Roadha Mihaaru
އާސިރުގެ އުޅުން ބަދަލުވެފައި، އުޅުނުތަން ކިޔައެއްނުދޭ!

އާސިރު އުޅުނު ތަނެއް ކިޔައެއްނުދޭ؛ އުޅުމަށް ހުރީ ބޮޑު ބަދަލެއް އައިސްފައި!

19 ފެބުރުއަރީ 2023

މި މަހުގެ ހަވަނަ ދުވަހު ޑިއުޓީއަށް ދާން ގެއިން ނުކުތް ފަހުން ވީނުވީއެއް ނޭނގި ގެއްލުނުތާ 13 ދުވަސް ފަހުން ވެލާނާ އެއާޕޯޓުގައި އިންދައި ފެނުނު އަހްމަދު އާސިރު އެ ދުވަސްތަކުގައި އުޅުނު ތަނެއްގެ ވާހަކަ މިއަދާ ހަމައަށް ވެސް ކިޔައިނުދޭ ކަމަށް އާއިލާ އިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި މަހުގެ ހަވަނަ ދުވަހު ޑިއުޓީއަށް ދާން ގެއިން ނުކުތް ފަހުން ވީނުވީއެއް ނޭނގި ގެއްލުނުތާ 13 ދުވަސް ފަހުން ވެލާނާ އެއާޕޯޓުގައި އިންދައި ފެނުނު އަހްމަދު އާސިރު އެ ދުވަސްތަކުގައި އުޅުނު ތަނެއްގެ ވާހަކަ މިއަދާ ހަމައަށް ވެސް ކިޔައިނުދޭ ކަމަށް އާއިލާ އިން ބުނެފި އެވެ.

އާސިރު، 31، ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި، ވެލާނާ އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލްގެ ވެއިޓިން އޭރިއާގެ ގޮނޑިއެއްގައި އިށީނދެގެން އިންދަ އެވެ. އޭނާ ފެނުނު އިރު ވެސް ލައިގެން ހުރީ ގެއްލުނު ދުވަހު ވެސް ލައިގެން ހުރި އެއްޗިއްސެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ފެނުނު އިރު ހާލު ރަނގަޅެވެ.

އާސިރުގެ އާއިލާ އިން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނީ އާސިރު ފެނުނުތާ ތިން ދުވަސް ވީއިރު ވެސް އޭނާ އުޅުނު ތަނަކާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކި ކަމަށެވެ.

"ގެއްލުނީތޯ ސުވާލު ކުރީމާ ވެސް އެއްވެސް ޖަވާބެއް ނުދޭ. އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް އޭނާ ނުދައްކާ، ނުދެއްކޭ ވާހަކައެއް،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"މިދިޔަ 13 ދުވަހު އުޅުނީ ކޮންތާކު ކަމެއް، ކުރީ ކީއްކަމެއް ނޭނގެ. ހަމައެކަނި އެނގެނީ އެއާޕޯޓް ގޮނޑީގައި އިންދާ ފެނުނުކަން. އެ 13 ދުވަސްތެރޭގައި އޭނާގެ އެއްވެސް ހަރަކާތެއް ހުރި ގޮތެއް ކިޔައެއް ނުދޭ. ސުވާލެއް ކުރިޔަސް އެ ނޫން ހުރިހާ ކަމަކަށް ޖަވާބުދޭ. އެއާ ގުޅޭ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ."

އާސިރުގެ އާއިލާއިން ބުނީ އޭނާ ޑޮކްޓަރަށް ދެއްކުމުން، ދިމާވީ ކަންކަމާ ގުޅޭ ގޮތުން ސުވާލު ނުކުރުމަށް ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޮޑަށް ލަފާކުރެވެނީ އޭނާ ބޭނުން ނުވަނީއޭ އަދި މިވަގުތަށް އެއްވެސް ވާހަކައެއް ދައްކަން. ޑޮކްޓަރަށް ވެސް ދައްކައިފިން. ޑޮކްޓަރުން ބުނަނީ އޭނާއާ އެހާ ބޮޑަށް އެކަމާ ގުޅޭ ސުވާލުތައް ނުކުރާށޭ، އޭނަ އަމިއްލައަށް އެ ވާހަކަ ދައްކަންދެން ބަހައްޓާށޭ."

އާސިރުގެ އާއިލާއިން ބުނީ އޭނާ އަކީ ރަނގަޅު ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް ކަމަށެވެ. މަސްތުވާތަކެތީގެ އެއްވެސް ރެކޯޑެއް މިހާތަނަށް ނެތް ކަމަށާއި ނަފްސާނީ ބައްޔަކަށް ބޭސްކުރަމުން އަޔަސް އެކަމުގައި މާބޮޑެތި އުނދަގޫތަކެއް ކުރިމަތިވާކަން ފާހަގަނުވާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އާސިރު ގެއްލިފައި ފެނުނު ފަހުން އުޅުމަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައި ހުރިކަން ފާހަގަވާ ކަމަށް އާއިލާއިން ބުންޏެވެ.

"ގެއްލުމުގެ ކުރިން އުޅުނު ގޮތާ މިހާރު އުޅޭ ގޮތާ ވަރަށް ތަފާތު. މިހާރު ވާހަކައެއް ނުދައްކާ މީހަކު ވާހަކަ ދެއްކީމަ ނޫނީ. ހަމަ ގޭގައި އިންނަނީދެން،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާއަށް ދިމާވި ގޮތުން ވަޒީފާ އަށް ފޮނުވާކަށް އާއިލާ އިން އަދި ބޭނުމެއް ނުވެ އެވެ. އާސިރު ފެނުނު ކަން ފިޔަވައި ފުލުހުން އޭނާއާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އާސިރު ގެއްލުމުގެ ކުރިން އއ. މަތިވެރިން ވެސް ވަނީ މީހަކު ގެއްލިފަ އެވެ. އެ މީހާ އަދިވެސް ނުފެނެ އެވެ.