Roadha Mihaaru
އެންމެ ބޮޑު ފެއިލިއާ އަކީ އައްޑޫގައި ޓޫރިޒަމް ނެތުން

ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ އަކީ އައްޑޫގައި ޓޫރިޒަމް ތަރައްގީނުވުން: ނަޝީދު

23 ޖެނުއަރީ 2023

ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާއަކީ އައްޑޫގައި ޓޫރިޒަމް ތަރައްގީ ނުވުން ކަމަށް، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ސ. ހިތަދޫން އާސިމާ ނިޒާރު

ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާއަކީ އައްޑޫގައި ޓޫރިޒަމް ތަރައްގީ ނުވުން ކަމަށް، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވާދަވެރި ޕްރައިމަރީ ކެމްޕެއިންގެ ފަހު މަންޒިލެއްގެ ގޮތުން ނަޝީދު އެންމެ ފުރަތަމަ ވަޑައިގަތީ ހިތަދުއަށެވެ. މި ރަށުގެ ހިރާ ސްކޫލު ސަރަހައްދުގައި، ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވަނީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް މަސައްކަތްތައް ކޮށްދީފައިނުވާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އޭގެ ތެރެއިން އެއް ކަމަކީ އެއާޕޯޓު ތަރައްގީވުމާއި މި ސިޓީގައިި ޓޫރިޒަމް ތަރައްގީ ކުރުމަށް މި ސަރުކާރުން ވި ވައުދު ފެއިލްވުމެވެ.

ނަޝީދު ވިދާޅުވީ ފަސް އަހަރު ނިމިގެން މި ދަނީ ސާކް ސަމިޓަށް އެޅި ވީއައިޕީ ލައުންޖު ފިޔަވައި އިތުރު ކަމެއް ނުފެނި ކަމަށެވެ. އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެއާޕޯޓު ތަރައްގީކޮށް ޓޫރިޒަމް ފުޅާކޮށް ޑައިރެކްޓް ފްލައިޓުގައި ޓޫރިސްޓުން ގެނައުމަކީ ނުކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށާއި ރާއްޖެ އަށް ޓޫރިސްޓުން އައިސް، އެ ހަރަކާތްތައް ހިންގައި އަދި އެކަމުން ރާއްޖެ އަށް އާމްދަނީ ލިބޭތާ އެތައް ޒަމާނެއް ވެއްޖެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމަކީ އައްޑޫ މީހުން މާލެއަށް ގޮސް ކުރަން ފެށި ކަމަކަށް ވިޔަސް، 40 އަހަރު ފަހުން ވެސް އައްޑޫގައި އެކަން ނުކުރެވުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހިރާ ސްކޫލު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.

ހިރާ ސްކޫލު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.

"އެންމެ ސާފުކޮށް އިނގެން އޮތް ހަގީގަތަކީ ރާއްޖޭގެ ތަރައްގީ ހޯދެވެން އޮތް އިންޖީނަކީ އައްޑޫކަން. އައްޑޫގައި އުފައްދާފައިވާ އުމްރާނީ ވަސީލަތްތައް އޮންނަތާ އެތައް ޒަމާނެއް ވެއްޖެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެ ވަސީލަތްތަކުގެ ބޭނުން މި އޮތީ ނުހިފި... މި ތަނުގައި މިހާރު ގެސްޓްހައުސް ޓޫރިޒަމް ހިންގުމަށް އިންޑިއާ ސަރުކާރުގައި އެދިގެން ލިބިއްޖެ ބައެއް ހިލޭ އެހީ. އެ އެހީގެ ދަށުން ގެސްޓްހައުސް ހިމެނޭ ބިންތަކުގައި މަގުތައް ހަދާލެވިއްޖެ."

ނަޝީދު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ މި ސިޓީގައި 8،000 އެނދު ތަރައްގީކޮށް، ރައްޔިތުންގެ އާމްދަނީ އިތުރުކޮށް ދޭނެ ކަމުގެ ވައުދާއެކުގަ އެވެ.

އެކަން ހާސިލްކުރަން މި ސިޓީން ލޯކަލް ޓޫރިޒަމް ފެށުމަށް 84 ގެސްޓު ހައުސް ހަދަން ބިން ދޫކޮށްފައިވާ ކަމަށާއި ނަމަވެސް، މި ވެރިކަމުގެ ދައުރު ނިމެން ބާކީ 10 މަސް އޮތަސް، އެއިން އެއްވެސް ކަމެއް ފުރިހަމަނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބިން ދޫކުރިޔަސް އެކަން ނުވަނީ ފައިސާ ހަމަނުޖެހޭތީ ކަމަށާއި އެއިން ކޮންމެ ތަނެއްގައި 10 ކޮޓަރި ހަދަން 5-6 މިލިއަން ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ ކަމަށެވެ. އެއީ މުޅި ޖުމްލަ 250 މިލިއަން ރުފިޔާ ނުވަތަ 15 މިލިއަން ޑޮލަރެވެ.

ނަޝީދު ވިދާޅުވީ މުޅި އައްޑޫގެ އިގުތިސޯދީ ދިރުން ގެންނަން ބޭނުންވަނީ 15 މިލިއަން ޑޮލަރު ކަމަށެވެ. އެ މަނިކުފާނު ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރެއްވުމަށްފަހު، އެ ގެސްޓުހައުސްތައް ހެދުމަށް އަންނަ ނޮވެމްބަރު މަހު ލޯނު ދޫކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ދައުލަތުގެ އާމްދަނީ ވެސް ހަތަރު ބިލިއަން ރުފިޔާއިން 40 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށާއި އަދި ފައިސާއިން ރަށްރަށުގައި ފުޓްސަލް ދަނޑާއި މަލްޓި ޕާޕަސް ހޯލުތައް ފަދަ އުމްރަނީ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް ވެސް މުހިއްމު ކަމަށާއި އެކަމަކު، ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވަނީ ތަނަވަސް ދިރިއުޅުމެއް އުޅޭށެވެ.

"މި އަގަށް 27 މީހުން ދިރިއުޅޭ ރަށެއްގައި ބަނދަރެއް ހަދައިދި. އަޅުގަނޑުމެން އެކަކަށް ވެސް ނުވިސްނޭނެ ބައްތިރީސް ހާސް މީހުންގެ އާބާދީއެއް ދޫކޮށްލާފައި ކުޑަ ރަށެއް ފަޅު ރަށެއް ނުބަލައި މި ކޮންކްރީޓް އަޅަމުން އަޅަމުން މި ގެންދަނީ. އަޅުގަނޑު ތަކުރާރުކޮށް ސަރުކާރުގައި ދަންނަވަން. ފަނަރަ މިލިއަން ޑޮލަރުގެ ވާހަކައޭ މި ދައްކަނީ. އާދައިގެ ދިވެހި ވިޔަފާރިވެރިއެއްގެ އެކައުންޓުގައި އެބަހުއްޓޭ އެ އަދަދު. މި 85 ގެސްޓުހައުސް ހަދާފައި އެ މީހުންނަށް އާމްދަނީ ހޯދެން އެބައޮތް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކަން އަރުވަން. މި އަހަރުގެ ނޮވެމްބަރު މަހު، އިރާދަކުރެއްވިއްޔާ 85 ގެސްޓްހައުސް ހެދުމަށްޓަކައި ކޮންމެ ގެސްޓްހައުސަކަށް ލުއި ލޯނު ލިބޭނެ. އެއީ އެއްގޮތަކަށް ވެސް ތި ބޭފުޅުން ޝައްކު ކުރައްވާންވީ ކަމެއް ނޫން. އަދި އެތަންތަން ހަދައި ނިމެންދެން ކޮންމެ ދުވަހަކު ހެނދުނު އަޅުގަނޑު ބަލަހައްޓައިގެން ހުންނާން. އިރާދަކުރެއްވިއްޔާ އެތަންތަން ހަދައި ނިންމާނަން. ގެސްޓުން އެތަނަށް ވައްދާނަން."

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތްތައް މަޑު ދުވެއްޔެއްގައި ކުރިއަށް ދާތީ ވެސް ނަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ބޮޑު މަގުތައް ކޮންމެ ވެސް ދުވަހަކު ހެދޭނެ ކަމަށެވެ. އެ މަސައްކަތްތަކަކީ ކޮންޓްރެކްޓު އުސޫލުން ކުރާ ކަމަކަށް ވާތީ، ވެރިކަން ބަދަލުވިޔަސް މަގު ހެދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ނުދެކެން ރައީސުލްޖުމްހޫރިއްޔާ ހަންޖެއް ހިފައިގެން މި ތަނުގައި އުޅުއްވާ ތަނެއް. އެ ބޭފުޅާ ބަދަލުވީތީ މި ކޮންޓްރެކްޓުތައް ހުއްޓިދާނެ ކަމަށް ބައެއް ބޭފުޅުން އެބަ ކަންބޮޑުވެ ލައްވާ. އަޅުގަނޑު ހުރިހާ އައްޑޫ ރައްޔިތުންނަށް ޔަގީންކަން އަރުވަން، ކޮންޓްރެކްޓެއް ހިންގަން އަޅުގަނޑުމެންނަށް އެނގޭ. މަސައްކަތެއް ހިންގަން ވެސް ވަރަށް ރަނގަޅަށް އިނގޭ." ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ހަގީގީ އެމްޑީޕީ ސަރުކާރެއްގައި ބައިނަލްއަގުވާމީ ބަނދަރެއްގެ ގޮތުގައި ތަރައްގީކޮށް އަދި އެ ބަނދަރު ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ހިންގަން ހަވާލުކޮށް އާމްދަނީ ހޯދޭނެ ގޮތްތައް ހޯދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އާމްދަނީ ލިބޭނެ އެކި މަސައްކަތްތައް ކުރެވޭނެ ގޮތްތައް ހޯދައިދޭނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ، އައްޑޫގެ ރައްޔިތުންގެ އާމްދަނީ ދެގުނަ އިތުރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.