Roadha Mihaaru
އިޓަލީ ފުޓްބޯޅަ ލެޖެންޑް ވިއާލީ މަރުވެއްޖެ

އިޓަލީ ފުޓްބޯޅަ ލެޖެންޑް ވިއާލީ ކެންސަރު ބަލީގައި މަރުވެއްޖެ

06 ޖެނުއަރީ 2023

އިޓަލީ ގައުމީ ފުޓްބޯޅަ ޓީމާއި ޔުވެންޓަސް އަދި ޗެލްސީގެ ކުރީގެ ފޯވާޑް ޖިއަންލޫކާ ވިއާލީ އުމުރުން 58 އަހަރުގައި ކެންސަރު ބަލީގައި މިއަދު މަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިޓަލީ ގައުމީ ފުޓްބޯޅަ ޓީމާއި ޔުވެންޓަސް އަދި ޗެލްސީގެ ކުރީގެ ފޯވާޑް ޖިއަންލޫކާ ވިއާލީ އުމުރުން 58 އަހަރުގައި ކެންސަރު ބަލީގައި މިއަދު މަރުވެއްޖެ އެވެ.

ވިއާލީ އަށް ޕެންކްރިއޭޓިކް ކެންސަރު ޖެހުނީ 2017 ގަ އެވެ. ކީމޯތެރަޕީ އަށް ފަހު އެއްކޮށް ބަލިން ރަނގަޅުވިކަން އޭނާ 2020 ގައި އިއުލާންކުރި އެވެ. އެއާ އެކު، ވިއާލީއާ އެކު ކުރިން ކުޅުނު ފޯވާޑް ރޮބާޓޯ މަންޗިނީ، އޭނާ ކޯޗުކޮށްދޭ އިޓަލީ ގައުމީ ޓީމުގައި މަސައްކަތްކުރަން އައުމަށް ދައުވަތު ދިނެވެ.

ވިއާލީ ވަނީ 2021 ވަނަ އަހަރު އިޓަލީން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދިއިރު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އެއާ އެކު އޭނާ ވަނީ ކުޅުމުގެ ކެރިއަރުގައި ގައުމީ ޓީމާ އެކު ހާސިލްނުވެ އޮތް ކާމިޔާބީ ހޯދައިފަ އެވެ.

ވިއާލީގެ ހަށިގަނޑުން ކެންސަރު އަލުން ފެނި އޭނާ ވަނީ މިދިޔަ ޑިސެމްބަރު މަހު ފުޓްބޯޅައިން ބްރޭކެއް ނަގައިފަ އެވެ. އޭނާ މަރުވީ، ލަންޑަނުގެ ކެންސަރު ސްޕެޝަލިޓީ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން އަންނަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އޭނާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ އެ ގައުމުގެ ސަމްޕްޑޯރިއާގައި 1984-1992 އަށެވެ. މަންޗިނީއާ އެކު ކުޅެ ވިއާލީ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު އެއް ފަހަރު އިޓާލިއަން ކަޕް ތިން ފަހަރު އަދި ޔުއެފާ ކަޕްވިނާސް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި 1992 ގައި ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރި އެވެ. އެ ފަހަރު ބަލިވީ ބާސެލޯނާ އަތުންނެވެ.

ވިއާލީ ޗެލްސީގެ ޖާޒީގައި.

ވިއާލީ ޗެލްސީގެ ޖާޒީގައި.

އޭނާ 1992 ވަނަ އަހަރު އިޓަލީގެ ގަދަބާރު ޔުވެންޓަސް އަށް ބަދަލުވީ އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 16.5 މިލިއަން ޔޫރޯ އަށެވެ. ވިއާލީ ވަނީ ޔުވެންޓަސްއާ އެކު 1995 ގައި އިޓާލިއަން ލީގު އަދި 1996 ގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން އެ ޓީމަށް ޔޫރަޕުގެ ޗެމްޕިއަންކަން އަދި ނުހޯދެ އެވެ.

ވިއާލީ އެންމެ ފަހުން ކުޅުނީ އިންގްލެންޑުގެ ޗެލްސީ އަށެވެ. އޭރު އާދައިގެ ޓީމެއްގެ ގޮތުގައި އޮތް ޗެލްސީ އަށް ވިއާލީ ގެންދިޔައީ ނެދަލެންޑްސްގެ ރުޑް ހުލިޓް އެ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އެވެ. ވިއާލީ ވަނީ ޗެލްސީ އަށް ކުޅެ އަދި ފަހުން ކުޅެމުން ކޯޗެއްގެ ޒިންމާ ވެސް ނަގައިފަ އެވެ. އަދި އެއްކޮށް ކުޅުން ހުއްޓާލުމަށް ފަހު އެ ޓީމަށް ކޯޗުކޮށްދިނެވެ. ވިއާލީ ވަނީ ޗެލްސީއާ އެކު އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް އަދި ޔުއެފާ ކަޕްވިނާސް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

"ކުޅުންތެރިއެއްގެ ގޮތުގައި، ކޯޗެއްގެ ގޮތުގައި އަދި ޝަހުސިއްޔަތެއްގެ ގޮތުގައި އޭނާ މި ކްލަބަށް ކޮށްދިން ހިދުމަތް ކްލަބުގެ ތާރީހުގައި އަބަދަށް ލިޔެފައި ހުންނާނެ،" ޗެލްސީން ބުންޏެވެ.

ވިއާލީ އިޓަލީ ގައުމީ ޓީމަށް ކުޅުނީ 1985 އިން 1992 އަށް އަށެވެ. އޭނާ ވަނީ 1986 އާއި 1990 ގެ ވޯލްޑް ކަޕް އަދި 1988 ގެ ޔޫރޯގައި ނޫ ޖާޒީ ލައިފަ އެވެ. މީގެ ތެރެއިން އިޓަލީ އަމިއްލަ ގައުމުގައި 1990 ގައި ބޭއްވި ވޯލްޑް ކަޕުގެ ތިން ވަނަ ހޯދިއިރު އޭނާ ބޮޑު ހިއްސާއެއްވި އެވެ.

އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ވިއާލީ މަރުވުމުން، ފޫނުބެދޭ ވަރުގެ ހުސްކަމެއް އެ ގައުމުގެ ފުޓްބޯޅަ އަށް އަންނާނެ ކަމަށެވެ. އަދި އޭނާގެ ހަނދާނުގައި، މި ހަފުތާގެ މެޗުތަކުގައި ސުކޫތެއް ގެންނާނެ ކަމަށް ވެސް ބުންޏެވެ.

އިޓަލީގެ މަހުޖަނެއްގެ ދަރިއެއް ކަމަށްވާ ވިއާލީ 2003 ގައި ކުރި ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ.