Roadha Mihaaru
ނޫސްވެރިންނަށް ފުރައްސާރަކުރާތީ އެމްއެމްސީގެ ކަންބޮޑުވުން

ނޫސްވެރިންނަށް ބިރުދައްކައި ފުރައްސާރަކުރާތީ އެމްއެމްސީން ކަންބޮޑުވުން ފާޅުކޮށްފި

19 ޖެނުއަރީ 2023

ނޫސްވެރިންނަށް ބިރުދައްކާއި ފުރައްސާރަކޮށް އަދި މަސައްކަތަށް ހުރަސްއަޅަމުންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނޫސްވެރިންނަށް ބިރުދައްކާއި ފުރައްސާރަކޮށް އަދި މަސައްކަތަށް ހުރަސްއަޅަމުންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާ އިނ އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނޫސްވެރިންނަށާއި މީޑިއާތަކަށް އަަމާޒު ކޮށްގެން ފުރައްސާރަކުރުމާއި އިންޒާރުދިނުމާއި އަދި ބިރުދައްކާ ކަމުގެ ބައެއް ޝަކުވާތައް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

ގާނޫނީ އިމުގެ ތެރެއިން ފާޅުކުރާ ހިޔާލެއްގެ ސަބަބުން މީޑިއާތަކުގެ އިދާރާތަކަށް ވަދެ ނޫސްވެރިންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، އިންޒާރުދި ނުމާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރު ކަތިލައި ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ނޫސްވެރިން އެ މީހުންގެ ވާޖިބުތައް އަދާކުރުމުގައި ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފު ނުވާ ހިނދަކު އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި ބިރުދައްކާ އިންޒާރު ދިނުން ފަދަ ކަންކަން ކުރުމަކީ މި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ،" އެމްއެމްސީން ބުންޏެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެން ވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މަސައްކަތްކުރުމަށާއި ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑާއި އެހެން އުސޫލުތަކަށް ވެސް ބޯލެބުމަށް އެމްއެމްސީގެ ބަޔާނުގައި އިލްތިމާސްކުރި އެވެ. އަދި ކަމާބެހޭ އިދާރާތަކުން ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް އެ ކޮމިޝަނުން ގޮވާލި އެވެ.

އެމްއެމްސީން އެ ބަޔާން ނެރުނުއިރު "މިހާރު" ނޫހުގެ ބައެއް ނޫސްވެރިންނަށް ސޯޝަލް މީޑިގާއި ތަފާތު އިންޒާރުތައްދީ ފުރައްސާކުރާ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އެ މައްސަލަތައް ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އަދި އިދިކޮޅުގެ މުޒާހަރާއެއް ކަވަރުކުރަން އުޅުމުގެ ތެރޭގައި ޗެނަލް 13ގެ ނޫސްވެރިޔަކު ހައްޔަރުކޮށް، 30 ދުވަސް ވަންދެން ރޭގަނޑު ބޭރަށް ނުނިކުމެވޭ ގޮތަށް ޝަރުތުކޮށް ދޫކޮށްލި މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.