13 ފެބުރުއަރީ 2023
މީގެ އެއް ހަފުތާ ކުރިން ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި ސީރިޔާ އިން ގެއްލުން ލިބި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގައި އދ. ފެއިލްވެފައިވާ ކަމަށް، ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންތަކާ ހަވާލުވެ ހުންނެވި އދ.ގެ ވެރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.
މީގެ އެއް ހަފުތާ ކުރިން ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި ސީރިޔާ އިން ގެއްލުން ލިބި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގައި އދ. ފެއިލްވެފައިވާ ކަމަށް، ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންތަކާ ހަވާލުވެ ހުންނެވި އދ.ގެ ވެރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.
އދ.ގެ އިމަޖެންސީ ރިލީފް ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި މާޓިން ގްރިފިތިސް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސީރިޔާގެ ހުޅަނގުއުތުރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކުއްލި އެހީތެރިކަމާއި ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގައި އދ މަޖިލިސް ފެއިލްވެއްޖެ ކަމަށެވެ. އެ ސަރަހައްދުގައި ތިބި މީހުން އެތިބީ އިހުމާލުކޮށްލެވިފައި ކަމަށް އެމީހުންނަށް ގަބޫލުކުރެވޭ ގަބޫލުކުރެވުމަކީ ހަމަ ހައްގު ގަބޫލުކުރެވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާޓިން ވިދާޅުވި ގޮތުގައި ބިންހެލުން އައިތާ ހަފުތާއެއް ވެގެން ދިޔައިރު، ސީރިޔާގެ ހުޅަނގުއުތުރު ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި މީހުން އަދިވެސް ތިބީ، މިހާތަނަށް ނުލިބި އޮތް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން، އަދިވެސް ލިބޭނެ ކަމުގެ އުންމީދުގަ އެވެ. ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ ގޮތުން، 100 ވަރަކަށް ގައުމުން ވަނީ އެހީގެ ސާމާނާއި، މީހުން ހޯދުމުގެ މަސައްކަތް ކުރާނެ ޓީމުތައް ފޮނުވައިފަ އެވެ.
ފެބްރުއަރީ 12، 2023؛ ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުމުގައި ސީރިޔާ އިން ހާލުގައި ޖެހުނު ބަޔަކު، ޖަބަލިއްޔާ ސަހަރުގައި ހުންނަ ސުލްތާން އިބްރާހީމް މިސްކިތުގައި މަޑުކޮށްލައިގެން. --އޭއެފްޕީ
ނަމަވެސް އެހީގެ ގިނަ ސާމާނާއި މީހުން ހޯދުމުގެ މަސައްކަތް ކުރާ ގިނަ ޓީމުތައް ދިޔައީ ތުރުކީ ވިލާތަށެވެ. އަދި މި ބިންހެލުމުގައި ސީރިޔާ އިން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅަނގުގެ ގައުމުތަކުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. ބިންހެލުމުގައި ތުރުކީ އާއި ސީރިޔާ އިން ވެސް އެތައް ހާސް ބަޔަކު މަރުވެ ދިޔައިރު ވެސް، އެމެރިކާގެ ރައީސް ބައިޑެން ހަމްދަރުދީ ފާޅުކުރައްވައި ތައުޒިޔާ ފޮނުއްވީ ތުރުކީގެ ރައީސަށާއި ތުރުކީގެ ރައްޔިތުންނަށް އެކަންޏެވެ.
މާޓީން ވިދާޅުވި ގޮތުގައި އޭނާ މިހާރު ހުރި މަގާމުގެ ގޮތުން، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ސީރިޔާ އިން ހާލުގައި ޖެހުނު މީހުންނަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ.ގެ ފަރާތުން ކުރިމަތިވި ފެއިލްވުން ވީ އެންމެ އަވަހަކަށް އިސްލާހުކުރުމަށެވެ.
އިނގިރޭސި ވިލާތުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ޑިވެލޮޕްމެންޓް އެންޑް އެފްރިކާ އެންޑްރޫ މިޝޭލް ވިދާޅުވި ގޮތުގައި ބިންހެލުމުގައި ތުރުކީ އާއި ސީރިޔާ އިން ގެއްލުން ލިބުނު ސަރަހައްދުތައް އޮތީ ގަބޫލުކުރަން ވެސް ދަތި ނިކަމެތި ހާލަތެއްގަ އެވެ. ކުރިމަތިވެފައިވާ ދަތިތަކާ އެކުގައިވެސް، ހާލުގައި ޖެހިފައި ތިބި ތުރުކީގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ސީރިޔާ އިން ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރެއިން، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށް ވެސް އެންޑްރޫ މިޝޭލް ވިދާޅުވި އެވެ. އަދި އެހީގެ ސާމާނު ހިފައިގެންދާ ޓީމުތައް އެ ސަރަހައްދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް، ސީރިޔާ ސަރުކާރަށް އޭނާ ގޮވައިލެއްވި އެވެ.
މިދިޔަ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީ އާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާތަނަށް 34000 އަށް ވުރެ މައްޗަށް އަރައިފި އެވެ. އޭގެ ތެރޭގައި ތުރުކީ ވިލާތުން މަރުވި 29600 އަށް ވުރެ ގިނަ މީހުންނާއި ސީރިޔާ އިން މަރުވި 4500 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.
ހޯމަ ވިލޭރޭގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރައަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.
ހޯމަ ވިލޭރޭ އައި ބާރު ގަދަ ބިންހެލުމަށް ފަހު، މިފާއިތުވި ހަ ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް އެކި ބާރުމިނުގައި 1890 އަށް ވުރެ ގިނަ ލޮޅުން އަރާފައިވެ އެވެ. އޭގެ ތެރޭގައި ރިކްޓާ މިންގަނޑުން 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ އެތައް ލޮޅުމެއް ހިމެނެ އެވެ.
ތުރުކީގެ ބިންހެލުން: 612 މީހެއްގެ މައްސަލަ ބަލަނީ
އާ ބިންހެލުންތަކުގައި ވެސް އިމާރާތްތައް ވެއްޓުނު
ބިންހެލުމުގައި މަރުވި އަދަދު 46،000 އިން މައްޗަށް
10 ދުވަސް ފަހުން 5 މީހަކު ސަލާމަތް ކޮށްފި
ބިންހެލުން: ތުރުކީ ސަރުކާރު ކޮންޓްރެކްޓަރުންގެ ފަހަތުން
ތުރުކީ ބިންހެލުން: މަރުވި އަދަދު 29000ން މައްޗަށް
ސީރިޔާގެ 5 މިލިއަނެއްހާ މީހުން ގެދޮރު ނެތިފައި: އދ
ބިންހެލުން: މީހުން ސަލާމަތްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ
ތުރުކީ ބިންހެލުން: ވޭނާއި ކެކުޅުމާއި އުންމީދު
ތުރުކީ ބިންހެލުން: މަރުވި އަދަދު 9600 ން މައްޗަށް