Roadha Mihaaru
ބިލިއަނަރުންގެ ޔޮޓުތައް ރާއްޖެއަށް

ބިލިއަނަރުންގެ ޔޮޓުތައް ރާއްޖެ އަށް

19 ޖެނުއަރީ 2023

ރާއްޖެ ގިނަ އަދަދެއްގެ ބިލިއަނަރުންގެ ޔޮޓު އަންނަ މަންޒިލަކަށް ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ ގިނަ އަދަދެއްގެ ބިލިއަނަރުންގެ ޔޮޓު އަންނަ މަންޒިލަކަށް ވެއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނީ މިހާރު ވެސް ރާއްޖެ ސަރަހައްދުގައި ވިއްސަކަށް ސުޕަޔޮޓް އެބައޮތް ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވެސް މި ދުވަސްވަރަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ މަހުޖަނުންގެ ޔޮޓު އައި ދުވަސްވަރެކެވެ.

މާޔާ އިން ބުނީ މީގެ ތެރެއިން ގިނަ ޔޮޓްތަކަކީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މި ސަރަހައްދުގައި އުޅޭ ޔޮޓްތަކެއް ކަމަށެވެ. އަންނަ މެއި މަހުގެ ނިޔަލަށް އިތުރު ސުޕަޔޮޓްތައް ވެސް ރާއްޖެ އަށް އަންނާނެ އެވެ.

އާންމުކޮށް އަންނަ ސުޕަ ޔޮޓްތައް އެންމެ ގިނައިން މަޑު ކުރަނީ މާލެ ސަރަހައްދާއި އަރިއަތޮޅާއި ބ. އަތޮޅުގަ އެވެ.

ރާއްޖޭގެ ސަރަހައްދުގައި އޮތް ޔޮޓެއް: ސުޕަޔޮޓްތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެއްޖެ-- ފޮޓޯ: މިހާރު

ރާއްޖޭގެ ސަރަހައްދުގައި އޮތް ޔޮޓެއް: ސުޕަޔޮޓްތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެއްޖެ-- ފޮޓޯ: މިހާރު

މި ދުވަސްވަރު ރާއްޖޭގައި އެންމެ ގިނައީ އެމެރިކާ އައި ޔޫރަޕްގެ ޔޮޓްތަކެވެ. އަދި ރަޝިޔާއިން ވެސް ގިނަ އަދަދެއްގެ ސުޕަޔޮޓް ރާއްޖެ އަށް އާދެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮތް ވޯލްޑް ކަޕާ ގުޅިގެން ގަތަރަށް ދިޔަ ގިނަ ޔޮޓުތައް ވެސް ވަނީ ވޯލްޑް ކަޕް ނިމުމާ އެކު އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކަށް ގޮސްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ސުޕަޔޮޓު އައީ ރާއްޖެ އާއި ތައިލެންޑަށެވެ. އެއީ ވެސް މި ދުވަސްވަރު ރާއްޖެ ސަރަހައްދުން ސުޕަޔޮޓްތައް އިތުރުވި އެއް ސަބަބެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 90،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާ އިރު 22 ޕަސެންޓުގެ އިތުރުވުމެވެ. މިއަހަރު ފެށުނީއްސުރެ މިހާތަނަށް ދުވާލަކު އެވްރެޖުކޮށް ރާއްޖެ އަށް 5،000 ވުރެ ގިނަ ޓޫރިސްޓުން އާދެ އެވެ.

މިއަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ. އެހެން ނަމަވެސް ޓޫރިޒަމް މިނިސްްޓަރު ޑރ. އަބްދުﷲ މައުސޫމު ވަނީ ޗައިނާ ހުޅުވާލުމާ އެކު ޓޫރިސްޓުންގެ އަދަދު އެއަށް ވުރެ އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.