Roadha Mihaaru
ވީޑިއޯގައި ފެންނަ ޑްރަގް ވިއްކާ ޒުވާނާ ހައްޔަރުކޮށްފި

ވީޑިއޯގައި ފެންނަ ޑްރަގް ވިއްކާ ޒުވާނާ ހައްޔަރުކޮށްފި

11 ފެބުރުއަރީ 2023

މާލޭގެ މަގުމަތީގައި ވަރަށް ފާޅުގައި ބަޔަކު މަސްތުވާތަކެތި ވިއްކާ މަންޒަރު ފެންނަ ވީޑިއޯގައި، އެ ތަކެތި ވިއްކަން އުޅުނު ޒުވާނާ ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުމަތީގައި ވަރަށް ފާޅުގައި ބަޔަކު މަސްތުވާތަކެތި ވިއްކާ މަންޒަރު ފެންނަ ވީޑިއޯގައި، އެ ތަކެތި ވިއްކަން އުޅުނު ޒުވާނާ ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. ސޯޝަލް މީޑިއާގައި ބަޔަކު އާންމު ކޮށްފައިވާ ވީޑިއޯގައި ފެންނަ އެ ޒުވާނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު ހުއްދަ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިމާރާތެއްގެ މަތިން ނަގާފައިވާ އެ ވީޑިއޯގައި ފެންނަނީ ސައިކަލެއްގެ މަތީގައި އިން ޒުވާން ފިރިހެނަކު ބަޔަކަށް ޑްރަގް ވިއްކާ މަންޒަރެވެ. ވީޑިއޯ އިން ފެންނަނީ 100ރ. ދިއްކޮށްލުމުން ޕެކެޓެއް ނަގާފައި އެ މީހުންނަށް ދޭ މަންޒަރެވެ.

ވީޑިއޯގައި ފެންނަ ގޮތުގައި އޭނާގެ ކައިރީގައި އެހެން ސައިކަލެއްގައި އިން މީހަކު 100ރ. ދިއްކޮށްލުމުން އަތަށް އެއްޗެއް ދެ އެވެ. އިތުރު ދެ މީހަކު ވެސް އެ ތަނަށް ފައިސާ ހިފައިގެން ދިއުމުން އެ މީހުންނަށް ވެސް ޕެކެޓުތައް ދޭ މަންޒަރު 40 ސިކުންތުގެ އެ ވީޑިއޯ އިން ފެނެ އެވެ.

ދުވާލު ވަގުތުގައި މަގުމަތީގައި އެހާ ފާޅުކަން ބޮޑުގޮތެއްގައި ޑްރަގް ވިޔަފާރިކުރާތީ އާއްމުން ވަނީ ފުލުހުންނަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ޑްރަގު ވިޔަފާރިކުރުން ވަރަށް އާންމެވެ. ދޭތެރެއަކުން ފުލުހުން ގޮސް އެފަދަ ސަރަހައްދުތައް ބަލައި ފާސްކޮށް ބަޔަކު ގެންދިޔަސް ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެ ވިޔަފާރި ފުޅާކުރެ އެވެ.