Roadha Mihaaru
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފައިބަ ނެޓްވޯކެއް އަޅަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރިހާ އޮޕަރޭޓަރުންނަށް ފައިބަ ނެޓްވޯކެއް ޑިޒައިން ކުރަނީ

19 ޖެނުއަރީ 2017

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުވާސަލާތީ ހިދުމަތް ދިނުމަށްޓަކައި، ހުރިހާ އޮޕަރޭޓަރުންނަށް ބޭނުންކުރެވޭ ގޮތަށް އެއް ނެޓްވޯކެއް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުވާސަލާތީ ހިދުމަތް ދިނުމަށްޓަކައި، ހުރިހާ އޮޕަރޭޓަރުންނަށް ބޭނުންކުރެވޭ ގޮތަށް އެއް ނެޓްވޯކެއް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

ހުޅުމާލެ ތަރައްގީކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ މޮބައިލް، އިންޓަނެޓް އަދި ކޭބަލް ޓީވީ ފަދަ ހިދުމަތްތައް ދެވޭ ގޮތަށް ޖީޕީއޯއެން އޯޕަން އެކްސެސް ގިގަބިޓް ނެޓްވޯކެއް ގާއިމުކުރުމަށްޓަކައި ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވަހި ސްމާޓް ސިޓީއަކަށް ހަދަން ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތް މިކުރަނީ. މި ނެޓްވޯކަކީ ހުރިހާ އޮޕަރޭޓަރުންނަށް ބޭނުންކުރެވޭ ގޮތަށް ގާއިމުކުރާ ނެޓްވޯކެއް،" ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެވަނަ ފިޔަވަހީގެ މަގުތައް ހަދާއިރު، ޖީޕީއޯއެން އޯޕަން އެކްސެސް ގިގަބިޓް ނެޓްވޯކް ގާއިމުކުރަން ބޭނުންކުރާ ހުރިހާ ކޭބަލެއް އަޅާނެ އެވެ.

"އެ ނެޓްވޯކް އެޅުމުން، އިރުއިރުކޮޅާ މަގު ކޮންނާކަށް ނުޖެހޭނެ. އަދި އޮޕަރޭޓަރުންނަށް ވެސް ހިދުމަތް ފޯރުކޮށްދޭން ވަރަށް ފަސޭހަވެގެންދާނެ. އޭގެ އިތުރުން މިތަނަށް އިންވެސްޓްކުރަން ޝައުގުވެރިކަން އިތުރުވާނެ،" ސައިމަން ވިދާޅުވި އެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަލަށް ތަރައްގީކުރާ ސަރަހައްދުތަކުގައި މިފަދަ ނެޓްވޯކްތައް ގާއިމުކުރަމުން ގެންދެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖީޕީއޯއެން އޯޕަން އެކްސެސް ގިގަބިޓް ނެޓްވޯކް ޑިޒައިންކޮށް، އިންޖިނިއަރިން މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ގައި ބިޑް ހުށަހަޅަން ޖެހެ އެވެ.