Roadha Mihaaru
އެމެރިކާގެ ތާރީހުގައި އެންމެ ތަފާތީ ބައިޑެން ސަރުކާރު

އެމެރިކާގެ ތާރީހުގައި ވެސް އެންމެ ތަފާތީ ބައިޑެންގެ ސަރުކާރު

17 ޖެނުއަރީ 2023

އެމެރިކާގެ މުޅީ ތާރީހުގައި ވެސް އެއްވެސް ރައީސެއްގެ ސަރުކާރުގައި، ތަފާތުކަން ނުފެންނަ މިންވަރަށް، މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ދަނީ ތަފާތުތައް ފެންނަމުންނެވެ. އެ ގޮތުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ، ސަރުކާރުގެ އިސް މަގާމުތަކުގައި، އެމެރިކާގެ ރައްޔިތުންގެ ތެރެއިން، ތަފާތު ދަރިކޮޅުތަކާއި ތަފާތު ނަސްލުތަކާއި ތަފާތު ދީންތަކުގެ މީހުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމެވެ.

އެމެރިކާގެ މުޅީ ތާރީހުގައި ވެސް އެއްވެސް ރައީސެއްގެ ސަރުކާރުގައި، ތަފާތުކަން ނުފެންނަ މިންވަރަށް، މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ދަނީ ތަފާތުތައް ފެންނަމުންނެވެ. އެ ގޮތުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ، ސަރުކާރުގެ އިސް މަގާމުތަކުގައި، އެމެރިކާގެ ރައްޔިތުންގެ ތެރެއިން، ތަފާތު ދަރިކޮޅުތަކާއި ތަފާތު ނަސްލުތަކާއި ތަފާތު ދީންތަކުގެ މީހުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމެވެ.

ރައީސް ބައިޑެންގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުންނަކީ، ދޮން ނަސްލު ނޫން މީހުންނެވެ. ކެބިނެޓް މެމްބަރުންގެ ތެރެއިން 37 ޕަސެންޓް މަގާމުތަކުގައި ތިއްބެވީ އަންހެނުންނެވެ. އޭގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންޖެހޭ މަގާމުތަކުގައި، ތަފާތު ދަރިކޮޅުތަކާއި ތަފާތު ނަސްލުތަކުގެ މީހުންނަށް ވަރަށް މަތީ ނިސްބަތަކަށް ފުރުސަތު ދެއްވާފައިވެ އެވެ.

އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެއް ކަމަކީ، އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކެޓަންޖީ ބްރައުން ޖެކްސަން އައްޔަން ކުރެއްވުމެވެ. އޭނާއަކީ، މިހާތަނަށް އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރި، ކަޅު ނަސްލުގެ ފުރަތަމަ އަންހެން ފަނޑިޔާރެވެ.

މިއަށް ވުރެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ބައިޑެންގެ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ބައެއް މަގާމުތަކުގައި އަރަބި ދަރިކޮޅުތަކުގެ މީހުން ގިނަ އަދަދަކަށް ތިބި ކަމެވެ. ބައިޑެން ސަރުކާރުގެ އިސް މަގާމުތަކުގެ ތެރެއިން 20 މަގާމެއްގައި އަރަބި ނަސްލުތަކުގެ މީހުން އެބަތިއްބެވި އެވެ.

އޭގެ ތެރެއިން އެއް ބޭފުޅަކީ، ނޭޝަނަލް ކައުންޓަ-ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ކްރިސްޓީން އަބީޒައިދް އެވެ. ލުބްނާން ދަރިކޮޅުގެ ކްރިސްޓީން މީގެ ކުރިން ވެސް ވަނީ، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި މުހިންމު މަގާމުތަކެއް އަދާކުރައްވައިފަ އެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ވެސް، ކްރިސްޓީން ވަނީ މުހިންމު މަގާމުތަކެއް ފުރުއްވައިފަ އެވެ.

އިޒްރޭލާއި ފަލަސްތީނުގެ ގުޅުންތަކަށް، ޚާރިޖީ ވުޒާރާގައި ޚާއްސަކޮށްފައިވާ، ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ހާދީ އަމްރު އަކީ ވެސް ލުބްނާން ދަރިކޮޅަށް ނިސްބަތްވާ އެމެރިކާ ރައްޔިތެކެވެ. އޭނާ މީގެ ކުރިން ވަނީ އެމެރިކާގެ ދިފާއީ ވުޒާރާ އާއި އެތެރޭގެ ސަލާމަތާ ބެހޭ ވުޒާރާގައި ވެސް މުހިންމު މަގާމުތަކެއް އަދާ ކުރައްވައިފަ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޑިރެކްޓަ އޮފް ރެޒިލިއަންސް އެންޑް ރެސްޕޮންސްގެ މަގާމުގައި ހުންނެވި ނަބީލާ ބަރްބަރީއަކީ ފަލަސްތީނު ދަރިކޮޅުގެ ބޭފުޅެކެވެ. ރައީސް އޮބާމާގެ ވެރިކަމުގަޔާއި ރައީސް ޓްރަމްޕުގެ ވެރިކަމުގައި ވެސް ނަބީލާ ވަނީ، ގައުމީ ސަލާމަތާ ބެހޭ އިދާރާތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.

އެމެރިކާގެ ޚާރިޖިއްޔާގައި، ސްޕެޝަލް އެޑްވައިޒާ އޮން އިންޓަނޭޝަނަލް ޑިސްއެބިލިޓީ ރައިޓްސްގެ މަގާމު ފުރުއްވަމުން ގެންދަވާ ސާރާ މިންކާރާއަކީ ވެސް ލުބްނާން ދަރިކޮޅުގެ ބޭފުޅެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަރުވައި ތަރައްގީކުރުމަށް، ބައިޑެންގެ ސަރުކާރުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ އޭނާ އެވެ.

މިސްރު ދަރިކޮޅުގެ ބްރެންޑާ އަބްދުއްލާލް މިހާރު ހުންނެވީ، އެމެރިކާގެ އެތެރޭގެ ސަލާމަތާ ބެހޭ ވުޒާރާގެ މަދަނީ ހައްގުތަކާ ބެހޭ އޮފީހުގެ ސީނިއާ އެޑްވައިޒަރުގެ މަގާމުގަ އެވެ. އޭނާއަކީ އަރަބި ދަރިކޮޅުގެ އެމެރިކާ ރައްޔިތުންނާއި އެމެރިކާގައި ދިރިއުޅޭ މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ގާނޫނީ ވަކީލެކެވެ.

މީގެ އިތުރުން ވެސް، ރައީސް ބައިޑެންގެ ސަރުކާރުގައި، އަރަބި ދަރިކޮޅުތަކުގެ މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް މުހިންމު މަގާމުތަކެއްގައި އެބަ ތިއްބެވި އެވެ.