Roadha Mihaaru

ވީއައިއޭއަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް ގަދަ ވަޔާއެކު ވެއްޓިއްޖެ

މިއަދު މެންދުރު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ވައިގަދަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެ އެވެ.

ވައިގަދަވެގެން ގިޑިގެއެއް ވެއްޓިއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

29 ޖުލައި 2025

މިއަދު މެންދުރު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ވައިގަދަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ އެއާޕޯޓަށް ވަންނަ މަގުގައި، ޖުލައި 26 އަށް ހަދާފައި ހުރި ގިޑިގެއެއް ވައިގަދަވުމުގެ ސަބަބުން ވެއްޓުނު ކަމުގެ ރިޕޯޓް ލިބުނީ މެންދުރު 1:30 ހާއިރު ކަމަށެވެ.

އެ ހާދިސާގައި މީހަކަށް ވެސް އަދި އެ މަގުން ދަތުރުކުރި އެއްވެސް އުޅަނދަކަށް ވެސް ގެއްލުމެއް ނުލިބުނަސް، އެ ވަގުތު މަގު ބަންދުވެ، ދަތުރުފަތުރަށް ކޮންމެވެސް ވަރަކަށް ބުރޫ އެރިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނާއި އެމްއޭސީއެލް މުވައްޒަފުން ގުޅިގެން ވެއްޓުނު ގިޑިގެ ނަގައި، މަގު ހުޅުވާލާފައިވާކަމަށް ފުލުހުން ބުންޏެވެ.

ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ. މެޓުން ލަފާ ކޮށްފައި ވަނީ ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

ރާއްޖެ އަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.