Roadha Mihaaru
10 އަހަރުކުރީގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލި

ޕާޓީތަކުގެ ގާނޫނާ ގުޅޭގޮތުން 10 އަހަރު ކުރިން ހުށަހެޅި މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓް

15 ފެބުރުއަރީ 2023

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި ކުރިން އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިތާ 10 އަހަރު ފަހުން އެ މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި ކުރިން އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިތާ 10 އަހަރު ފަހުން އެ މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޕާޓީތަކުގެ ގާނޫނު 2013 ވަނަ އަހަރު ވުޖޫދަށް އައިއިރު، 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް މާއްދާއެއް އޮތެވެ. އެ މާއްދާ ބާތިލްކުރަން އޭރު އެޓާނީ ޖެނެރަލްގެ ފަރާތުންނާއި މިހާރުގެ ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ސޯލިހްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ.

އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ވަނީ ގާނޫނުގެ އެ މާއްދާ ބާތިލްކޮށްފަ އެވެ. އެކަމަކު އިމާދު ހުށަހެޅުއްވި މައްސަލައާ މެދު މިއަދާ ހަމައަށް އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ވިދާޅުވީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ގައުމުގެ އާންމު މަސްލަހަތު ހިމެނޭ ނުވަތަ ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ކަމަށެވެ. އެ ނޫން ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް ގާނޫނުގައި ބުނެފައިވާ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުން އޭރު ބަލައިގަތީ ކޮން ގޮތަކަށް ރިއާޔަތް ކޮށްގެން ކަން އެ ކޯޓުން މައްސަލަ ބަލައިގަތް ލިޔުމުން އެނގޭކަށް ނެތެވެ. އެއީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބެލޭނެ ދުސްތޫރީ މައްސަލައެއް ކަމަށް ނުބެލެވޭ ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.