01 މާޗް 2023
ތައުލީމީ ދާއިރާ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ! ހާއްސަކޮށް ތައުލީމީ ދާއިރާގައި ހުރި ގަވައިދުތަކަށެވެ. އެ ގަވައިދުތައް ހެދީ، މުޅި ރާއްޖޭގެ ހުރިހާ ކުދިންނަށް ރަނގަޅު މާހައުލެއްގައި ކިޔަވައިދޭން ނަމަވެސް، ގަވައިދުތަކުގެ ހަނި ދާއިރާތަކުން ވަދެގެން ގޮސް، އޭގެ ނޭދެވޭ އަސަރު މުޅި ތައުލީމީ ދާއިރާ އަށް ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ކިޔަވައިދޭ ޓީޗަރުންނަށް ކުރަމުން އަންނަ އިހުތިރާމާއި ގަދަރު ދަރިވަރުންގެ ކުރިމަތީގައި ގެއްލުމެވެ.
ތައުލީމީ ދާއިރާ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ! ހާއްސަކޮށް ތައުލީމީ ދާއިރާގައި ހުރި ގަވައިދުތަކަށެވެ. އެ ގަވައިދުތައް ހެދީ، މުޅި ރާއްޖޭގެ ހުރިހާ ކުދިންނަށް ރަނގަޅު މާހައުލެއްގައި ކިޔަވައިދޭން ނަމަވެސް، ގަވައިދުތަކުގެ ހަނި ދާއިރާތަކުން ވަދެގެން ގޮސް، އޭގެ ނޭދެވޭ އަސަރު މުޅި ތައުލީމީ ދާއިރާ އަށް ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ކިޔަވައިދޭ ޓީޗަރުންނަށް ކުރަމުން އަންނަ އިހުތިރާމާއި ގަދަރު ދަރިވަރުންގެ ކުރިމަތީގައި ގެއްލުމެވެ.
އެއީ ތައުލީމީ ދާއިރާގެ ވަރަށް ގިނަ ބޭފުޅުން ކުރައްވާ ޝަކުވާއެކެވެ! އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ، ތައުލީމު ފެތުރުމަށް މީގެ ކުރިން ކިޔަވައިދެއްވި ޓީޗަރުންނާއި ޕްރިންސިޕަލުންނަށް އެ ބޭފުޅުން ކުރެއްވި ގަދަރެވެ.
"އެޔެއް މިހާރަކު ނެތް،" އެއް ޕްރިންސިޕަލަކު ވިދާޅުވި އެވެ.
އޭގެ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ކިޔަވައިދިނުމުގައި 30 އަހަރު ވެފައިވާ، އަދި އިސްކަންދަރު ސްކޫލުގެ ދިވެހި ޓީޗަރެއް ކަމަށްވާ އަމީނާ އަލީ ވިދާޅުވި ގޮތުގައި މުޅި ތައުލީމީ މުޖުތަމައު މިހާރު ވަނީ ބަދަލުވެފަ އެވެ. އޭނާ މިސާލު ދެއްކެވީ މީގެ އަހަރުތަކެއް ކުރިން ޓީޗަރުންނަށް ކުރި އިހުތިރާމުންނެވެ.
"އޭރު ޓީޗަރަކު މަގުގެ އެއްކޮޅުން ފެނުނަސް އެ މަގުން ވެސް ނުހިނގާނެ. މަގުމަތިން ދަނިކޮށް އަރާ ހަމަވެއްޖެއްޔާ އިސް އުފުލާ ބަލައި ވެސް ނުލާނެ ކުރާ އިހުތިރާމެއްގެ ބޮޑުކަމުން،" އޭނާ ވިދާޅުވި އެވެ.
