Roadha Mihaaru
ޓޮޓެންހަމް ބަލިވެއްޖެ، ޗެލްސީ ވެސް މޮޅެއް ނުވި

ޓޮޓެންހަމް ބަލިވެއްޖެ، ޗެލްސީ ވެސް މޮޅެއް ނުވި

02 ޖެނުއަރީ 2023

ލަންޑަން (ޖެނުއަރީ 1) - ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާ އިން ހަތަރު ވަނަ އަށް ޖެހިލުމުގެ ފުރުސަތު ނަގާލި އިރު، ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވެ، ޗެލްސީ ވެސް ކުރިއަށް ޖެލިލުމުގެ ފުރުސަތު ނަގާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 1) - ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާ އިން ހަތަރު ވަނަ އަށް ޖެހިލުމުގެ ފުރުސަތު ނަގާލި އިރު، ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވެ، ޗެލްސީ ވެސް ކުރިއަށް ޖެލިލުމުގެ ފުރުސަތު ނަގާލައިފި އެވެ.

ވިލާގެ ކޯޗު އުނެއި އެމެރީ އާއެކު ވޯލްޑް ކަޕް ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ބަލިވި ނަމަވެސް މުހިއްމު މޮޅަކާ އެކު އެ ޓީމުން ވަނީ އަލުން ފޯމަކަށް އެޅިފަ އެވެ.

އެސްޓަން ވިލާގެ އެއް ވަނަ ގޯލްކީޕަރު، އެމިލިއާނޯ މާޓިނޭޒް އާޖެންޓީނާ އާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް އަލުން ޓީމާ ގުޅުނު ނަމަވެސް އޭނާ މި މެޗުގައި އިނީ ބެންޗުގަ އެވެ.

އާޖެންޓީނާ އާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި ޓޮޓެންހަމަށް ކުޅޭ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ވެސް މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނުނު އިރު، ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވެސް އަލުން ސްޓާޓް ކޮށްފަ އެވެ.

ބުއެންޑިއާ (ވ) ވިލާ އަށް ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބުއެންޑިއާ (ވ) ވިލާ އަށް ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މާ ގިނަ ފުރުސަތުތަކެއް ނުލިބުނު ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު އިރު، ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓުގައި އެސްޓަން ވިލާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. ޑަގްލަސް ލުއިޒް ފޮނުވާލި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ކީޕަރު ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޮލީ ވަޓްކިންސް ތަނަވަސްކުރި ފުރުސަތަކުން ވިލާ އަށް މި ލަނޑު ޖަހައިދިނީ އެމީ ބުއެންޑިއާ އެވެ.

ޖޯން މެގިން ދިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ވިލާ އަށް ލީޑު ފުޅާ ކޮށްދިން ލަނޑު 73 ވަނަ މިނިޓުގައި ޖަހައިދިނީ ޑަގްލަސް ލުއިޒް އެވެ.

ވޯލްޑް ކަޕަށް ފަހު ޓޮޓެންހަމް މިހާތަނަށް ލީގުގައި ކުޅުނު ދެ މެޗުން ވެސް އެޓީމު މޮޅެއް ނުވެ އެވެ. ބްރޭކަށް ފަހު އެޓީމު ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާ ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ފޮރެސްޓުން އެއްވަރު ކުރި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފޮރެސްޓުން އެއްވަރު ކުރި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގައި ޗެލްސީން ފުރަތަމަ ލީޑު ނެގީ ވެސް ނަސީބަކުން ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމުންނެވެ. ސޯޅަ ވަނަ މިނިޓުގައި ކްރިސްޓިއަން ޕުލިސިކް ނެގި ހުރަހެއް ފޮރެސްޓުގެ ޑިފެންޑަރު ވިލީ ބޮލީ ދިފާއު ކުރަން ޖައްސާލުމުން މަތިން އޮއްސިގެން ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލަށް ފޮނުވާލީ ކުރިމަތީގައި ހުރި ރަހީމް ސްޓާލިން އެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ފޮރެސްޓް ދެ ވަނަ ހާފުގައި ފެނުނީ ޗެލްސީ އަށް ވުރެ ތަފާތު ކޮނެވެ. ގޯލު ޖަހަން އެ ޓީމުން ގިނަ ފުރުސަތުތަކެއް ހޯދައި، ޗެލްސީގެ ޑިފެންސަށް އެޓީމުން ފުލުފުލުގައި ނުރައްކާ ކުރި އެވެ.

ފޮރެސްޓުން ނަތީޖާ އެއްވަރު ކުރީ 63 ވަނަ ިނިޓުގައި ލިބުނު ކޯނަރެއް ޗެލްސީގެ ކުޅުންތެރިންނަށް ކްލިއާ ނުކޮށްލެވުމުގެ ފައިދާ ނަގައި، ކުރިން ޓޮޓެންހަމަށް ކުޅުނު ފުލްބެކް ސާޖް އޮރިއޭ އެވެ. އޭގެ ކުރިން ގިބްސް ވައިޓް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ.

މި ނަތީޖާ އާއެކު ޗެލްސީ އަށް ވަނީ ގަދަ ހަތަރެއްގެ ޓީމުތަކާ އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށް، ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ.

ޗެލްސީ އޮތީ 16 މެޗުން ހޯދި 25 ޕޮއިންޓާ އެކު ތާވަލްގެ އަށް ވަނައިގަ އެވެ. މި މެޗުން ލިބުނު ޕޮއިންޓަކީ ޓޭބަލްގެ 18 ވަނައިގައި އޮތް ފޮރެސްޓަށް މުހިއްމު ޕޮއިންޓެކެވެ. ފޮރެސްޓުން މިވަނީ 17 މެޗުން 14 ޕޮއިންޓު ހޯދައިގެން، ތާވަލްގެ 17 ވަނައިގައި އޮތް ވެސްޓް ހޭމް އާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ.