Roadha Mihaaru
އެވަޓަންގެ އޯނަރުގެ އިތުބާރު ލަމްޕާޑަށް އެބައޮތް

އެވަޓަންގެ އޯނަރުގެ އިތުބާރު ލަމްޕާޑަށް އެބައޮތް

12 ޖެނުއަރީ 2023

ލިވަޕޫލް (ޖެނުއަރީ 12) - ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑަށް އިތުބާރު ކުރާ ކަމަށް އެޓީމުގެ އޯނަރު ފަރްހާދު މޮޝީރީ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިވަޕޫލް (ޖެނުއަރީ 12) - ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑަށް އިތުބާރު ކުރާ ކަމަށް އެޓީމުގެ އޯނަރު ފަރްހާދު މޮޝީރީ ވިދާޅުވެއްޖެ އެވެ.

މި ސީޒަންގައި ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެން މާޔޫސް ވެފައި ތިބި އެވަޓަންގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ކުލަބުގެ ހިންގުން ބަދަލު ކޮށްދޭން އެދި މިދިޔަ ހަފްތާ މޮޝީރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. ބައެއް ސަޕޯޓަރުން ވަނީ މި ހަފުތާ ބަންދުގައި އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗަށް ފަހު މުޒާހަރާ ވެސް ކުރަން ނިންމައިފަ އެވެ.

ނަމަވެސް މޮޝީރީ ވިދާޅުވީ، ލަމްޕާޑާއި ކުލަބުގެ ޑިރެކްޓަރުންނަށް އޭނާ އިތުބާރު ކުރާ ކަމަށެވެ.

"އަހަރެމެންގެ ކޯޗު [ލަމްޕާޑް] އެކަންޏެއް ނޫން، ފުޓްބޯޅަ ޑައިރެކްޓަރު [ކެވިން ތެލްވެލް] އާއި ބޯޑް އޮފް ޑިރެކްޓާސްގެ މަސައްކަތަށް އަހަރެން ފުރިހަމައަށް އިތުބާރު ކުރަން،" ކުރިން އާސެނަލްގެ މައިނޯރިޓީ ހިއްސާދާރެއް ގޮތުގައި ވެސް މަސައްކަތް ކުރި މޮޝީރީ ލިޔެފައި ވެއެވެ.

"އަހަރެން އިތުބާރު ކުރަނީ ފިންޗް ފާމް [ޓްރޭނިން ދަނޑު] އާއި ރޯޔަލް ލިވާ ބިލްޑިން [އެވަޓަންގެ ހެޑް އޮފީސް] ގައި އެމީހުން ކުރާ މަސައްކަތާއި މަސައްކަތުގެ ކޮލިޓީ އަށް ބަލާފައި.

"އަހަރެންނަށް ޔަގީން ޓީމުގެ ހުރިހާ ދިމާލެއްގައި ވެސް މަސައްކަތް ކުރަނީ ހުނަރު ހުރު ތަޖުރިބާކާރު ޕްރޮފެޝަނަލް މީހުން. ލީގުގައި މިހާރު އޮތް މަގާމު ރަނގަޅު ކުރަން ޖެހޭ ކަމާއި ކުރިއަށް އޮތްތާ ރަނގަޅު ވާނެ ކަމަށް އަހަރެމެން އެންމެނެ ވެސް ގަބޫލު ކުރަން."

އެވަޓަންއިން ލަމްޕާޑް ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. މި ސީޒަންގެ އެފްއޭ ކަޕާއި ލީގް ކަޕުން ވެސް ކަޓާފައިވާ އެވަޓަން ލީގުގައި އޮތީ 18 ވަނައިގަ އެވެ.

"އަހަރެންނާއި ކުލަބާއި ސަޕޯޓަރުންގެ ފޯކަސް އޮތީ އެއް ދިމާލަކަށް. މިހާރަށް ވުރެ ރަނގަޅު އެވަޓަން އެއް. ބޮނާކުރަނިވި ގޮތެއްގައި ރަނގަޅު ވިސްނުމަކާ އެކު ކުރިއަށް ދެވިދާނެކަމުގެ ޔަގީންކަން އެބަ އޮތް،" ކުލަބުގެ 94 ޕަސެންޓް ހިއްސާދާރު މޮޝީރީ އިތުރަށް ލިޔެފައި ވެއެވެ.

މީގެ އިތުރުން ސަޕޯޓަރުންގެ ހިޔާލާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ސެޝަންތަކެއް ކުރިއަށް ގެންދަން ކުލަބުގެ ސަޕޯޓަރުންގެ އެޑްވައިޒަރީ ބޯޑުގެ ކިބައިން މޮޝީރީ ވަނީ އެދިފަ އެވެ.