އަމީނާ ވިދާޅުވީ އޭރު ޓީޗަރުން ފެނުމުން އިސް ޖެހުމަކީ، އިހުތިރާމު އަދާކުރުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ ސުކޫލެއްގައި ކުރިއަށްދިޔަ ހަރަކާތެއްގެ ތެރެއިން-- ފައިލް ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"މިސްގެ ނަޒަރުގައި މުޅި މުޖުތަމައު މި ވަނީ ބަދަލުވެފައި. އެހެން އެވީ ސިޔާސީ ކަންކަން ވެސް މީގެ ތެރެއަށް ވަނުމުން ކަމަށް ގަބޫލު ކުރެވެނީ. އެއީ މަންމަ، ނޫނީ ބައްޕަ، ނުވަތަ އާއިލާގެ އެހެން މީހުން މި އުޅެނީ ސިޔާސީ ކަންކަމުގައި. ކައިރީގައި ކުދިން ތިއްބާ އެ ދެއްކޭ ވާހަކަތަކުގެ ސަބަބުން. ނޫނީ ސޯޝަލް މީޑިއާއިން މި ފެންނަ ކަންކަމުން. ގޭގެ ސިޓިން ރޫމުގައި ވެސް މި ހުންނަނީ ޓީވީން ފެންނަން މިކަހަލަ ކަންކަން،" އަމީނާ ވިދާޅުވި އެވެ.
ވަރަށް ގިނަ އެހެން ޓީޗަރުން ވެސް އެއްބަސްވާ ގޮތުގައި، ޓީޗަރުންނަށް ކުރަމުން އަންނަ އިހުތިރާމާއި ގަދަރު ގެއްލުމުގެ މައިގަނޑު އެއް ސަބަބަކީ މި ވޭތުވެދިޔަ އަހަރުތަކުގައި މުޖުތަމައަށް އައި ބަދަލުތަކެވެ. އޭގެ ސަބަބުން ބައިވަރު އެހެން ކަންކަން ތައާރަފުވެ އޭގެ ނުފޫޒު ދަރިވަރުންނަށް ކުރުން އޭގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. އިޖުތިމާއީ ފޭރާން ވީދި، އޭގެ ރާޅުތައް ބިންދާލި އެއް ތަނަށް ސްކޫލުތައް ވެސް ވީ އެވެ. ދަރިވަރުން ޓީޗަރުން ދެކެ ބިރެއް ނެތި ބޭނުންހާ ގޮތަކަށް އުޅެން ފެށީ އެވެ. ހަމަ އެގޮތަށް، ތައުލީމު ދޭ ތަންތަން ނޫނަސް، އެހެން ދާއިރާތަކުން ވެސް ފެންނަން ފެށީ ހަމަ އެ މަންޒަރެވެ. ބޭނުންހާ އެއްޗެއް ބުނެލަނީ އެވެ.
އަރަބިއްޔާ ސްކޫލާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ ޓީޗަރުންނަށް ކުރި އިހުތިރާމު ގެއްލުމަކީ އޭގެ އަސަރު މުޅި މުޖުތަމައުއިން މިހާރު ވެސް ފެންނަމުންދާ ކަމެއް ކަމަށެވެ.
ހުސެއިން "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"މުޅި މުޖުތަމައުއިން އިހުތިރާމު ގެއްލިފައި މިއަދު މިވަނީ. ހަމައެކަނި ޓީޗަރުންނެއް ނޫން. މޮޅަށް ކިޔަވައިގެން ހުރި އެއްވެސް މީހަކު ނެތް މި ރާއްޖޭގައި މީހުން އިހުތިރާމު ކުރާ މީހެއް. އެއީ މަތީ މަގާމެއްގެ މީހަކަށް ވިޔަސް ކަންއޮތީ އެހެން،" ހުސެއިން ސައީދު ވިދާޅުވި އެވެ.
