31 ޖުލައި 2022
ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރަން މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރަން މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 18 ވަނަ ދުވަހު ރައީސް ތަސްދީގުކުރެއްވި ގާނޫނުގެ 136 ވަނަ މާއްދާގައިވާ ގޮތުން ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި މަސްދަރު ހާމަކުރަން ކޯޓަށް މަޖުބޫރު ކުރެވޭނެ އެވެ. ނަމަވެސް އެ މާއްދާ އެ ގޮތަށް އޮތުމަކީ ގިނަ ނޫސްވެރިންގެ ކަންބޮޑުވުން އޮތް ކަމެކެވެ.
އެކަމާ ގުޅޭގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި އެމްޖޭއޭއިން ބުނީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އެ ބިލު އޮތް އިރު، އެ ޖަމިއްޔާ އާއި ނޫސްވެރިން ބޭނުންވީ މަސްދަރު ހާމަކުރުމާ ގުޅޭ މާއްދާ ބިލުން މުޅިން އުނިކުރުމަށް ކަމަށް ވިޔަސް އެކަމާ މެދު މިހާރު ދެކޭގޮތް ބަދަލުވެފައިވާ ކަމަށެވެ. އެއީ އޮންނަން ޖެހޭނެ މާއްދާއެއް ކަމަށް މިހާރު ދެކުނަސް، އެމްޖޭއޭއިން ވަނީ މަސްދަރު ހާމަކުރުމާ ގުޅޭ ގޮތުން ގާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށް ނޫސްވެރިން ބޭނުންވާކަން ރައީސަށް ހުށަހަޅުއްވައިފަ އެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ މީޑިއާ އަދި ނޫސްވެރިކަމުގެ މިނިވަންކަަމަށް މި ސަރުކާރުން ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް އެންމެންނަށް ވެސް ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެއަށްފަހު ރައީސް ވަނީ ހެއްކާ ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތައް، އެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، ގާނޫނު އިސްލާހުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަަމަށް ވިދާޅުވެފަ އެވެ.
މިހާރު އެކުލަވާލަމުން އަންނަ މީޑިއާގެ ބިލާ ގުޅޭ ގޮތުން ވެސް ނޫސްވެރިންގެ ހިޔާލާ މަޝްވަރާ ސަރުކާރުން ހޯދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށް އަދި އދ. އިން ނިންމާފައިވާ ނިންމުތަކަށް ބަލައިގެން ކަމަށް ކަމަށެވެ.
ހެއްކާ ބެހޭ ގާނޫނުގައި ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، އެ ގާނޫނު އިސްލާހުކުރުމަށް ބޭރުގެ ކަމާގުޅޭ ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލައިފަ އެވެ.
އެ ފަރާތްތަކުން ގަބޫލުކުރަނީ ހެއްކާ ބެހޭ ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގަ އެވެ.
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ނުރައްކަލެއް: ޖަމިއްޔާތައް
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
މީޑިއާ ކޮމިޝަންގެ ބިލާ މެދު އައިއެފްޖޭގެ ކަންބޮޑުވުން
ފޯނުގެ މައްސަލަ: އެމްޖޭއޭ އިން ކުށްވެރިކޮށްފި
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!