Roadha Mihaaru
އިންތިހާބަށް ހިންގާ ޖަރީމާ ހުއްޓުވަންޖެހޭ: އަދާލަތު

ހިންގަމުންދަނީ އާދައިގެ ކަންކަމެއް ނޫން، ރިޔާސީ އިންތިހާބު މިނިވަންކުރަން އެކަން ހުއްޓުވަން ޖެހޭ: އަދާލަތު

17 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ރައްޔިތުންގެ އަތުން ނިގުޅައިގަނެ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ހިންގަމުން ދަނީ ބޮޑެތި ޖަރީމާތައް ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް ޓަކައި އެކަންކަން ހުއްޓުވަން ޖެހޭ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލް އިންތިހާބު ރައްޔިތުންގެ އަތުން ނިގުޅައިގަނެ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ހިންގަމުން ދަނީ ބޮޑެތި ޖަރީމާތައް ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް ޓަކައި އެކަންކަން ހުއްޓުވަން ޖެހޭ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން ނުފޫޒުތަކުގެ ދަށުވެ، ކައުންސިލް އިންތިހާބު ވަކި ބަޔަކަށް ކާމިޔާބުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އަދާލަތު ޕާޓީން ވަނީ އެ އިންތިހާބު ބޮއިކޮޓްކޮށްފަ އެވެ.

އިންތިހާބު ބާއްވަން އުޅޭ ގޮތާ މެދު ކަންބޮޑުވުންފާޅުކޮށް އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަމުގައި ހިންގަމުންދާ ގާނޫނާ ހިލާފު ކަންކަމަށް ނޫނެކޭ ބުނެ، އެކަންކަމަށް ގާނޫނީ ހައިސިއްޔަތު ދޭން ވެސް އިންކާރުކުރަން ޖެހޭ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ އިންތިހާބަކަށް ވާތީ އެ އިންތިހާބުގެ އިންސާފުވެރިކަން ކަށަވަރުކުރަން މިހާރު މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"ގާނޫނީ ހަމަތަކުގެ މަތިން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ނިގުޅައިގަނެ އެކަންކަމާ މެދު އަމަލުކޮށްފައިވާ ގޮތާއި ނިންމާފައިވާ ނިންމުންތަކުގައި ހުރީ އިންތިހާބުތަކާ ގުޅިގެން އާއްމުގޮތެއްގައި ފެންމަތިވާ ފަދަ މައްސަލަތަކެއް ނޫނެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.

އެ މައްސަލަތަކުގައި ފެންނަން ހުރީ، އެ ޕާޓީން ބުނިގޮތުގައި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމް މުޅިން ހަލާލުކޮށް ރައްޔިތުންގެ ވެރިކަމާއި ގާނޫނުގެ ބާރު ނެތިކޮށްލަން ހިންގާފައިވާ ބޭއިންސާފު އަނިޔާވެރި ޖިނާއީ ކުށްތަކެވެ.

އިސްލާމް ދީނާއި ރައްޔިތުންގެ ހަމަޖެހުމާއި ދިވެހި ގައުމުގެ ސިޔާދަތު ދެމިއޮތުން ބިނާވެގެން ވަނީ ރައްޔިތުންގެ ވެރިކަމާއި ގާނޫނީ ބާރު ރާއްޖޭގައި ހިނގާ މިންވަރެއްގެ މައްޗަށް ކަމަށް ވާތީ އެކަންކަމަށް ލޮޅުމެއް އަތުވެދާނެ ކޮންމެ ކަމަކާ އެ ޕާޓީން ދެކޮޅު ހަދާނެ ކަމަށް އަދާލަތުން ބުންޏެވެ.

އެ ޕާޓީން ބުނީ ކައުންސިލް އިންތިހާބަށް ކުރަމުންދާ ގާނޫނާ ހިލާފު ކަންކަން ބައިނަލްއަގުވާމީ މުޖުތަމައުގެ ވެސް ސަމާލުކަމަށް ގެނެސް ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. ހުރިހާ ކެންޑިޑޭޓުންނަށް ވާދަކުރެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ލިބޭނީ އޭރުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ކައުންސިލް އިންތިޚާބު އޭޕްރީލް 8 ގައި ބާއްވަން ނިންމީ މި މަހުގެ 14 ގައި އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އިތުރު ދެ މަހަށް އެ އިންތިޚާބު ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މަހު ހުކުމް ކުރުމުންނެވެ. އެގޮތަށް ހުކުމް ކުރީ އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ވެރިކަން ކުރާ ޕީޕީއެމުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.