ހުސެއިން ސައީދު ވެސް މިސާލު ނެންގެވީ މީގެ އެތައް އަހަރެއް ކުރިންނެވެ. އޭނާ ވިދާޅުވީ ޓީޗަރުންނަށް މުޖުތަމައުގައި ވަރަށް ބޮޑު ގަދަރެއް ލިބިގެން ދިޔަ ދުވަސްތަކެއް މާޒީވެގެން ހިނގައްޖެ ކަމަށެވެ. އޭރު އާންމުން ގަބޫލުކުރީ އެންމެ މޮޅު މީހުންނަކީ ޓީޗަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގައި ދިވެހިންނަކީ ވަރަށް އާދައިގެ ގޮތަކަށް ދިރިއުޅެމުން އައި ބައެއް. އޭރު ދިވެހިންގެ ގައިގައި ހަރުލާފައި ހުންނަ އެންމެ މުހިންމު އެއް ސިފައަކީ އިހުތިރާމުކުރުން. އޭރު ކިޔަވައިގެން ތިބޭނީ ޓީޗަރުން، އެހެންވީމަ އެ ފަރާތްތަކަށް އޭރު އެހާ ވަރަށް އިހުތިރާމު ކުރި،" އޭނާ ވިދާޅުވި އެވެ.
ހުސެއިން ސައީދު ވިދާޅުވީ ސްކޫލެއް ނެތް ދުވަސްވަރު، އަދި އެއްވެސް އެއްޗެއް ނޭނގޭ ދުވަސްވަރު އުޅުނު ކުދިންގެ އަހުލާގު މާ ރަނގަޅު ކަމަށެވެ. ނަމަވެސް މިހާރު ކިޔަވައިދިނުމުން ވާނުވާ އެނގި ހުރިހާ ކަމެއް އޮޅުންފިލާތީ ކޮންމެ މީހަކީ ވެސް މޮޅު މީހެއް ކަމަށް ގަބޫލު ކުރެވޭތީ އިހުތިރާމު ކުރުމުގެ ބައި ކުޑަވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިހުތިރާމު ލިބެންޖެހޭ މީހުންނަށް އިހުތިރާމު ކުރާ ކުރުމަކުން އެއްވެސް ކަހަލަ އުނިކަމެއް ނާންނާނެ ކަމަށް އޭރު ގަބޫލު ކުރެވޭތީ އިހުތިރާމުކުރުން އެހާ އަށަގެންފައި ވަނީ. ނަމަވެސް މިހާރު ގަބޫލު ކުރެވެނީ އެ މީހަކު ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނީ އިހުތިރާމު ލިބިގެންވާ މީހަކު ނެތް ކަމަށް ގަބޫލު ކުރެވޭތީ ދެން އެގޮތަށް އެ ކަންކަން ދިރުވުމަށް މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ސުކޫލްތަކުގައި ކުރިއަށްދިޔަ ހަރަކާތެއް.-- ފައިލް ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އޭރު ސްކޫލުތަކުން އެޅި ހަރުދަނާ ފިޔަވަޅުތަކާއި ހިފެހެއްޓި އުސޫލުތަކާއި ދެމުން އައި އަދަބުތަކަކީ ވެސް، ދަރިވަރުންގެ އަހުލާގު ވަރަށް ބޮޑަށް ރަނގަޅުވެ، ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ލިބުނު ވަރަށް ބޮޑު އެހީއެކެވެ. އެކަމަކު، މިހާރު އެއިން އެއްވެސް ކަމެއް ނެތެވެ. ސަސްޕެންޑް ކުރުމާއި ސްކޫލުން ވަކިކުރުމާއި އެހެނިހެން އަދަބުތައް ދިނުމަކީ މިހާރު ކުރެވެން އޮތް ކަމެއް ނޫނެވެ.
ހުސެއިން ވިދާޅުވީ ބައެއް ދަރިވަރުންގެ ފަރާތުން އަހުލާގޭ ކިޔާ އެއްވެސް އެއްޗެއް ނުފެންނަ ކަމަށެވެ. ހާއްސަކޮށް ކިޔަވަން މޮޅު ދަރިވަރުންގެ ފަރާތުން ވެސް އެކަން ބޮޑަށް ފެންނަ ކަމަށާއި ނަމަވެސް ދަށް ނަތީޖާ ހޯދާ ދަރިވަރުންގެ ކިބައިގައި އިހުތިރާމު ކުރުމުގެ ބައި ހުންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ހިރިޔާ ސްކޫލުގެ ދަރިވަރުން ކުލާހުގައި ބައިވެރިވަނީ.--- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑަށް ފާހަގަ ކުރެވެނީ ހާއްސަކޮށް މޮޅަށް ކިޔަވައިގެން ސްކޫލުތަކުން ނިކުންނަ މޮޅެތި ބައެއް ކުދިންގެ އަހުލާގުގެ މައްސަލަ ވަރަށް ބޮޑު ކަމަށް. މޮޅެތި މަގާމުތަކުގައި ސްކޫލުތަކުގައި އުޅެފައި ތިބި ކުދިންގެ ވެސް ހަމަ އެ މައްސަލަ އޮތް ކަމަށް. އެ ކުދިން ސްކޫލުން ވަކިވުމަށް ފަހު ދެން ޓީޗަރަކު ފެނުނަސް އެއްވެސް އިހުތިރާމެއް ނޯވޭ. އެ ކުދިންނަށް އެ ކުދިން ފެންނަނީ. އެހެންވެ އެ ކުދިންގެ ކިބައިން އިހުތިރާމު ކުރުމުގެ ބައި ކުޑަވެގެން މި އުޅެނީ،" ހުސެއިން ސައީދު ވިދާޅުވި އެވެ.
"މިސާލަކަށް ސްކޫލުތަކުގައި އުޅޭ ދަށް ނަތީޖާ ހޯދާ ކުދިން. އެ ކުދިން ސްކޫލު ނިންމައި ވަޒީފާގެ މާހައުލުން ނޫނީ މަގުމަތިން ފެނުނަސް ގޮވާލައި ހަދާނެ. އެހެންވީމަ ދަށް ނަތީޖާ ހޯދާ ދަރިވަރުން، ސްކޫލުގައި ބަސްނާހާ އުޅޭ ކަމަށް ގަބޫލު ކުރެވުނަސް އެ ކުދިންގެ ރެސްޕެކްޓް ކުރުމުގެ ބައި ވަރަށް ރަނގަޅު ވާނެ މޮޅު ކުދިންނަށް ވުރެ."
އަރަބިއްޔާގެ ދަރިވަރުން ކިޔަވަނީ -- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ތައުލީމީ ދާއިރާގެ ތަޖުރިބާކާރު، އަދި ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ތައުލީމުގެ ނިޒާމަށް އައި ބަދަލަކީ ޓީޗަރުންގެ ގަދަރު ގެއްލިގެން ދިޔަ މައިގަނޑު އެއް ސަބަބު ކަމަށެވެ.
"މިއީ އަސްލު ކުދިންގެ މައްސަލައެއް ނޫން. މުޅި ތައުލީމީ ދާއިރާގައި ވެސް އެބައި ނެތީމަ އެހެން އެ ވަނީ. ދެން އަބަދުވެސް ޖެހޭނީ ހުރިހާ ކުދިންނާ އެއްގޮތަކަށް ކަންތައް ކުރަން. ޓީޗަރުން، ކުދިންނަށް ވެސް އިހުތިރާމު ކޮށްގެން ކުދިންގެ ފަރާތުން އިހުތިރާމު ލިބޭނީ ވެސް. އެއީ ކުރިއާއި މިހާރުގެ އެންމެ ބޮޑު ތަފާތަކީ،" އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން މިނިސްޓްރީގައި ތިއްބަވާ ބޭފުޅުންނާއި ސްކޫލުތަކުގައި ތިއްބަވާ އިސް ވެރިންނާ އޮންނަ ގުޅުން ރަނގަޅު ކަމަށެވެ. މިހާރު އެ ބައި ވެސް ނެތިފައި ވާތީ އެއީ އެއް ޓީޗަރަކު އަނެއް ޓީޗަރަކަށް ވެސް އިހުތިރާމު ނުކުރާ ކަން ކަމަށް އަންވަރު ވިދާޅުވި އެވެ.
