Roadha Mihaaru
ނޫސްވެރިންނަށް ޗައިނާއިން ފުރުސަތު ހޯދަން މަޝްވަރާކޮށްފި

ނޫސްވެރިންނަށް ފުރުސަތުތައް ހޯދައިދޭން ޗައިނާ އެމްބަސީއާއެކު އެމްއެމްސީން މަޝްވަރާކޮށްފި

25 އޯގަސްޓް 2022

ޗައިނާގައި ތައުލީމު ފޯރުކޮށްދޭ އިދާރާތަކާ ގުޅިގެން ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް، ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީއާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު މަޝްވަރާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާގައި ތައުލީމު ފޯރުކޮށްދޭ އިދާރާތަކާ ގުޅިގެން ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް، ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީއާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު މަޝްވަރާކޮށްފި އެވެ.

އެމްއެމްސީން ބުނީ ޗައިނާ އެމްބަސީގެ އެމްބެސަޑަ އެކްސްޓްރާއޯޑިނަރީ އެންޑް ޕްލެނިޕޮންޓެޝަނަރީ ވެންގު ލިޒިން އާއި އެޓާޗޭ ވެންގޯ ލޯންހޯއާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ނޫސްވެރިން އަމަލީ ތަޖުރިބާގެ ދަތުރުތަކަށް ފޮނުވުމާއި ފަންނީ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދިނުމާ ގުޅޭގޮތުން ކަމަށެވެ.

އޭގެ އިތުރުން ސްކޮލަޝިޕް ފުރުސަތު ނޫސްވެރިންނަށް ހޯދައިދިނުން އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް މަޝްވަރާކުރި ކަމަށް ބުންޏެވެ.

ޗައިނާ އެމްބަސީން ވަނީ ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެ ބައްދަލުވުމުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު އާއި ކައުންސިލްގެ މެމްބަރުން ކަމަށްވާ އަލީ ހުސެއިނާއި އަހުމަދު މޫސާ އަދި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ.

ނޫސްވެރިން ތަމްރީނުކުރުމަށް ޗައިނާ އެމްބަސީއާއެކު މަޝްވަރާކުރިއިރު، އެ ގައުމުން މީގެ ކުރިން ވެސް ވަނީ ނޫސްވެރިންނަށް ދިގު މުއްދަތުގެ ތަމްރީނުގެ ފުރުސަތުތައް ހޯދައިދީފަ އެވެ.

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް ޖަޕާން އެމްބަސީއާއެކު ވެސް އެމްއެމްސީން މި މަހުގެ 11 ވަނަ ދުވަހު މަޝްވަރާކޮށްފައިވެ އެވެ.