Roadha Mihaaru
އައިއެސްގެ މަހުޖަނު ހައްޔަރުކޮށްފި

އައިއެސްގެ މަހުޖަނު ހައްޔަރުކޮށްފި

13 އޮކްޓޯބަރ 2021

އިސްލާމީ ޚިލާފަތެއްގެ ނަމުގައި، އިސްލާމީ ގައުމުތަކުގައި ޓެރަރިސްޓް ހަމަލާތައް ދީ އެތައް މުސްލިމުންނެއް މެރުމުގައި ނަން ހިނގާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް އެންމެ ގިނައިން ހަރަދަކުރާ މަހުޖަނު، ސާމީ ޖާސިލް މުހައްމަދު އަލް ޖަބޫރީ ހައްޔަރުކޮށްފައިވާ ކަމަށް އިރާގުން ބުނެފި އެވެ.

އިސްލާމީ ޚިލާފަތެއްގެ ނަމުގައި، އިސްލާމީ ގައުމުތަކުގައި ޓެރަރިސްޓް ހަމަލާތައް ދީ އެތައް މުސްލިމުންނެއް މެރުމުގައި ނަން ހިނގާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް އެންމެ ގިނައިން ހަރަދަކުރާ މަހުޖަނު، ސާމީ ޖާސިލް މުހައްމަދު އަލް ޖަބޫރީ ހައްޔަރުކޮށްފައިވާ ކަމަށް އިރާގުން ބުނެފި އެވެ.

ސާމީ އަކީ އައިއެސްގެ ޖަމާއަތުގެ ކުރީގެ ވެރިޔާ އަބޫބަކުރު އަލްބަގުދާދީގެ ވެރިކަމުގައި އެ ޖަމާއަތުގެ ނައިބު ލީޑަރެއްގެ ގޮތުގައި ވެސް އުޅުނު މީހެކެވެ. އޭގެ އިތުރުން އޭނާއަކީ އައިއެސްގެ ޖަމާއަތަށް އެންމެ ގިނައިން ފައިސާ ހަރަދުކުރާ މަހުޖަނު ވެސްމެ އެވެ.

އިނގިރޭސި ވިލާތުގެ ދަ ޓައިމްސް ނޫހުން ބުނާ ގޮތުގައި ސާމީގެ އަތުގައި ހުރި މުއްސަނދިކަމަކީ އިރާގާއި ސީރިޔާގެ ތެލުގެ ވިޔަފާރީގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ހޯދާފައިވާ ފައިސާ އެވެ. އެއީ އެ ދެ ގައުމުގެ ތެލުގެ އެކްސްޕޯޓްގައި ބައިވެރިވާ ކުންފުނިތަކުގެ އިސް ވެރިންނާ ގާތް ގުޅުމެއް އުފައްދައިގެންކަމަށް ވެސް އެ ނޫސްތަކުން ބުނެ އެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ވިދާޅުވި ގޮތުގައި، ސާމީ ހައްޔަރުކުރީ، އިރާގުގެ ސިއްރު ސިފައިން އެ ގައުމުގެ އިމުން ބޭރުގައި ހިންގި އަސްކަރީ ހަރަކާތެއްގައި މިމަހުގެ 11 ވަނަ ދުވަހު އެވެ. ސާމީއަކީ އޭނާ ހިފައި ހައްޔަރުކުރުމަށް ދުނިޔޭގެ ގައުމުތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އައިއެސް ޖަމާއަތުގައި ބައިވެރިވެގެން، ޖިހާދު ކުރުމުގެ ނަމުގައި އިސްލާމީ ގައުމުތަކުގައި ހަނގުރާމަކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން މީހުން ގެންދަނީ، އެ ޖަމާއަތުން ބޮޑެތި އަދަދުތަކުން ފައިސާ ދީގެންނެވެ. އެ ގޮތުން ޖިހާދު ކުރުމުގެ ނަމުގައި އިސްލާމީ ގައުމުތަކަށް ގޮސް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބައިވެރިވާ ގިނަ މީހުންނަކީ، އެކި ގައުމުތަކުގައި ތަފާތު ޖިނާއީ ކުށްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މީހުންނެވެ.

ސާމީއަކީ އައިއެސް ޖަމާއަތުގައި މިހާރު ވެސް އިސް މަގާމުތަކެއް ފުރަމުން އަންނަ މީހެކެވެ. އެ ގޮތުން އޭނާއަކީ މިހާރުވެސް އެ ޖަމާއަތުގެ މާލީ ވަޒީރުގެ މަގާމާއި، ދިޖުލަތު ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ގަވަރުނަރުވެސްމެ އެވެ.

އެ ގޮތުން އެމެރިކާ އިން ވަނީ އޭނާ ހައްޔަރު ކުރެވޭ ފަދަ މައުލޫމާތެއް ފޯރުކޮށްދިން މީހަކަށް ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

އިރާގާއި ސީރިޔާގައި އައިއެސްގެ ހަނގުރާމަވެރިންނަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވަމުން ދާއިރު، ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް އެ ޖަމާއަތުގެ ބާރު ދަނީ ދަށްވަމުންނެވެ. އައިއެސްގެ ބާރު އެންމެ ގަދަވެގެން އުޅުނީ، އިރާގާއި ސީރިޔާގެ ބޮޑު ސަރަހައްދެއް އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ދުވަސްވަރެވެ. އެއީ އެ ދެ ގައުމުގެ ތެލުގެ މުއްސަނދިކަމުން، އެ ޖަމާއަތް ނަފާ ހޯދަމުން ދިޔަ ދުވަސްވަރެވެ.