Roadha Mihaaru
ޕާކިސްތާނުގައި ހަނގުރާމަކުރި މީހާ އަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނާ ދިވެހި މީހާގެ މައްޗަށް ދައުވާ ކޮށްފި

15 ޖެނުއަރީ 2017

މީގެ އަހަރުތަކެއް ކުރިން ޕާކިސްތާނަށް ގޮސް، ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އެ ގައުމުގައި ހަނގުރާމަކުރި ކަމަށް ބުނެ ރާއްޖެ އިން ހައްޔަރުކުރި މީހާގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ އަހަރުތަކެއް ކުރިން ޕާކިސްތާނަށް ގޮސް، ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އެ ގައުމުގައި ހަނގުރާމަކުރި ކަމަށް ބުނެ ރާއްޖެ އިން ހައްޔަރުކުރި މީހާގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ކޮށްފި އެވެ.

ރ. ކަނދޮޅުދޫ ފީރޯޒްގޭ މުހައްމަދު އަބްދުއްރަހުމާންގެ މައްޗަށް އެ ދައުވާކުރަނީ 2007 ގައި ކިޔަވަން ކަމަށް ބުނެ ޕާކިސްތާނަށް ގޮސް، 2009 ގައި އެ ގައުމުގެ ވަޒަރިސްތާންގެ ސަރަހައްދެއްގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ހަނގުރާމަ ކުރި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން "ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ" ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވުމުން މުހައްމަދު އެދުނީ ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށެވެ. ކޯޓުން ވަނީ އެކަމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ.

އެނގިފައިވާ ގޮތުގައި މުހައްމަދު ހައްޔަރުކުރީ މިދިޔަ އަހަރުގެ މެދު ތެރޭގައި އޭނާ ރާއްޖެ އައިސް، މާލޭގައި އުޅެނިކޮށެވެ. އެ މައްސަލަ ތަހުގީގު ކުރުމުގައި އެމެރިކާގެ އެފްބީއައިގެ ޓީމަކުން ހަރަކާތްތެރިވި ކަމަށް ވެސް އެނގިފައިވެ އެވެ.

މިއީ ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވި ކަމަށް ބުނެ ދައުވާކުރާ ދެ ވަނަ މައްސަލަ އެވެ. މީގެ ކުރިން ހަނގުރާމަ އަށް ސީރިއާ އަށް ދިޔަ ކަމަށް ބުނެ ތިން މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އެ މީހުންގެ ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ.

ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ ބައެއް ދިވެހިން ހަނގުރާމައިގެ ތެރޭގައި މަރުވެފައިވެ އެވެ. މިހާރު ވެސް ބައެއް ދިވެހިން ދަނީ ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވަމުންނެވެ.