Roadha Mihaaru
ހެކިބަސް ދޭން މަޖުބޫރު ކުރުވާ ކަމަށް ކޯޓުގައި ބުނެފި

އަލިމަނިކާއި ތަސްލީމްގެ ޝަރީއަތް: ހެކިބަސް ދޭން މަޖުބޫރު ކުރުވާ ކަމަށް ސިއްރު ހެކިވެރިއަކު ބުނެފި

06 ނޮވެމްބަރ 2022

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ އަބްދުﷲ އަލިމަނިކާއި މުހައްމަދު ތަސްލީމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއަކު އޭނާއަކީ ކާކުކަން ކޯޓުގައި ހާމަކޮށް، ހެކިބަސް ދިނުމަށް އޭނާ އަށް މަޖުބޫރު ކުރުވާ ކަމަށް މިއަދު ތުހުމަތު ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ އަބްދުﷲ އަލިމަނިކާއި މުހައްމަދު ތަސްލީމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއަކު އޭނާއަކީ ކާކުކަން ކޯޓުގައި ހާމަކޮށް، ހެކިބަސް ދިނުމަށް އޭނާ އަށް މަޖުބޫރު ކުރުވާ ކަމަށް މިއަދު ތުހުމަތު ކޮށްފި އެވެ.

މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ހއ. މޮޅަދޫ ބަހާރުގޭ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށި، އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގައި މިއަދު ވަނީ ސިއްރު ހެކިވެރިއެއްގެ ހެކިބަސް ނަގަން އަޑުއެހުމެއް ބާއްވައިފަ އެވެ.

"މިހާރު" އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި މިއަދުގެ އަޑުއެހުމަށް ދައުލަތުން އެދިގެން ހާޒިރުކުރި ސިއްރު ހެކިވެރިޔާގެ ހެކިބަސް، އަޑު ބަދަލުކޮށްގެން ނަގަނިކޮށް، އެ ހެކިވެރިޔާ ވަނީ އޭނާ އަކީ ކާކުކަން ހާމަކޮށް، ހެކިބަސް ދިނުމަށް އޭނާ އަށް މަޖުބޫރު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެ ހެކިވެރިޔާ އޭނާއަކީ ކާކުކަން ހާމަކޮށް، ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހެކިބަސް ދިނުމަށް އޭނާ އަށް އަނިޔާކޮށްގެން މަޖުބޫރު ކުރާ ކަމަށް ކޯޓުގައި ތަކުރާރުކޮށް ބުނަން ފެށުމުން ޝަރީއަތުން ނިންމީ މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަށް ނުގެންދާށެވެ.

އެ ހެކިވެރިޔާގެ ހެކިބަސް ނެގުމާ މެދު ނިންމާ ގޮތެއް ކޯޓަށް އަންގާނެ ކަމަށް ދައުލަތުން ކޯޓުގައި މިއަދު ބުންޏެވެ.

އެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ހެކިވެރިޔާގެ ސިއްރުކަން ހިފަހައްޓަން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކުރިން ނެރެފައިވާތީ، ނޫސްވެރިން އެ ހެކިވެރިޔާއަކީ ކާކުކަން ހާމަނުކުރަން އެދިފަ އެވެ. ޝަރީއަތުން ވެސް ވަނީ ހެކިވެރިޔާގެ ސިއްރުކަން ހިފަހައްޓަން އެދިފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ނަމަވެސް އަލިމަނިކާއި ތަސްލީމްގެ މައްޗަށް އެ ހަމަލާއާ ގުޅޭ ދައުވާއެއް ނުކުރެ އެވެ. އެކަމަކު، އެ ދެ މީހުންގެ ބައިވެރިވުން ވެސް ކޮންމެވެސް ވަރަކަށް ހަމަލާގައި އޮތް ކަމަށް ފުލުހުން ކުރިން ތުހުމަތު ކޮށްފައިވެ އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންގެ ޝަރީއަތް އަދިވެސް އޮތީ ކްރިިމިނަލް ކޯޓުގަ އެވެ. އެކަމަކު، ނަޝީދު ކާރުކޮޅަށް އަރާ ވަޑައިގަންނަވަން އުޅުއްވި ވަގުތާ ދިމާކޮށް ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި ތަސްލީމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އިސް ދައުރެއް އަދާކުރި މީހެކެވެ. އަލިމަނިކަކީ ހަމަލާ ދިން އަދުހަމް ފިލުވަން މަސައްކަތް ކުރި މީހެއް ކަމަށް ބުނެފައި ވެ އެވެ. ނަމަވެސް، ސީދާ ހަމަލައާ ގުޅޭ އެއްވެސް ދައުވާއެއް އޭނާގެ މައްޗަށް ނުކުރެ އެވެ.

އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް "ހަނގުރާމަ ކުރުމުގައި" އެންމެ އިސްކޮށް އުޅުނު އެކެކެވެ. އެ މައްސަލާގައި ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލުމަށް މެއި 15، 2008 ގައި އޭނާގެ މައްޗަށް ހުކުމް ކުރި އެވެ. ފަހުން މާފު ދީ، އޭނާ ދޫކޮށްލުމުން ވެސް ދީނީީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ހިމަންދޫގެ މައްސަލައިގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން އަލިމަނިކު ޖަލުން ފިލި އެވެ. ގދ. ތިނަދޫގައި އޭނާ ފިލައިގެން އުޅެނިކޮށް 2009 ވަނަ އަހަރު އޭނާ ހައްޔަރު ކޮށްގެން ބޯޓެއްގައި ގެންދަނިކޮށް ކަނޑަށް ފުންމާލައިގެން ފިލަން ވެސް މަސައްކަތް ކުރި އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅެނިކޮށް، ތިލަފުށިން އޭނާ ހައްޔަރު ކުރީ އަހަރެއް ފަހުންނެވެ. އެ ދެ މައްސަލާގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ހުކުމެއް ވެސް އޭނާ ތަންފީޒުކުރަން ޖެހުނެވެ.