Roadha Mihaaru
ރަޝިޔާ ބަލިކޮށްލިޔަސް ފުނޑާލައިގެން ނުވާނެ: މެކްރޯން

ރަޝިޔާ ބަލިކޮށްލިޔަސް ފުނޑާލައިގެން ނުވާނެ: މެކްރޯން

19 ފެބުރުއަރީ 2023

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އަސްކަރީ މަދަދު ފޯރުކޮށްދީގެން ރަޝިޔާ ބަލިކޮށްލިޔަސް، ރަޝިޔާ ފުނޑާލައިގެން ނުވާނެ ކަމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އަސްކަރީ މަދަދު ފޯރުކޮށްދީގެން ރަޝިޔާ ބަލިކޮށްލިޔަސް، ރަޝިޔާ ފުނޑާލައިގެން ނުވާނެ ކަމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން އިއްޔެ ވިދާޅުވެއްޖެ އެވެ.

ހުޅަނގުގެ ގައުމުތަކުގެ ނޫސްވެރިންނާ ބައްދަލު ކުރައްވަމުން މެކްރޯން ވަނީ، ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އިތުރު އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އޭނާ މިހާރު ހުންނެވީ ދިގުދެމިގެންވާ ހަނގުރާމައަކަށް ތައްޔާރުވެވަޑައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ބަލިކޮށްލަން އަހަރެން ބޭނުން. އަދި މި ހަނގުރާމައިގައި ޔޫކްރޭންގެ މަގާމު ދިފާއުކުރެވެން ވެސް އަހަރެން ބޭނުން،" މެކްރޯން ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ބައެއް މީހުން އެ ބޭނުންވާ ގޮތަށް، ރަޝިޔާ އަށް ހަމަލާދީ ރަޝިޔާ އެކުގައި ނެތިކޮށްލަން އަމާޒު ހިފުމަކީ އަހަރެމެން ކުރަންޖެހޭނެ ކަމެއް ކަމަކަށް ނުދެކެން. މަންޒަރު ބަލަން ތިބި މީހުން، އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ބޭނުންވެފައި އެތިބީ ރަޝިޔާ ފުނޑިގެންދާ ތަން ދެކެން. އެއީ އެއްވެސް އިރެއްގައި ފްރާންސް ބޭނުންވާ ގޮތެއް ނޫން، އަދި ފްރާންސްގެ މަސައްކަތަކީ ވެސް އެޔެއް ނޫން."

މެކްރޯން ވިދާޅުވި ގޮތުގައި މައްސަލައިގެ ދާއިމީ ހައްލު ހޯދޭނީ ރަޝިޔާއާ އެކުގައި ވާހަކަ ދައްކައިގެން ކަމަށް ގަބޫލުކުރައްވަ އެވެ. އެހެން ނަމަވެސް މިއީ ރަޝިޔާއާ އެކުގައި މަޝްވަރާ ކުރެވޭނެ ހާލަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭން ހަނގުރާމަ މިހާރު ފުޅާވެފައިވާ މިންވަރަށް ބަލާއިރު، މަޝްވަރާގެ މޭޒު ދޮށަށް ރަޝިޔާ ގެނެވެން އޮތް ހަމައެކަނި ގޮތަކީ، މެކްރޯން ވިދާޅުވި ގޮތގުގައި، ރަހުމަތްތެރި ގައުމުތަކުގެ އަސްކަރީ އެހީތެރިކަމާ އެކު ޔޫކްރޭނަށް ކުރި ހޯދައިދިނުމެވެ. އެއަށް ފަހުގައި ކުރެވޭ މަޝްވަރާތަކުން ހޯދޭ ސުލްހަވެރި ހައްލަކުން ނޫނީ ނަތީޖާއެއް ނުނެރެވޭނެ ކަމަށް ވެސް މެކްރޯން ވިދާޅުވި އެވެ.

އަވައްޓެރި ގައުމުތަކާ މެދު ރަޝިޔާ އިން ގެންގުޅޭ އުދުވާނީ ސިޔާސަތު ހުއްޓުވުމަށްޓަކައި ރަޝިޔާގެ ވެރިކަން ބަދަލުކުރުމަށް ތާއީދު ކުރައްވަންތޯ ސުވާލު ކުރުމުން، މެކްރޯން ވިދާޅުވީ އެއީ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މުޅިން ފެއިލްވެފައިވާ ސިޔާސަތެއްކަން މިދިޔަ އަހަރުތަކުގައި، ދުނިޔޭގެ އެކި ގައުމުތަކުން ސާބިތުވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.