Roadha Mihaaru
ބޮޑު ތުހުމަތެއް ކުރި 2ބޭފުޅަކު އެހެން މިނިސްޓްރީއަކަށް

ބޮޑު ތުހުމަތެއް ކުރި ސިޔާސީ ދެ ބޭފުޅަކު އެހެން ދެ މިނިސްޓްރީއަކަށް

25 ޑިސެމްބަރ 2022

ބޮޑުު ދެ ތުހުމަތަކާ ގުޅިގެން މައްސަލަ ބެލި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ، އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮޑުު ދެ ތުހުމަތަކާ ގުޅިގެން މައްސަލަ ބެލި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ، އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ރިޔާޒު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. ޖިންސީ ފުރައްސާރައިގެ މައްސަލައިގައި މި އަހަރުގެ މޭ 29 އިން ފެށިގެން އޭނާ ހުރީ ސަސްޕެންޑްކޮށްފަ އެވެ.

އެއާއެކު ޝިމާޒު، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ. ޝިމާޒަކީ ކޮރަޕްޝަންގެ ތުހުމަތުތައް އެޅުވިފައިވާ ބޭފުޅެކެވެ.

އެ ބަދަލުތައް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެހާ ބޮޑު ދެ ތުހުމަތެއް ކުރެވުނު ދެ ބޭފުޅުން އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކުރި ސަބަބެއް ތަރުޖަމާނު ވިދާޅެއް ނުވެ އެވެ. އެ މައްސަލަ ނިމުނު ގޮތެއް ވެސް ސާފެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުން ސިޔާސީ މަގާމެއް ދެއްވި ރިޔާޒު ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ސަސްޕެންޝަނުގައި ހުންނެވީ މުސާރަ ލިބޭ ގޮތަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ގޮތެއް ސާފެއް ނުވެ އެވެ.

ޝިމާޒު ޔޫތު މިނިސްޓްރީއަށް ބަދަލުކުރިއިރު، ވެހިކަލް ރަޖިސްޓްރޭޝަނާއި ޓްރާންސްޕޯޓުގެ ތެރޭގައި ހިނގާ އެހެން މައްސަލަތަކުގެ ތުހުމަތު އޭނާގެ ބޮލުގައި ވަނީ އެޅުވިފަ އެވެ.

އެމްއާރުއެމްގެ ޖާގައެއްގައި މިނިސްޓަރު ކަމަށް ހަމަޖެއްސި ޝިމާޒު އެ މައްސަލަތަކާ ހެދި ވަކިކޮށްދިނުމަށް އެދި ރައީސް އޮފީހުގައި ވެސް މިނިސްޓަރު އައިޝަތު ނަހުލާ އެދިވަޑައިގަތެވެ. އެކަމަކު، އެ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގުކުރައްވަ އެވެ.

މައްސަލަ ޖެހުނު ދެ ބޭފުޅެއްގެ މިނިސްޓްރީ ބަދަލުކުރިއިރު، ހިޔާނާތުގެ ތުހުމަތު އެޅި ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ހުންނެވީ މަގާމުގަ އެވެ. ތުހުމަތު އެޅޭ ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އަމަލުކުރަން ސަރުކާރުން ނިންމި އުސޫލްތަކަށް ވެސް އޮތީ ބަދަލު ގެނެސްފަ އެވެ.