލައި އިތުރު 15 މީހަކު ޒަޚަމްކޮށްލައިފި އެވެ.

ރޭ ދަންވަރު ދިން މި ހަމަލާތައް އަމާޒުކުރީ ވެރިރަށް ދިމިޝްގުގެ އަވަށެއް ކަމަށްވާ ކަފްރު ސޫސާގައި ހުރި، އާންމުން ދިރިއުޅޭ އިމާރާތްތަކަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ، އީރާން ސަރުކާރާ ގުޅުން އޮންނަ ބަޔަކު ދިރިއުޅޭ، އަދި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައި ހުންނަ އިމާރާތެއްގެ ކައިރީގައި ހުރި 10 ބުރީގެ އިމާރާތަކަށެވެ.

ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އިޒްރޭލުން ދިން މިސައިލް ހަމަލާތައް ދިމިޝްގުގެ އެއް ތަނަށް ވުރެ ގިނަ ތަންތަނަށް އަމާޒުވި އެވެ. އަދި ހުރިހާ ހަމަލާއެއް ވެސް އަމާޒުކުރީ، އާންމުން ދިރުއުޅޭ ތަންތަނަށް ކަމަށް ވެސް އެ ނޫސް އޭޖެންސީން ބުންޏެވެ.

މި ހަމަލާއާ ބެހޭ ގޮތުން އިޒްރޭލު ސަރުކާރުން ވެސް އަދި އަސްކަރިއްޔާ އިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި މި ހަމަލާ ދިނީ ކޮން ބަޔަކަށް އަމާޒުކޮށް ކަމެއް ވެސް އެއްވެސް ގައުމަކުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އެހެން ނަމަވެސް، މި ހަމަލާ އަމާޒުވީ ސަރަހައްދުގައި ސީރިޔާ ސަރުކާރުގެ އަސްކަރީ ޚިދުމަތްތަކާ ގުޅިފައިވާ ބައެއް އޮފީސްތަކާއި ޖާސޫސީ އިދާރާއެއްގެ އިތުރުން ފުލުހުންގެ އިދާރާއެއް ވެސް ހުރެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސީރިޔާ ސަރުކާރުގެ އިދާރާތަކެއްގެ ނަމުގައި ހިންގާ އެ ތަންތަނަކީ އީރާނާ ގުޅިފައިވާ އިދާރާތަކެކެވެ.

ދިމިޝްގުގައި ތިބި ބޭރުގެ ރިޕޯޓަރުން ބުނި ގޮތުގައި ބާރު ގަދަ ގޮވުމެއްގެ އަޑު އެންމެ ފުރަތަމަ އިވުނީ ރޭ މެންދަމު 12:30 ހާއިރެވެ. އެ އަޑުފައްގަނޑު އިވުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އެ އަޑު އިވުނު ސަރަހައްދަށް އެމްބިއުލާންސްތައް ދަތުރުކުރި މަންޒަރު ފެނުނެވެ.

ސީރިޔާ ސަރުކާރުން ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ރޭ މެންދަމު ވަދެ އުޅުނު ގޮތް ނޭނގޭ އަސްކަރީ މަތިންދާބޯޓުތަކަކަށް، ސީރިޔާގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުރަސް އަޅައިފަ އެވެ.

މިދިޔަ އަހަރުތަކުގައި ވެސް އިޒްރޭލުން ވަނީ ސީރިޔާގެ އެތެރޭގައި ހުރި ބައެއް އަމާޒުތަކަށް އެތައް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ސީރިޔާ ސިފައިންގެ މަރުކަޒުތަކަށާއި، ސީރިޔާގައި ހަރަކާތްތެރިވާ އީރާންގެ ހަނގުރާމަމަތީ ޖަމާއަތްތަކުގެ ތަންތަނުގެ އިތުރުން، ސީރިޔާގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ މަރުކަޒުތަކަށެވެ.

ހުސްވި ޖެނުއަރީ މަހުގެ ކުރީކޮޅު ސީރިޔާގެ ވެރިރަށް ދިމިޝްގުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވެސް އިޒްރޭލުގެ މަތިންދާބޯޓުތަކުން ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި ސީރިޔާ ސިފައިންގެ ދެ މީހަކާ އެކު ޖުމްލަ ހަތަރު މީހުން މަރުވެ، ވައިގެ ބަނދަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެތައް ގަޑިއިރަކަށް ވައިގެ ބަނދަރުގެ ޚިދުމަތްތައް މެދުކަނޑައިލަން ޖެހުނެވެ.

އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ސީރިޔާގެ ވެރިރަށް ދިމިޝްގަށް މިސައިލް ހަމަލާތަކެއް މި ދިނީ، މި މަހުގެ 4 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުމުގައި ސީރިޔާ އިން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމަށް މަސައްކަތް ކުރަމުން ދާ ވަގުތެއްގަ އެވެ. މި ބިންހެލުމުގައި ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 5800 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.