08 ޖެނުއަރީ 2023
ލިވަޕޫލް (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕުގެ ތިން ވަނަ ބުރުގައި ތިން ވަނަ ޑިވިޝަންގެ ޝެފީލްޑް ވެންސްޑޭއާ އަތުން 2-1 އިން ބަލިވެ ނިއުކާސަލް ޔުނައިޓެޑް މުބާރާތުން ކެޓިއިރު، ލިވަޕޫލާއި ވުލްވްސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ..
ލިވަޕޫލް (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕުގެ ތިން ވަނަ ބުރުގައި ތިން ވަނަ ޑިވިޝަންގެ ޝެފީލްޑް ވެންސްޑޭއާ އަތުން 2-1 އިން ބަލިވެ ނިއުކާސަލް ޔުނައިޓެޑް މުބާރާތުން ކެޓިއިރު، ލިވަޕޫލާއި ވުލްވްސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ..
ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ނަމަވެސް ދެ ވަނަ ހާފު ފެށިގެން 20 މިނިޓު ތެރޭ ޖޯޝް ވިންޑޭސް ވަނީ ދެ ގޯލު ޖަހައި ނިއުކާސަލް ހާސް ކޮށްލައިފަ އެވެ.
ޝެފީލްޑުން ދެ ގޯލުގެ ލީޑެއް ނެގިތާ ހަތަރު މިނިޓު ފަހުން ނިއުކާސަލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ބްރޫނޯ ގިމަރޭސް އެވެ.
ވިންޑޭސް އަށް އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ފުރުސަތު ލިބުނު ނަމަވެސް އޭނާގެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗަށް ފަހު ނިއުކާސަލްގެ ބްރެޒިލް މިޑްފީލްޑަރު ގިމަރޭޒް. -- ފޮޓޯ: އޭއެފްޕީ
މިއީ ނިއުކާސަލް އަށް މި ސީޒަން ގައި ކުރިމަތިވި ދެ ވަނަ ބައްޔެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި އޮތް ނިއުކާސަލް މި ސީޒަންގައި އެންމެ ފުރަތަމަ ބަލިވީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ރަށުން ބޭރުގައި ލިވަޕޫލް އަތުން ހަމަ މި ނަތީޖާއިންނެވެ.
ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.
ގޯލްކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯލެއްގެ ފައިދާ ނަގައި ވުލްވްސް އަށް މެޗުގެ 26 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ގޮންކާލޯ ގުއެޑޭސް އެވެ. އޭގެ ކުރިން ޖޮއެލް މަޓިޕް އަށް ހެދުނު ގޯލެއްގެ ފައިދާ ނަގައި ލަނޑު ޖަހަން އޭނާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި ލިވަޕޫލަށް ނަތީޖާ އެއްވަރު ކޮށްދިނީ ޑާވިން ނޫނޭޒް އެވެ. އަދި ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނިޓުގައި ވުލްވްސްގެ ޑިފެންސަށް ހެފުނު ގޯހަކާ އެކު މުހައްމަދު ސަލާހަށް ހުސްކޮށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެން އޭނާ ވަނީ ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ. ނަމަވެސް ވުލްވްސް އިން ނަތީޖާ އެއްވަރު ކުރީ 66 ވަނަ މިނިޓުގައި ހްވަންގް ހީ ޗާން ޖެހި ގޯލުންނެވެ.
ވުލްވްސްގެ ޑިފެންޑަރު ޓޯޓޭ ގޯމޭޒް ބެކްހީލް ކިކަކުން މެޗުގެ 83 ވަނަ މިނިޓުގައި ވުލްވްސް މޮޅު ކޮށްދޭން ގޯލެއް ޖެހި އެވެ. ގޯލު ޖެހުމަށް ފަހު އޭނާ ޖޯޒީ ވެސް ބާލައިގެން ވަރަށް ބޮޑަށް އުފާފާޅު ކުރި ނަމަވެސް ލައިންސްމަން އޮފްސައިޑް ކަމަށް ދިދަ ނެގުމާ ގުޅިގެން އެ ގޯލު ބަލައެއް ނުގަނެ އެވެ.
