Roadha Mihaaru
އެމެރިކާގައި ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކުރަނީ

އެމެރިކާގައި ޔޫކްރޭންގެ ޕައިލެޓުން އެފް-16 އަށް ތަމްރީން ކުރަނީ

06 މާޗް 2023

އެމެރިކާގައި އުފައްދައި ބޭނުންކުރަމުން އަންނަ އެންމެ ޒަމާނީ ހަނގުރާމަމަތީ މަތިންދާބޯޓު ކަމަށްވާ، އެފް-16 މަރުކާގެ މަތިންދާބޯޓު ދުއްވުމަށް ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް އެމެރިކާގައި ފަށައިގެން މިހާރު ކުރިއަށް އެބަ ދެ އެވެ.

އެމެރިކާގައި އުފައްދައި ބޭނުންކުރަމުން އަންނަ އެންމެ ޒަމާނީ ހަނގުރާމަމަތީ މަތިންދާބޯޓު ކަމަށްވާ، އެފް-16 މަރުކާގެ މަތިންދާބޯޓު ދުއްވުމަށް ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް އެމެރިކާގައި ފަށައިގެން މިހާރު ކުރިއަށް އެބަ ދެ އެވެ.

އެމެރިކާގެ ބައެއް ނޫސްތައް ބުނާ ގޮތުން، ޔޫކްރޭންގެ ދެ ޕައިލެޓެއްގެ ފެންވަރު ބެލުމުގެ މަސައްކަތްތަކެއް، އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި މިހާރު ކުރިއަށް އެބަ ދެ އެވެ. މިހާރު ކުރިއަށް ދާ ފެންވަރު ބެލުމުގެ މަސައްކަތްތަކުގެ ބޭނުމަކީ، އެފް-16 މަރުކާގެ ބޯޓުތައް ދުއްވުމަށް ބޭނުންވާ ހުނަރާއި ފަންނީ ގާބިލުކަން އެމީހުންގެ ކިބައިގައި ހުރި މިންވަރު ދެނެގަތުމެވެ.

މިހާރު ކުރިއަށް ދާ މަރުހަލާ ނިމޭ އިރު، އެފް-16 މަރުކާގެ ބޯޓުތައް ދުއްވުމަށް ބޭނުންވާ ތަމްރީންތައް އެމީހުންނަށް ފުރިހަމަ ކުރެވޭނީ ކިހާ ދުވަހަކުން ކަން ކަށަވަރުވާނެ އެވެ. ޔޫކްރޭންގެ އަސްކަރިއްޔާގައި މިހާރު މަސައްކަތްކުރާ ޕައިލެޓުންނަކީ، ކުރީގެ ސޮވިއެޓް ޔޫނިއަންގައި އުފައްދާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތައް ދުއްވުމަށް އަހުލުވެރިވެފައި ތިބި ބަޔަކަށް ވާތީ، އެމެރިކާގެ ބޯޓުތައް ދުއްވުމަށްޓަކައި ޚާއްސަ ތަމްރީންތަކެއް ފުރިހަމަ ކުރަންޖެހޭނެ އެވެ.

އެފް-16 މަރުކާގެ މަތިންދާބޯޓުތައް ދުއްވުމާ ބެހޭ ތަމްރީންތަކެއް، ޔޫކްރޭންގެ ޕައިލެޓުންނަށް ދިނުމުގެ މަސައްކަތް އެމެރިކާގައި ފެށުމުން، އެމެރިކާ އިން ޔޫކްރޭނަށް އެ ބާވަތުގެ މަތިންދާބޯޓުތައް ދޭން ވިސްނަނީތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެމެރިކާގައި އުފައްދާފައިވާ އެންމެ ޒަމާނީ އަސްކަރީ ޓޭންކުތައް ޔޫކްރޭނަށް ދޭން ނިންމުމާ ގުޅިގެން، އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު ވެސް ދިނުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، އެމެރިކާ އަށް ގޮވާލައްވައިފަ އެވެ.

އެ ބާވަތުގެ ބޯޓުތައް ޔޫކްރޭނަށް ދިނުމާ މެދު އެމެރިކާ އިން މިހާތަނަށް ވަކި ގޮތެއް ނުނިންމި ނަމަވެސް، އެފަދަ ބޯޓުތައް ޔޫކްރޭނަށް ނުދޭނެ ކަމަކަށް ނުބުނެ އެވެ. ޔޫރަޕްގައި އުފައްދާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތައް ދިނުމަށް ޔޫކްރޭނުން ގޮވައިލުމުން، އެކަމަށް މިހާތަނަށް ފާޅުގައި ދެކޮޅު ހަދާފައިވަނީ ޖަރުމަން ވިލާތުން އެކަންޏެވެ.

ނަމަވެސް، އެފަދަ ބޯޓުތައް ޔޫކްރޭނަށް ދިނުމާ މެދު ވިލާތުގެ އެހެން ގައުމުތަކުން ވެސް މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ. އަދި ނުދޭނެ ކަމަކަށް ވެސް ނުބުނެ އެވެ. އެމެރިކާ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ވިލާތުގެ ގައުމުތަކުގައި އުފައްދާފައިވާ ހަނގުރާމަމަތީ ޒަމާނީ މަތިންދާބޯޓުތައް ޔޫކްރޭނަށް ދީފިއްޔާ، ރަޝިޔާ އައި ނޭޓޯއާ ދެމެދު ހަނގުރާމައެއް ފެށިދާނެ އެވެ.