Roadha Mihaaru
މިހާރުގެ ނޫސްވެރިންނަށް ފުރައްސާރަކުރުން ކުށްވެރިކޮށްފި

"މިހާރު"ގެ ނޫސްވެރިންނަށް ފުރައްސާރަކުރުން އެމްޖޭއޭއިން ކުށްވެރިކޮށްފި

18 ޖެނުއަރީ 2023

ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެ ނޫން ވެސް ގޮތްގޮތުން "މިހާރު" ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަ އާއި ބަދުނާމުކޮށް، އަބުރު ގެއްލޭ ފަދަ ވާހަކަތައް ފަތުރަމުންދާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެ ނޫން ވެސް ގޮތްގޮތުން "މިހާރު" ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަ އާއި ބަދުނާމުކޮށް، އަބުރު ގެއްލޭ ފަދަ ވާހަކަތައް ފަތުރަމުންދާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.

އެ ޖަމިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "މިހާރު"ގެ ނޫސްވެރިންނަށް އެކި ގޮތްގޮތުން ފުރައްސާރަކުރަމުން ދާތީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ނަމާއި އަބުރު ރައްކާތެރިކުރުމާއި މިނިވަން ނޫސްވެރިކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަކަށް ވާއިރު، ކަނޑައެޅިގެން ވަކި ނޫސްވެރިންތަކަކަށް އަމާޒުކޮށްގެން ހިންގާ އެ ފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ތަހުޒީބު ވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

"މި ޖަމިއްޔާއިން ގަބޫލުކުރާ ހަމައަކީ ފާޑުކިޔަން ވާނެ ކަމާއި ނަމަވެސް, އެ ފާޑުކިޔުން ވާންވާނީ ޒާތީ ނުވެ, ބިނާކުރުވަނިވި ފާޑުކިޔުމަށް ކަމެވެ. ނަމަވެސް, މި ފަހުން 'މިހާރު' ގެ ނޫސްވެރިންނަށް އަމާޒުކުރަމުންދާ އަމަލުތަކަކީ މި ހަމައިން ބޭރު އަމަލުތަކެއްކަން މި ޖަމިއްޔާއިން ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

ފުރައްސާރަކުރުން ގިނަވެ، "މިހާރު" އިން ބައެއް މައްސަލަތައް ފުލުހުންގެ އިދާރާ އަށް ހުށަހަޅައި, މަދަނީ މައްސަލަތަކެއް ހުށަހެޅުމަށް ވެސް ތައްޔާރުވަމުން އަންނާތީ، އެ ނޫހުން ހުށަހަޅާފައިވާ މައްސަލަތައް ވީ އެންމެ އަވަހަށް ތަހުގީގުކޮށް، ނޫސްވެރިންނަށް ލިބެން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އެމްޖޭއޭއިން ގޮވާލި އެވެ.

އެމްޖޭއޭއިން ބުނިގޮތުގައި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެކި ފަންތިތަކުގައި ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން އެ ޖަމިއްޔާ އިން ވާނީ މީގެ ކުރިން ވެސް ކަމާ ގުޅޭ އެކި އިދާރާތަކާއި މުއައްސަސާތަކާ އަދި ސަރުކާރަށް ވެސް ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުންތައް ވީހާ ވެސް އަވަހަށް ތަންފީޒުކުރުމަށް އެ ފަރާތްތަކަށް އެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލި އެވެ.

އެ ޖަމިއްޔާ އިން ބުނީ ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ އެ ފަދަ އަމަލުތަކާ ގުޅިގެން، ކޮށްދެވެން ހުރި ކަންކަން ބަލައި، އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.