Roadha Mihaaru
ހުޅުމާލޭގެ ޕްރޮޖެކްޓުތަކެއްގެ ޑިޒައިން ތުރުކީ ބަޔަކަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުތަކެއްގެ ޑިޒައިން ހަދަން ތިން މިލިއަން ޑޮލަރަށް ތުރުކީގެ ކުންފުންޏަކަށް ދީފި

05 ޖެނުއަރީ 2017

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް މަޝްރޫއުތައް ޑިޒައިންކޮށް ހިންގަން ތުރުކީގެ ކުންފުންޏަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް މަޝްރޫއުތައް ޑިޒައިންކޮށް ހިންގަން ތުރުކީގެ ކުންފުންޏަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހަވާލުކޮށްފި އެވެ.

ދެވަނަ ފިޔަވަހީގެ ބްރިޖުތަކާއި ޗެނަލްތަކާއި ބަނދަރުތައް އަދި އެއްގަމު ތޮށި ޑިޒައިންކުރުމާއި ހިންގުން ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (46.2 މިލިއަން ރުފިޔާ) އަށް ހަވާލުކުރީ ތުރުކީގެ ޓުމާސް ޓާކިޝް އިންޖިނިއަރިން ކޮންސަލްޓިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ އެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އަދި ތުރުކީގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ފެހްމީ ހާޕާލާ އެވެ.

އެޗްޑީސީން ބުނީ ތުރުކީގެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމުގައި، ފީސިބިލިޓީ ސްޓަޑީތަކާއި ޑީޓެއިލް ޑިޒައިންތައް ތައްޔާރުކުރުން ހިމެނޭ ކަމަށެވެ. އަދި އެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތައް އަށް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ވިދާޅުވީ ސައުދީ ފަންޑުގެ އެހީގައި ކުރި އަށް ގެންދާ މި މަޝްރޫއުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް މަޑުޖެހިފައި އޮތީ ޑިޒައިންކުރުމާއި ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ސައުދީ ފަންޑާ އެކު ކުރަން ޖެހޭ ބައެއް ކަންތައްތަކަށް ވަގުތު ހޭދަވުމުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ބްރިޖުތަކާއި އެ ނޫން ވެސް މަސައްކަތްތައް ފަށައިގަނެވޭނެ ކަމުގެ ޔަގީންކަން މި ލިބެނީ. ސަބަބަކީ ޑިޒައިނިން މަސައްކަތް މި ބޭފުޅުން ވަރަށް އަވަހަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި، މިހާރު އެއްބަސްވެފައިވާ ޓައިމްލައިނަށް ވުރެ އަވަހަށް،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވައްސާ ގުޅާލަން ހަތަރު ބްރިޖް، ޓޫރިޒަމް އައިލެންޑާއި މެއިންލޭންޑް ގުޅާލާ ދެ ބްރިޖް އަދި ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ގުޅުވައިދޭ ދެ ބްރިޖާ އެކު ޖުމްލަ އަށް ބްރިޖް އަޅަން ވަނީ ނިންމައިފަ އެވެ. އަދި ޓޫރިޒަމް ޒޯނާއި މެއިންލޭންޑާ ދެމެދު ޗެނަލަކާއި ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު ޗެނަލެއް ހަދަން ވެސް ހަމަޖެހިފައިވެ އެވެ.