Roadha Mihaaru
މިހާރު ކޮންސްޓްރަކްޝަން ސައިޓެއް، ތަފާތު އައްޑޫއަކަށް!

އައްޑޫ މިހާރު ކޮންސްޓްރަކްޝަން ސައިޓަކަށް، އަންނަ އަހަރު ފެންނާނީ ތަފާތު އައްޑޫއެއް: މޭޔަރު

24 ޖެނުއަރީ 2023

މި ސަރުކާރުން އައްޑޫގައި ތަރައްގީގެ އެތައް މަޝްރޫއެއް ހިންގާތީ މިހާރު އެއީ "ކޮންސްޓްރަކްޝަން ސައިޓެއް" ކަމަށާއި އެކަމަކު އަންނަ އަހަރު ފެންނާނީ މުޅިން ތަފާތު، ޗާލު އައްޑޫއެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި ސަރުކާރުން އައްޑޫގައި ތަރައްގީގެ އެތައް މަޝްރޫއެއް ހިންގާތީ މިހާރު އެއީ "ކޮންސްޓްރަކްޝަން ސައިޓެއް" ކަމަށާއި އެކަމަކު އަންނަ އަހަރު ފެންނާނީ މުޅިން ތަފާތު، ޗާލު އައްޑޫއެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން "މިހާރު" އާ ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، މި ދުވަސްވަރު އައްޑޫގެ ރަށްތަކުގައި "ކޮންމެ ކޮޅަކަށް ދިޔަސް ފެންނަނީ ހެވީ ވެހިކަލްތަކުގެ މޫވްމަންޓް" އާ އެކު ތަރައްގީގެ މަސައްކަތްތައް ހިނގާ މަންޒަރު ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ އެ މަންޒަރު މި އަންނަ އަހަރު ނުފެންނާނެ ކަމަށް. މި އަންނަ އަހަރު ފެންނާނީ އައްޑޫގެ މަސައްކަތްތައް ނިމި، ތަފާތު އައްޑޫއެއް. ތަފާތު ރީތި ކަމަކާއި ޗާލުކަމެއް އައްޑޫން ފެންނާނީ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެހެންވެ، ބައެއް މަގުތައް ބަންދުކޮށް، މި ދުވަސްވަރު ފެންނަނީ އެ މަސައްކަތް ކުރިއަށް ގެންދާ ތަނެވެ. އަދި ބައެއް ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަގެންދެ އެވެ.

އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ އެ މަންޒަރު މި އަންނަ އަހަރު ނުފެންނާނެ ކަމަށް. މި އަންނަ އަހަރު ފެންނާނީ އައްޑޫގެ މަސައްކަތްތައް ނިމި، ތަފާތު އައްޑޫއެއް. ތަފާތު ރީތި ކަމަކާއި ޗާލުކަމެއް އައްޑޫން ފެންނާނީ،"--- ނިޒާރު

ނިޒާރު ވިދާޅުވިގޮތުގައި އައްޑޫގެ މީހުން ހުށަހެޅި މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ހާއްސަ ބެއްލެވުމުގެ ދަށުންނެވެ. އޭނާ ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ ތެރެއިން 200 މިލިއަން ޑޮލަރު ފުރަަތަމަ ވެސް އައްޑު އަށް ހާއްސަކޮށް، އެ ބޭނުން ކުރާނެ ގޮތުގެ މަޝްވަރާ ވެސް ސިޓީ ކައުންސިލާ ކުރި ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވީ އައްޑޫގެ ހުރިހާ މަގުތައް ހެދެން ޖެހޭނެ ކަމަށް. އެހެންވެ އައްޑޫގެ ހުރިހާ އަވަށްތަކުގެ މަގުތައް ހަދަން ނިންމައި އެ މަގުތަކަށް ފަންޑް ކުރީ. ބިން ހިއްކަން ވެސް އަޅުގަނޑުމެން އެދުނު އަދަދަށް ބިން ހިއްކޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. އެއާއެކު ފަސް ރަށެއް ވެސް ހިއްކަން ޖެހޭ. އެއީ ވެސް ޝޯ ޕްރޮޓެކްޝަނާއެކު،" މޭޔަރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އައްޑޫ މޭޔަރު ނިޒާރު މިދިޔަ ހަފުތާގައި ފޭދޫގައި ވާހަކަ ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އައްޑޫ މޭޔަރު ނިޒާރު މިދިޔަ ހަފުތާގައި ފޭދޫގައި ވާހަކަ ދައްކަވަނީ.

އޭނާ ވިދާޅުވީ، ކޮވިޑްގެ ދެ އަހަރާއެކު، ދިމާވި ދަތިތައް އައްޑު އަށް ވެސް ކުރި ކަން ގަބޫލުކުރަންޖެހޭ ކަމަށާއި މަސައްކަތްތަކުގެ ސްޕީޑް ލަސް ނޫން ކަމަށެވެ.

"ރިޔާސީ އިންތިހާބަށް ދާއިރު އަޅުގަނޑު ގަބޫލު ކުރަނީ މަގު ހެދުމުގެ 70-80 ޕަސެންޓް ނިމޭނެ ކަމަށް. މިހާރު މަގުތައް ނިންމުން ލަސްވަނީ މަގުތަކުގެ ޑިޒައިނަށް ދޭތެރެދޭތެރެއިން ގެންނަންޖެގޭ ބަދަލާއެކު. ރައްޔިތުންގެ ޝަކުވާ އާއި ކައުންސިލާއި މިނިސްޓްރީން އެދޭ ބައެއް ކަންކަން ކުރިއަށް ގެންދާތީ ލަސްތަކެއް ދިމާވޭ. މެޓީރިއަލް ބަދަލުވޭ. ބޭރުން ހުރިހާ އެެއްޗެއް އެތެރެ ކުރަނީ. ދެ ތިން މަސް ނަގާ ކޮންމެ ބަދަލަކާއެކު މަސައްކަތް ފަށައިގަންނަން،" ނިޒާރު ވިދާޅުވި އެވެ.

އެހެން ނޫން ނަމަ ހިތަދޫގެ ދެ މަގެއް ހަދާލާފައި ނިންމާލަން ވީ ނޫންތޯ؟ އެހެނެއް ނޫން ނިންމެވީ. ހިތަދޫގެ ހުރިހާ މަގެއް. މަރަދޫގެ ހުރިހާ މަގެއް. އެހެން އަވަށްތަކުގެ ވެސް ހުރިހާ މަގެއް ހަދަން ނިންމެވީ. އައްޑޫ ވީމާ ވެސް ޕްރޮޖެކްޓްތައް ލަސްވޭ. އެއީ ކުރަންޖެހޭ މަސައްކަތްތައް ވެސް ބޮޑުވީމާ،"--- ނިޒާރު

އޭނާ ވިދާޅުވިގޮތުގައި މަގުތައް ހެދުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮން ކުންފުނީގެ މައްސަލަައެއް ނެތެވެ. ހަމައެކަނި ލަސްވުމަކީ އައްޑޫ މީހުންނާއި ކައުންސިލާއި މިނިސްޓްރީން ބޭނުންވެގެން ގެންނަންޖެހޭ ބަދަލުތައް ކަމަށް މޭޔަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަގު ކޮނަންނަން ފަށާފައި: މުޅިން އައްޑޫން 100 ކިލޯ މީޓަރުގެ މަގު ހަދާނެ.

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަގު ކޮނަންނަން ފަށާފައި: މުޅިން އައްޑޫން 100 ކިލޯ މީޓަރުގެ މަގު ހަދާނެ.

ނިޒާރު ފާހަގަކުރެއްވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވީ އައްޑު އަށް ޖުމުލަ ހައްލެއް ހޯދުމަށެވެ.

"އެހެން ނޫން ނަމަ ހިތަދޫގެ ދެ މަގެއް ހަދާލާފައި ނިންމާލަން ވީ ނޫންތޯ؟ އެހެނެއް ނޫން ނިންމެވީ. ހިތަދޫގެ ހުރިހާ މަގެއް. މަރަދޫގެ ހުރިހާ މަގެއް. އެހެން އަވަށްތަކުގެ ވެސް ހުރިހާ މަގެއް ހަދަން ނިންމެވީ. އައްޑޫ ވީމާ ވެސް ޕްރޮޖެކްޓްތައް ލަސްވޭ. އެއީ ކުރަންޖެހޭ މަސައްކަތްތައް ވެސް ބޮޑުވީމާ،" އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ބައެއް ރަށްރަށުގެ ބިން ހިއްކަން ވެސް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. އެއީ ހިތަދޫން 90 ހެކްޓަރާއި މަރަދޫ، މަރަދޫފޭދޫން 76 ހެކްޓަރެވެ. އަދި ހުޅުދު އާއި މީދޫން 30 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ހުޅުދު އާއި މީދު އަށް ވެސް އިތުރު ދެ ރަށެއް ފަހުގެ ތާރީހެއްގައި ހިއްކަން ވަނީ ކަނޑައަޅައިފަ އެވެ. މިހާރު ފަށައިގެން ކުރިއަށް ގެންދަނީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ ބިން ހިއްކުމުގެ މަސައްކަތެވެ.

މޭޔަރު ވިދާޅުވީ، އައްޑޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި އެކަމަކު މިހާރު ގާތްގަނޑަކަށް ހުރިހާ ރަށަކަށް އެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

"ހިތަދު އަށް އެކަނި ބެލިޔަސް އެއީ ރާއްޖޭގެ އެހެން ފަސް އަތޮޅެއްގައި ނަރުދަމާ އެޅުން ކަހަލަ ކަމެއް. އެކަމަކު އެ ހުރި ގޮންޖެހުންތަކާއެކު ވެސް ފެނަކައިން އެ ކަން ކުރަން އެ ދަނީ. މިހާރަށް ބަލާއިރު، ހޮސްޕިޓަލް އެހެރަ ސަރަހައްދުގައި އެއްވެސް ވަރަކަށް ފެނާއި ނަރުދަމާއެއް ނެތް. އެކަމަކު، އެ ކަމަކަށް ބަޖެޓް ކުރެވިގެން ފެނައަކަށް ބަޖެޓް ހަވާލު އެބަކުރޭ އެ ތަންތަނަށް ނަރުދަމާ އަޅަން،" ނިޒާރު ވިދާޅުވި އެވެ.

"އެހެންވީމާ އިތުރަށް ޕްލޭން ކުރާ ތަންތަނަށް ވެސް ނަރުދަމާ އަޅާނެ. ފޭދޫގެ ހިއްކި ބިމަށް ވެސް ނަރުދަމާ އަޅަން ޕްލޭންކޮށް ނިންމާފައި އޮތީ. އެ ސަރަހައްދުގައި ގެ އަޅަން ވާ އިރަށް އަޅުގަނޑުމެން ފެނާއި ނަރުދަމާގެ ހިދުމަތް ދޭނަން."