Roadha Mihaaru
ނަޝީދުގެ ފެކްޝަނުގެ ފޯމުތަކުން ގޮފި ހެދޭނެ

ނަޝީދުގެ ފެކްޝަނުން ފުރާ ފޯމުތަކުން ވެސް ގޮފި ހެދޭނެ: އެމްޑީޕީ

02 ފެބުރުއަރީ 2023

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ފެކްޝަނުން މިހާރު ފުރަމުން އަންނަ ފޯމުތަކުން ވެސް ގޮފި ހެދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ފެކްޝަނުން މިހާރު ފުރަމުން އަންނަ ފޯމުތަކުން ވެސް ގޮފި ހެދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

"ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ގޮތްޕެއް އުފައްދަން ހިންގަމުން އަންނަ ހަރަކާތުގައި ފުރަމުން އަންނަނީ އެ ޕާޓީގެ ފޯމެއް ނޫނެވެ. ގޮފި ރަޖިސްޓްރީ ކުރަން އެމްޑީޕީގައި ވަކި ފޯމެއް އޮވެ އެވެ. އެހެންވެ، "ފިކުރެއްގެ ދިރުން" ނަމުގައި މިހާރު ފުރަމުން އަންނަ ފޯމުތަކުގައި އެޑްރެހަކަށް ވެސް ޖަހާފައި އޮތީ ނަޝީދުގެ އަމިއްލަފުޅު އެޑްރެސް، ގ. ކެނެރީގެ އެވެ.

އެކަމަކު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވީ ކެނެރީގޭގެ ނަމުގައި ފޯމު ފުރައިގެން ގޮފި އުފައްދަން އޮންނަ ގޮތަށް ހުށަހެޅުމުން ޕާޓީގައި ރަޖިސްޓްރީ ކޮށްދޭނެ ކަަމަށެވެ. ގޮފިތައް އުފެއްދުން އަސާސީ ގަވާއިދާ ހިލާފު ނޫން ކަމަށާއި ބަލަން ޖެހެނީ ގޮފި އުފައްދައިގެން ހިންގާ ހަރަކާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިކުރުގެ ދިރުން" ގޮފިތަކަށް 50،000 މީހުން ހަމަކޮށް، އެމްޑީޕީން ތާއީދުކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ. އެ މަނިކުފާނު އެހެން ވިދާޅުވިޔަސް، ރިޔާސީ ކެންޑިޑޭޓަކު ހޮވަން އެމްޑީޕީން ބޭއްވި ޕްރައިމަރީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކާމިޔާބު ކުރެއްވުމާ އެކު ރިޔާސީ ޓިކެޓް ވަނީ ކަށަވަރު ކުރައްވައިފަ އެވެ.

ފިކުރެއްގެ ދިރުން ފެކްޝަނާ ގުޅޭ ފޯމް-

ފިކުރެއްގެ ދިރުން ފެކްޝަނާ ގުޅޭ ފޯމް-

ނަމަވެސް ރޭ ގ. ބޮޑުފެންވަޅު ގޭގައި ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރާ މެންބަރުން ވަނީ "ފިކުރެއްގެ ދިރުން" ފޯމުގައި ސޮއި ކުރުމުގެ ހަރަކާތެއް ބާއްވައިފަ އެވެ. ތާއީދު ހޯދުމުގެ ފޯމު ފުރުމުގެ ނަމުގައި ހިންގި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ސޮއިކުރި އެވެ.

ފޯމު ބަލައިގަތުމުގެ ކަންކަން ކުރަނީ "ފިކުރެއްގެ ދިރުން އޮފީހުން" ކަމަށް އެ ފޯމުގައި ބުނެފައިވެ އެވެ. ފޯމުން ބެލެވޭ ގޮތުގައި އެއީ ނަޝީދުގެ ފެކްޝަނުގެ އަމިއްލަ ޑޭޓާބޭސްއެއް ހެދުމަށް ނުވަތަ ގޮފި އުފައްދަން މައުލޫމާތު ނަގަން ހިންގާ ހަރަކާތެކެވެ.

ގޮފި އުފެއްދުމަށް އެމްޑީޕީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ފޯމް.

ގޮފި އުފެއްދުމަށް އެމްޑީޕީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ފޯމް.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ގޮފިތަކަކީ ސިޔާސީ ގޮތުން އެއް ފިކުރެއްގައި މަސައްކަތް ކުރަން އުފައްދާ ގުނަވަނެކެވެ.

ފިކުރެއްގެ ދިރުން ފެކްޝަނާ ގުޅޭ ފޯމް ފުރުމުގެ ހަރަކާތްތެއް--

ފިކުރެއްގެ ދިރުން ފެކްޝަނާ ގުޅޭ ފޯމް ފުރުމުގެ ހަރަކާތްތެއް--

ގޮފި ގަވައިދުގައިވާ ގޮތުން ޕާޓީގެ ވަކި ފިކުރެއްގެ މައްޗަށް ބަރޯސާކޮށް ފިކުރު ގޮފި އުފެއްދި ދާނެ އެވެ. އެއީ ވަކި ސަރަހައްދެއްގައި ހިންގުމުގެ ބަދަލުގައި ވަކި ފިކުރެއް ކުރިއަރުވައި ތަރައްގީ ކުރަން ހިންގާ ގޮތްޕެއް ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ އެތެރޭ ގޮފިތައް ގާއިމްކޮށް ނިމުމުން މި އަހަރު ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކާ މެދު ވަކި ގޮތެއް ނިންމާނެ އެވެ. ނަޝީދު އެހެން ވިދާޅުވި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް 61 ޕަސެންޓް ވޯޓުން ކަނޑައަޅައިފަ އެވެ. ނަޝީދު ބަލި ގަބޫލު ކުރެއްވި ނަމަވެސް ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަހައްޓަން އެ މަނިކުފާނާއި އެ ފެކްޝަނުން ބޭނުމެއް ނުވެ އެވެ. ނަޝީދު އިސްވެ، އެމްޑީޕީގައި ވަކި ގޮތްޕެއް އުފައްދަވަން މަސައްކަތްޕުޅު ފެއްޓެވީ އެހެންވެ އެވެ.