Roadha Mihaaru
"އެމްޑީޕީ ދޫކޮށްލުން ދެރަ، އެކަމަކު އުންމީދު ބޮޑު"

އެމްޑީޕީ ދޫކޮށްލަން ޖެހޭތީ ދެރަ، އާ ޕާޓީއާ މެދު އުންމީދު އެބައޮތް: ފިކުރެއްގެ ދިރުން

17 މެއި 2023

އެމްޑީޕީ ދޫކޮށްލަން ޖެހުމަކީ އުފަލެއް ނޫން ކަމަށާއި އެހެން ނަމަވެސް ކުރިޔަށް އޮތް ތަނުގައި ސިޔާސީ ގޮތުން އުންމީދު ވަރަށް ބޮޑު ކަމަށް އެމްޑީޕީން މިއަދު ވަކިވި "ފިކުރެއްގެ ދިރުން" ގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީ ދޫކޮށްލަން ޖެހުމަކީ އުފަލެއް ނޫން ކަމަށާއި އެހެން ނަމަވެސް ކުރިޔަށް އޮތް ތަނުގައި ސިޔާސީ ގޮތުން އުންމީދު ވަރަށް ބޮޑު ކަމަށް އެމްޑީޕީން މިއަދު ވަކިވި "ފިކުރެއްގެ ދިރުން" ގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެންބަރުންތަކެއް އެ ޕާޓީން އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވީ ހިތްހަމަޖެހުމާއި އުފަލާއެކުގައި ނޫން ކަމަށާއި ވަކިވީ ހިތާމައާއެކުގައި ކަމަށެވެ.

"ހިތާމައާއެކު، އެކަމަކު އުންމީދާއެކު. އަޅުގަނޑުމެންގެ އާ ސިޔާސީ ޕާޓީއަށް ވަރަށް އުންމީދު ބޮޑު،" އީވާ ވިދާޅުވި އެވެ.

އެމްޑީޕީ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމި އޮތީ އަސާސްތަކެއް ގަބޫލު ކޮށްގެން ހިންގަމުން އައި ހަމައެކަނި ސިޔާސީ ޕާޓީއަށް ވާތީ ކަމަށާއި ނަމަވެސް މިއަދު އެ ހުރިހާ އަސާސްތަކެއް ނެތި ގޮސް ޕާޓީ ހަލާކުވެފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

ހިތާމައާއެކު، އެކަމަކު އުންމީދާއެކު. އަޅުގަނޑުމެންގެ އާ ސިޔާސީ ޕާޓީ އަށް ވަރަށް އުންމީދު ބޮޑު -- އީވާ

"އެމްޑީޕީއަކީ ވައްކަމުގެ ހާއްޔަކަށް ހަދައިފި. އެ ވައްކަމުގެ ހާލީގައި އަޅުގަނޑުމެން ތިބެން ބޭނުން ނެތީ. އަޅުގަނޑުމެން ގަބޫލުކުރި އަސާސްތަކާ އެމްޑީޕީ ދުރަށް ދިޔައެއް ކަމަކު އެ އަސާސްތަކާ ދުރަށް އަޅުގަނޑުމެން ދާކަށް ތައްޔާރެއް ނޫން،" އެމްޑީޕީގެ މިހާރުގެ ލީޑާޝިޕަށް ފާޑު ވިދާޅުވަމުން އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަލުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުން އެމަނިކުފާނަށް އޮތް ތާއީދު ކުޑަވި ނަމަވެސް އެފަދަ ހިތި ތަޖުރިބާއެއް ފިކުރެއްގެ ދިރުމުން ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އީވާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިފާއު ކުރުމަށްޓަކައި މުޅި އެމްޑީޕީ ފުނޑާލާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

"އާ ޕާޓީއެއް ކުޑަ ޕާޓީއެއް މުސްކުޅި ޕާޓީއެއް ދިގު ޕާޓީއެއް ބަލާނެ ކަމެއް ނެތް. އެ ޕާޓީއެއްގެ އަސާސްތައް ނުހިފެހެއްޓެންޏާ ޕާޓީއެއްގެ މުސްތަގުބަލެއް ނެތް ކަން މި ފެންނަނީ،" އީވާ ވިދާޅުވި އެވެ.

ފިކުރެއްގެ ދިރުމަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ލައްވައި ސޮއި ކުރުވި އެވެ. އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވި 50،000 އަށް ވުރެން ގިނަ މެމްބަރުން ފޯމު ފުރި އެވެ. ވަކި ހިސާބަކުން، ފޯމު ފުރުން އޮތީ މަޑުޖެހިފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ޕާޓީން މިއަދު ވަކިވެ ވަޑައިގަތް މުހައްމަދު ޝިފާޒް ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހު ފިކުރެއްގެ ދިރުން އުފައްދަން ކުރި މަސައްކަތް ނާކާމިޔާބު ނުވާ ކަމަށެވެ. މިހާރު އާ ޕާޓީއެއްގެ ގޮތުގައި މި ފެންނަނީ އެ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ފިކުރެއްގެ ދިރުންގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ފަހު އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި ސިޔާސީ ޕާޓީތަކާއެކު އިއްތިހާދެއް ހަދަން ޖެހިއްޖެ ނަމަ އެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.