Roadha Mihaaru
ޕީޕީއެމުން ގުރައިދޫ ދާއިރާގެ ޕްރައިމަރީއަށް ހުޅުވާލައިފި

ޕީޕީއެމުން ގުރައިދޫ ދާއިރާގެ ޕްރައިމަރީއަށް ހުޅުވާލައިފި

06 މާޗް 2023

ކ. ގުރައިދޫ ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓު ހޮވުމަށް ޕްރައިމަރީ ބާއްވަން ނިންމައި، އެ އިންތިހާބަށް މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ގުރައިދޫ ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓު ހޮވުމަށް ޕްރައިމަރީ ބާއްވަން ނިންމައި، އެ އިންތިހާބަށް މިއަދު ހުޅުވާލައިފި އެވެ.

އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހުސްވެފައިވާ ގޮނޑީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުން މާދަމާ މެންދުރު ފަހު 2:30 އަށް ހަމަވާނެ ކަމަށެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށް ހީނާ ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާގެ ގޮނޑި ފާއިތުވި 14 އަހަރުވަންދެން ފުރުއްވަމުން ގެންދެވި ޕީޕީއެމްގެ އިބްރާހިމް ރިޒާ މިދިޔަ މަހު އަވަހާރަވުމުންނެވެ. އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 15 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ.

ބައި-އިލެކްޝަނަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ބާއްވަން ނިންމިއިރު، އެ ކޯލިޝަންގެ އިސް ބޭފުޅުންތަކެއް މިދިޔަ ހޮނިހިރު ދުވަހު އެ ދާއިރާގެ ރަށްތަކަށް ވަޑައިގެންފައިވެ އެވެ. އެ ދަތުރުގައި، ގުރައިދޫ ދާއިރާގެ ގޮނޑިއަށް ހަދާނެ ގޮތަކާ މެދު ވެސް މަޝްވަރާކުރެއްވި އެވެ.

އެ ބައްދަލުވުންތަކަށްފަހު އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ގޮތަކާ މެދު ސްޓިއަރިން ކޮމިޓީތަކުގެ ވިސްނުން ހުރި ގޮތް އިއްޔެ ވަނީ އަންގައިފަ އެވެ. އެއަށްފަހު، ސެނެޓުން މަޝްވަރާކުރުމަށްފަހު ވަނީ އިންތިހާބަށް ހުޅުވާލަން ނިންމައިފަ އެވެ.

ގުރައިދޫ ދާއިރާއަކީ އަބަދުވެސް ޕީޕީއެމް ތާއީދު ބޮޑު ދާއިރާއެކެވެ.