Roadha Mihaaru
ޔޫތަށް ހުސައިން އިސްމާއިލް، ޖެންޑާ އަށް ދަމާސް ޝިހާބު

ޔޫތު މިނިސްޓްރީ އަށް ހުސައިން އިސްމާއިލް، ޖެންޑާ އަށް ދަމާސް ޝިހާބު

15 ޖުލައި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުސައިން އިސްމާއިލް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ޝިހާބު (ދަމާސް ޝިހާބު) މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުސައިން އިސްމާއިލް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ޝިހާބު (ދަމާސް ޝިހާބު) މިއަދު އައްޔަން ކުރައްވައިފި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ކުރިން ވެސް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ހުސައިން އިސްމާއީލަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބާޖުން ޑިޕްލޮމާ އިން މާކެޓިން އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިންގް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ހީޓް ހެލްތް އެންޑް ފިޓްނަސްގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނެވި ހުސައިން އިސްމާއިލް ވަނީ ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރައީސްކަން ވެސް ކުރިން ކުރައްވައިފަ އެވެ.

ހުސައިން އިސްމާއިލަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލްގެ ބޭބެ އެވެ.

ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި މ. ބާންސާގެ، ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓްސް އެމްބެސެޑަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޝިހާބު ކުރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި އޭނާ ވަނީ ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް ކުރިން އަދާކުރައްވައިފަ އެވެ.

ޝިހާބަކީ އިންޑިއަގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ހުސައިން އިސްމާއިލާއެކު، ޔޫތު މިނިސްޓްރީގައި މިހާރު ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވާނެ އެވެ. މިހާތަނަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހަމައެކަނި ބޭފުޅާއަކީ އަަސްއަދު އަލީ އެވެ.

ޝިހާބާއެކު ޖެންޑާ މިނިސްޓްރީގައި ތިއްބަވާ ސްޓޭޓް މިނިސްޓަރުންގެ މިހާރުގެ އަދަދަކީ ހަތަރެކެވެ. ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިހާރު ތިއްބެވީ އިފްހާމް ހުސައިން، ފަޒްނާ ޝާކިރު އަދި ޒިފްލީނާ ހަސަނެވެ.