ލިވަޕޫލްގެ ގަކްޕޯ (ކ) އާއި ކޯޗު ޔާގެން ކްލޮޕް، މިއީ ގަކްޕޯ ލިވަޕޫލަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ
މި މެޗުގައި ލިވަޕޫލްގެ އާ ފޯވާޑް ކޯދީ ގަކްޕޯ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން 84 މިނިޓު ފުރިހަމަ ކޮށްފަ އެވެ.
މެޗު އެއްވަރު ވުމުން ދެ ޓީމަށް ވަނީ އަނެއް ބުރުން ޖާގަ ހޯދަން ރީޕްލޭ ކުޅެން ޖެހިފަ އެވެ. ދެ ޓީމު ދެން ކުޅޭ މެޗު ކުޅޭނީ ވުލްވްސްގެ ދަނޑުގަ އެވެ.
އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި، ޕްރިމިއާ ލީގުގެ އިތުރު ޓީމުތަކުގެ ނަތީޖާތަކަށް ބަލައިލާއިރު، ޓޮޓެންހަމް ހޮޓްސްޕާ ވަނީ ހެރީ ކޭން ދެވަނަ ހާފުގައި ޖަހައިދިން ގޯލުން 1-0 އިން ޕޯޓްސްމަތު ބަލިކޮށްފަ އެވެ. އަދި ލެސްޓާ ސިޓީ އިން ރަށުން ބޭރުގައި ގިލިންގްހަމް ބަލިކުރީ ވެސް 1-0 ގެ ނަތީޖާއަކުންނެވެ. ވެސްޓް ހޭމް ޔުނައިޓެޑުން ބްރެންޓްފޯޑް ބަލިކުރީ ވެސް ހަމަ މި ނަތީޖާއިންނެވެ.
ސައުތެމްޓަން އިން 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކުރި އިރު، ބްރައިޓަން އިން ވަނީ 5-1 އިން މިޑްލްސްބަރާ ބަލި ކޮށްފަ އެވެ. އާޖެންޓީނާ އާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި އަލެކްސިސް މެކް އަލިސްޓާ ވަނީ މި މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.
ބޯންމަތާއި ނޮޓިންހަމް ފޮރެސްޓް ބަލިވީ ދެ ވަނަ ޑިވިޝަނުގެ ޓީމުތަކާ ކުޅެގެންނެވެ. އަމިއްލަ ދަނޑުގައި 4-2 އިން ބޯންމަތު ބަލިވީ ބާންލީ އަތުންނެވެ. އަދި ރަށުން ބޭރުގައި ބްލެކްޕޫލާ ވާދަކޮށް ނޮޓިންހަމް ފޮރެސްޓް ބަލިވީ 4-1 އިންނެވެ.
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
އަހަރުތަކަކަށްފަހު މޮޅަށް ކުޅެވުމުގެ އިހުސާސް ކުރެވިއްޖެ
ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ
އެހެން ޓީމަކަށް ނުހެދުނު ރެކޯޑަކާ އެކު ސިޓީ ސެމީއަށް
ކްލޮޕްގެ ފެއާވެލް ފެށައިފި، ނޯރިޗް އަތުން ބޮޑު މޮޅެއް
ވުލްވްސް އާއި ވެސްޓްބްރޮމްގެ ޑާބީ ބޮޑު ހައިޖާނަކަށް
ކުޅުންތެރިންގެ ނަފްސާނީ ހާލަތާމެދު ކަންބޮޑުވޭ: އާޓެޓާ
ވިލާ، 8 އަހަރުތެރޭ އެފްއޭ ކަޕްގައި ފުރަތަމަ މޮޅު
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް