Roadha Mihaaru
ޔޮޓު ރެލީއަށް ހާއްސަ ޓުއާ ގައިޑުން ތަމްރީން ކުރަނީ

ޓޫރިޒަމްގެ ރަންޔޫބީލް: ޔޮޓު ރެލީ އަށް ހާއްސަ ޓުއާ ގައިޑުން ތަމްރީނު ކުރަނީ

01 ނޮވެމްބަރ 2021

ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމަށް އަންނަ އަހަރު ބާއްވާ ޔޮޓް ރެލީ އަށް ހާއްސަ ޓުއާ ގައިޑުން ތަމްރީނު ކުރަން އެމްއައިޓީޑީސީން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމަށް އަންނަ އަހަރު ބާއްވާ ޔޮޓް ރެލީ އަށް ހާއްސަ ޓުއާ ގައިޑުން ތަމްރީނު ކުރަން އެމްއައިޓީޑީސީން ފަށައިފި އެވެ.

"ސަވާދީއްތަ ދަތުރު" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި ރާއްޖޭގެ އެކި ރަށްރަށަށް ޔޮޓްތައް ދަތުރުކުރާނެ އެވެ. ޓުއާ ގައިޑުންގެ ތަމްރީނުތަކުގައި ރަށްރަށުގެ އާސާރީ ތަންތަނާއި އެ ރަށަކާ ބެހޭ މައުލޫމާތު ދޭނެ ކަމަށް އެމްއައިޓީޑީސީން ބުންޏެވެ.

އެމްއައިޓީޑީސީއާ ގުޅިގެން މޯލްޑިވްސް ޕޮލިޓެކްނިކުން 10 ދުވަހުގެ މުއްދަތަށް ހިންގާ މި ތަމްރީނު ޕްރޮގްރާމްގައި 12 ރަށަކުން 28 ޓުއާ ގައިޑުން ތަމްރީން ކުރާނެ އެވެ.

މި ޕްރޮގްރާމް ފެށުމަށް ރޭ ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މިއީ ރަށްރަށުގައި ޓޫރިޒަމް ފުޅާކުރަން މަސައްކަތް ކުރާއިރު، މުހިންމު ތަމްރީނުތަކެއް ކަމަށެވެ. އަދި މިއީ ޓޫރިޒަމް ދާއިރާގައި ޒުވާނުން ބާރުވެރި ކުރުވުމަށް އޮތް ފުރުސަތެއް ކަމަށް ވިދާޅުވެ، ދާއިރާ އިން ކުރިއަށް ދިއުމަށް ތަމްރީނުގެ ބައިވެރިންނަށް އޭނާ ހިތްވަރު ދެއްވި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 3 ގައި ފަށާ ޔޮޓް ޓުއާ ތިން ހަފުތާ އަށް ކުރިއަށް ގެންދާއިރު، ހއ. އިން ފެށިގެން ބ. އަތޮޅާ ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކަށާއި ހަތަރު ފަޅުރަށަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރާނެ އެވެ.

މި ރެލީ އަށް މިހާރު ވެސް ބައިނަލްއަގްވާމީ ގޮތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްއައިޓީޑީސީން ބުންޏެވެ. އަދި މި ތަމްރީނު ޕްރޮގްރާމާއެކު ޔޮޓު ރެލީ އަށް އޮތް އިތުބާރު ވެސް ބޮޑުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.