Roadha Mihaaru
ރަތް ކުލައިގެ "ކާޓޫން ބޫޓް" ވައިރަލްވެއްޖެ

ރަތް ކުލައިގެ "ކާޓޫން ބޫޓް" ވައިރަލްވެއްޖެ

21 ފެބުރުއަރީ 2023

ފެޝަންގެ ދުނިޔޭގައި ހޮލީވުޑްގެ ޓްރެންޑުތަކަކީ އަބަދުވެސް ވަރަށް ތަފާތުކޮށް ހިނގާ ކަމެކެވެ. މިހާރު އެންމެ ބޮޑަށް ވައިރަލް ވެފައިވާ އެކައްޗަކީ، ރަަތް ކުލައިގައި ހުންނަ ބޮޑު "ކާޓޫން ބޫޓް" އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ފެޝަންގެ ދުނިޔޭގައި ހޮލީވުޑްގެ ޓްރެންޑުތަކަކީ އަބަދުވެސް ވަރަށް ތަފާތުކޮށް ހިނގާ ކަމެކެވެ. މިހާރު އެންމެ ބޮޑަށް ވައިރަލް ވެފައިވާ އެކައްޗަކީ، ރަަތް ކުލައިގައި ހުންނަ ބޮޑު "ކާޓޫން ބޫޓް" އެވެ.

މަޝްހޫރު އެނިމޭ "އެސްޓްރޯ ބޯއީ" ގެ ޓައިޓަލް ކެރެކްޓާގެ ބޫޓުގެ ޑިޒައިންނަށް ހަދާފައިވާ އެ ބޫޓަށް އަރައިގެން ނަގާފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތައް މުޅި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވަނީ ވައިރަލްވެފަ އެވެ. އެއީ މިހާރުގެ އާ ފެޝަން ޓްރެންޑަކަށް ވެސް ވަނީ ވެފަ އެވެ

އެ ބޫޓު އުފެއްދި، "މިސްޗިފް" ނަން ދީފައިވާ އެމެރިކާގެ ބްރުކްލިންގެ އާޓް ކަލެކްޓިވް ކުންފުނިން ބުނީ، މި ބޫޓު ހެދުމުގެ މަގްސަދަކީ ކާޓޫނަކުން ފެންނަ ކަހަލަ ގޮތަކަށް ބޫޓެއް އަސްލު ދިރިއުޅުމުގައި ވެސް ބޭނުންކޮށްލެވޭ ގޮތް ހެދުން ކަމަށެވެ. އެހެންވެ ބޫޓު ޕްރޮމޯޓްކުރަނީ ވެސް "ކޫލް ތްރީޑީ ދުނިޔެއަކަށް، ކާޓޫން ބޫޓެއް" ކަމަށް ބުނާ ޓެގް ލައިނަކާ އެކުގަ އެވެ.

މި ބޫޓަކީ، އަރާލަން ފަސޭހަ، ފަޔަށް ލުއި ރަބަރަކުން ހަދާފައިވާ އެއްޗެކެވެ. މިސްޗިފް ކުންފުނިން ބޫޓު ސިފަކޮށްދެމުން ބުނީ އެ ބޫޓުން މީހެއްގެ ގައިގާ ޖަހައިފި ނަމަ ގޮވާނީ "ބޮއިންގް" އަޑު ކަމަށެވެ.

މި ބޫޓު މަގްބޫލުކަން ހޯދަން ފެށީ މި މަހުގެ ކުރީކޮޅު، އާންމުކޮށް ވިއްކަން ފެށުމުގެ ކުރިން، ގިނަ އަދަދެއްގެ ސެލެބްރިޓީންނާއި އިންފްލުއެންސާއިން އެ ބޫޓަށް އަރައިގެން ތިބި ފޮޓޯ އާއި ވީޑިއޯތައް ޝެއާ ކުރަން ފެށި ހިސާބުންނެވެ.

އާންމުންނަށް ހުޅުވާލައިގެން "މިސްޗިފް" ގެ އޮންލައިން ފިހާރައިން ބޫޓު ވިއްކަން ފެށީ 350 ޑޮލަރު (5،397ރ.) އަށެވެ. އެ ކުންފުނިން ބުނި ގޮތުގައި، ފުރަތަމަ ސްޓޮކް ވަރަށް އަވަހަށް ވަނީ ހުސްވެފަ އެވެ. އޭގެ އިތުރުން، ރިސޭލް ވެބްސައިޓުތަކުން ވެސް ބޫޓު ލިބެން ހުރެ އެވެ.

މިއުޒިކް ޕްރޮޑިއުސާ ޑިޕްލޯ މިސްޗިފްގެ ބޫޓަކަށް އަރައިގެން؛ އޭނާ އަށް ވަނީ ގިނަ ބަޔަކު ހަޖޫ ޖަހާފައި.

މިއުޒިކް ޕްރޮޑިއުސާ ޑިޕްލޯ މިސްޗިފްގެ ބޫޓަކަށް އަރައިގެން؛ އޭނާ އަށް ވަނީ ގިނަ ބަޔަކު ހަޖޫ ޖަހާފައި.

އީބޭގައި މި ބޫޓު ވިއްކަން ޖަހައިފާ ހުރި އަގުތައް އުޅެނީ 675 ޑޮލަރު (10،408ރ.) އާއި 1،200 ޑޮލަރާ (18،504ރ.) އާ ދެމެދުގަ އެވެ.

ފެޝަން ޓްރެންޑުތަކަށް ލޯބިކުރާ ގިނަ ބަޔަކު ގަޔާވި ނަމަވެސް، ސޯޝަލް މީޑިއާގައި އެއްބަޔަކު އަންނަނީ މި ބޫޓަށް ޖޯކު ޖަހަމުންނެވެ.