Roadha Mihaaru
ބާސާއަކީ ދުނިޔޭގެ އެންމެ އުނދަގޫ ކްލަބް: ޒަވީ

ބާސާއަކީ ދުނިޔޭގެ އެންމެ އުނދަގޫ ކްލަބް: ޒަވީ

05 މާޗް 2023

ބާސެލޯނާ (މާޗް 5) - ރެއާލް މެޑްރިޑް ބަލި ކުރި ގޮތާމެދު ބާސެލޯނާ އަށް ކުރިމަތިވި ފާޑުކިޔުންތަކުން އެ ޓީމަކީ ދުނިޔޭގެ އެންމެ އުނދަގޫ ކްލަބް ކަމަށް ބުނެ ކޯޗު ޒަވީ ހެނާންޑޭޒް ފާޑުކިޔުންތަކަށް ރައްދު ދީފި އެވެ.

ބާސެލޯނާ (މާޗް 5) - ރެއާލް މެޑްރިޑް ބަލި ކުރި ގޮތާމެދު ބާސެލޯނާ އަށް ކުރިމަތިވި ފާޑުކިޔުންތަކުން އެ ޓީމަކީ ދުނިޔޭގެ އެންމެ އުނދަގޫ ކްލަބް ކަމަށް ބުނެ ކޯޗު ޒަވީ ހެނާންޑޭޒް ފާޑުކިޔުންތަކަށް ރައްދު ދީފި އެވެ.

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ، މެޑްރިޑްގައި ކުޅުނު މެޗުން ބާސާ މޮޅުވީ ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަތުން ބައިކޮޅަށް ވަން ލަނޑުން 1-0 ންނެވެ. އާންމުކޮށް ބޯޅަ ޕޮޒެޝަން ހިފަހައްޓައިގެން ކުޅޭ ބާސާގެ ބޯލް ޕޮޒެޝަން އެ ދުވަހު ވަނީ 35 ޕަސެންޓަށް ވެއްޓިފަ އެވެ. އެއީ ވޭތުވެދިޔަ އަށް ސީޒަންގެ ތެރޭގައި ބާސާގެ ބޯލް ޕޮޒެޝަން އެންމެ ދަށް މެޗެވެ.

"އެކަން ވެސް ތަންކޮޅެއް ހުތުރުކަމަކަށް ވެއްޖެ. އެހެންވެ އަހަރެން ބުނަނީ ބާސާ އަކީ ދުނިޔޭގައި ވެސް އޮތް އެންމެ އުނދަގޫ ކްލަބޭ،" ސްޕެނިޝް ލީގުގައި މިރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒަވީ ބުންޏެވެ.

"މޮޅުވުން އެކަނި މިތަނުގައި ނުފުދޭ. ރެއާލް މެޑްރިޑް 1-0 ން ބަލި ކުރީމަ ވެސް (ސަޕޯޓަރުންނަށް) ހިތްހަމަޖެހޭ ކަމަކަށް ނުވި. ސަބަބަކީ އަހަރެމެންގެ ބޯޅަ ޕޮޒެޝަން ދަށަށް ދިއުން."

ޒަވީ ބުނީ ބާސާގެ މަގުސަދަކީ މެޗުތަކުން މޮޅުވުން ކަމަށް މިދިޔަ ސީޒަންގައި ވެސް އޭނާ ބުނުމުން އެކަން ވެސް ވަރަށް ބޮޑު މައްެސަލައަކަށް ވީކަމަށެވެ.

"އަހަރެންގެ ބޮަލަށް އަރައިނުގަތީ ކިރިޔާ،" ޒަވީ ބުންޏެވެ.

އޭނާ ބުނީ އެ މެޗުގައި ރެއާލް ބޯޅަ އަށް ވިއްދަން ފުރުސަތު ދިންނަމަ ބާސާ އަށް މާ ބޮޑަށް އުނދަގޫ ވިސް ކަމަށެވެ.

"މިއީ ދުނިޔޭގެ އެންމެ އުނދަގޫ ކްލަބް. އެކަމާ ޝައްކެއް ވެސް ނެތް. ކުޅެންވީ ގޮތުގެ ސާފު ގޮތެއް ކްލަބްގައި އޮވެފައި އެގޮތަށް އެކަން ނުކުރެވުނީމަ ހިތްހަމަނުޖެހޭނެ،" ޒަވީ ބުންޏެވެ.