Roadha Mihaaru
މޫސަލް ޔުނިވާސިޓީން އައިއެސް ފައްސާލައިފި

މޫސަލް ޔުނިވާސިޓީން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފި

16 ޖެނުއަރީ 2017

އިރާގުގެ އުތުރުގައިވާ މޫސަލް އަށް އަތް ގަދަކޮށްގެން ތިބި، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އެ ސަހަރުން ފައްސައިލުމަށް އިރާގު ސިފައިން ފަށާފައިވާ ހަނގުރާމައިގައި އިތުރު ކުރިއެރުންތައް ހޯދަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެ ގޮތުން އިއްޔެ އިރާގު ސިފައިން ވަނީ އައިއެސްގެ ހަނގުރާމަވެރިން އަތް ގަދަކޮށްގެން ތިބި މޫސަލް ޔުނިވާސިޓީ އަށް ހަމަލާ ދީ އެތަނުގައި ތިބި ހަނގުރާމަވެރިން ބަލިކޮށް ފައްސާލައިފަ އެވެ. މި ހަމަލާތަކުގައި އިރާގު ސިފައިން ވަނީ ދިޖްލަތު ކޯރުގެ އިރުމަތީ އައްސޭރީގައިވާ ހަނގުރާމަވެރިންގެ ބޮޑު ސަރަހައްދެއް އަނބުރާ އަތުލައިފަ އެވެ.

އައިއެސްގެ ހަނގުރާމަވެރިން އިރާގުގައި ގާއިމުވެ ތިބޭ މައި މަރުކަޒު ކަމަށްވާ މޫސަލްގެ ބޮޑު ބައެއް މިހާރު ވަނީ އިރާގު ސިފައިންގެ ހިފައިފަ އެވެ. އައިއެސްގެ ހަނގުރާމަވެރިންގެ މަރުކަޒުތަކުގެ ގޮތުގައި ހަދާފައިވަނީ މޫސަލް ޔުނިވާސިޓީ އާއި އެ ސަހަރުގައި ހުރި ބައެއް ސްކޫލްތަކާއި ކޮލެޖްތަކުގެ އިމާރާތްތަކެވެ.

އިރާގު ސިފައިންގެ ބަޔަކު މޫސަލްގައި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަރަކާތްތެރިވަނީ. --ރޮއިޓަސް

އިރާގު ސިފައިންގެ ބަޔަކު މޫސަލްގައި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަރަކާތްތެރިވަނީ. --ރޮއިޓަސް

އިރާގު ސަރުކާރުން ބުނާ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން ދިރިއުޅުނު އިމާރާތްތަކުން އެމީހުން ދިޔައިރު އެ ތަންތަނުގައި ހުރީ ގިނަ އަދަދަކަށް ބޮން ހަރުކޮށްފަ އެވެ. އެހެންކަމުން އެ އިމާރާތްތައް ސާފު ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އެވެ.

މޫސަލްގެ އިރުމަތީ ސަރަހައްދުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލަމުންދާ އިރު، އެ ހަނގުރާމަވެރިން ދަނީ އެ ސަހަރުގެ ހުޅަނގުގައި އެ މީހުންގެ ބާރު ގަދަކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގުޅިފައިވާ ލަޝްކަރުން ވައިގެ މަގުން ދޭ ހަމަލާތަކުގެ ސަބަބުން އައިއެސްގެ ހަނގުރާމަވެރިންނަށް މާ ބޮޑު ކާމިޔާބެއް ލިބޭގޮތް ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށްލުމަށް ފަށާފައިވާ ހަނގުރާމައިގައި އިރާގު ސިފައިންނާއި ކުރުދީ ޕެޝްމެރްގާ ހަނގުރާމަވެރިންގެ އިތުރުން ޝީއީ ހަނގުރާމަވެރި ޖަމާއަތްތައް ގުޅިގެން އެކުލަވާލާފައިވާ 100،000 މީހުންގެ ބޮޑު ލަޝްކަރެއް ހިމެނެ އެވެ.