ޑރ. އަންވަރު، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި.-- ފައިލް ފޮޓޯ: މިހާރު
"އަޅުގަނޑުމެން މިނިސްޓްރީގައި މަސައްކަތް ކުރިއިރު ހުރިހާ ޕްރިންސިޕަލުންނަށް ގުޅާނެ، ދެ ދުވަހުން އެއް ދުވަހު. ގުޅާފައި އެ ބޭފުޅުންނަށް ހިތްވަރުދީ ދިމާވާ ދަތިތަކާ މަޝްވަރާކޮށް ވާހަކަ ދައްކާހަދަން."
"އެގޮތަށް ކަންތައް ކުރީމަ އެ ބޭފުޅުންނަށް ވެސް ހިތްހަމަޖެހުން ލިބި ހިތްވަރެއް ލިބޭނެ. ޔަގީންކަން އޮންނާނެ، އަޅުގަނޑުމެންނަށް ވާނުވާ އެނގޭކަން. މިސާލަކަށް ސްކޫލެއްގައި ކަމެއް ފެށިއްޔާ އެ ކަން ކުރިއަށްދާ ގޮތް ބެލުމާއި އެއީ އެ ބޭފުޅުންގެ މަސައްކަތް އަޅުގަނޑުުމެން ބަލައިގަންނަކަން އަންގައިދޭން. ރެސްޕެކްސް ކުރާ ބައެއްކަން އެއީ ބުނެދޭނެ،" އަންވަރު ވިދާޅުވި އެވެ.
ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ތައުލީމީ ދާއިރާ އަށް ވެސް ބަދަލުތަކެއް އައިސް، މުޖުތަމައު ވެސް ބަދަލުވެއްޖެ ކަން، ތައުލީމީ ސިޔާސަތުތައް ރާވާ ފަރާތްތައް ވެސް ގަބޫލުކުރަން އެބަ ޖެހެ އެވެ. ޓީޗަރުންގެ ޝަކުވާ އަކީ، އެ މީހުންނަށް ދަރިވަރުން ކޮންޓްރޯލް ނުވާ ކަމުގެ ޝަކުވާތަކެވެ. ހުރިހާ ދަރިވަރުންގެ ކުރިމަތީގައި ބައެއް ދަރިވަރުން ބޭނުންހާ ގޮތަކަށް އުޅުމެވެ. ބައެއް ޓީޗަރުން ތުހުމަތުކުރަނީ އެއީ މިހާރު އޮންނަ އުސޫލުތަކުގެ ސަބަބުން ވެގެން އުޅޭ ގޮތެއް ކަމަށެވެ.
"ދަރިވަރުންނަށް އެބަ އެނގޭ މިހާރު އެއްވެސް ފިޔަވަޅެއް ނޭޅޭކަން،" ޓީޗަރަކު ބުންޏެވެ.
"އެހެންވީމަ އިހުތިރާމުގެ ބައި އަދި ބާއްވަމާ ހިނގާ. މި ހިސާބުން އެބަ ހުރިހާ ކަމެއް ގޯސްވޭ."
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!
އިތުރަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން ބޭނުންވޭ
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
އުސޫލެއް ނެތި ވެހި އެވޯޑު ދިނުމުން ޖަލްސާ "ބޮއިކޮޓް" ކޮށްފި
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ނެށުމާ ދެކޮޅުހެދި ޓީޗަރުންނަށް އިސްލާހީ ފިޔަވަޅު އަޅަނީ